ސާފްގޭމްސްގައި ބައިވެރިވި ދިވެހި ޓީމުތަކުގެ ކުޅުންތެރިންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅު

بســم اللّـه الرّحمـن الرّحيــم
السَّلامُ عَلَيْكُم.
އާދެ! މިރޭ އަޅުގަނޑު އެންމެ ފުރަތަމަ އަދާކުރާހިތްވާ ވާޖިބަކީ، ފަސްވަނަ ސާފްގޭމްސްގައި ތަފާތު ކުޅިވަރުތަކުގައި ރާއްޖެ ތަމްސީލުކޮށްދިން ހުރިހާ ކުޅުންތެރިންނަށް އަދި އެކުދިންނާ ޙަވާލުވެވަޑައިގެން، ވަޑައިގެންނެވި ހުރިހާ އޮފިޝަލުންނަށާއި ވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވުން. ރާއްޖެއިން ފަސްވަނަ ސާފް ގޭމްސްގައި ބައިވެރިވި ކޮންޓިންޖެންޓްގެ ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރީ ރާއްޖެއަށް ރީތި ނަމެއް ހޯދައިދެވޭތޯ. އެހެންކަމުން، އެކަމުގައި ދިވެހި ރައްޔިތުންގެ ފަރާތުން އަދި ދިވެހި ސަރުކާރުގެ ފަރާތުން އެހުރިހާ ކުޅުންތެރިންނަށް ޙައްޤުވަނީ ވަރަށް މަތިވެރި ތަޢުރީފެއް.
އާދެ! މުބާރާތުގެ ކަންތައްތައް ދިމާވިގޮތުން، އަޅުގަނޑުމެންގެ ހުރިހާ ޓީމުތަކަށް ހޯދުނީ އެއްވަރުގެ ކާމިޔާބީތަކެއް ނޫން. އޭގެތެރެއިން، އަޅުގަނޑުމެންގެ ފުޓްބޯޅަ ޓީމު ވަރަށް މަތިވެރި ކުލަގަދަ ކާމިޔާބީއެއް ހޯދި. އަދި އަޅުގަނޑުމެންގެ ޓޭބަލްޓެނިސް ޓީމުވެސް ކާމިޔާބީއެއް ހޯދި. އެހެން ކުޅިވަރުތަކުގައި އަޅުގަނޑުމެންނަށް އެފަދަ ކާމިޔާބީތަކެއް ނުލިބުނު ކަމުގައިވިޔަސް، ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރީ އިޚްލާޞްތެރިކަމާއި، ހިތްވަރާއި ޢަޒުމާއެކީގައި. އަދި އެންމެންގެވެސް މަޤްޞަދަކީ، ރާއްޖެއަށް ރީތިނަމާއި ޝަރަފް ހޯދައިދިނުން. އެހެންވީމާ، ރާއްޖެ ތަމްސީލުކޮށްދިން ހުރިހާ ކުޅުންތެރިންނަށް ދިވެހި ސަރުކާރުގެ ނަމުގައާއި އަދި ދިވެހިރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު މަރުޙަބާ ކިޔުމަކީ މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އާދެ، އަޅުގަނޑުމެންގެ ޤައުމީ ފުޓްބޯޅަ ޓީމު ފަސްވަނަ ސާފްގޭމްސްގައި ހޯދީ މިހާރު މުޅި ދިވެހި ޤައުމު އެކަމަށްޓަކައި ފަޚުރުވެރިވާ، ވަރަށް މަތިވެރި ކާމިޔާބީއެއް. ޝައްކެއްނެތް، ރާއްޖެއަށް އެފަދަ ރީތި ނަމެއް އަޅުގަނޑުމެންގެ ޤައުމީ ޓީމުގެ ކުޅުންތެރިން ހޯދައިދިން ކަމަށްޓަކައި، އެހުރިހާ ކުޅުންތެރިންނަށްވެސް ޙައްޤުވެގެންވަނީ ދިވެހި ރައްޔިތުންގެ އިޚްލާޞްތެރި ލޯތްބާއި، ހިތްވަރުދިނުމާއި ތަޢުރީފް. އެ ކާމިޔާބީ ޙާޞިލްކުރުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިފައިވޭ. އެހެންކަމުން، އެފަރާތްތަކަށްވެސް މިރޭ ތަހުނިޔާ ދަންނަވައި، ޝުކުރު އަދާކުރުމަކީ އަޅުގަނޑުގެ އުފަލެއް ކަމަށް ދެކެން. އާދެ، އޭގެތެރެއިން އެންމެ ޚާއްޞަ އެއްފަރާތަކީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރު. އޭނާ ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރެއްވުމަށް، ކުރައްވަމުން ގެންދަވާ އިޚްލާޞްތެރި، ބުރަ މަސައްކަތްތަކަކީ، އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާ ކަމެއް ނޫން. ހަމައެއާއެކީގައި، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޗެއަރމަން އަލްފާޟިލް ޒާހިރު ނަޞީރު ކުރައްވާ މަސައްކަތްތައްވެސް އަބަދުވެސް އަޅުގަނޑުމެންނަށް ދަނީ ފެންނަމުން. މި ދެ ބޭފުޅުންގެ މަސައްކަތްޕުޅުގެ އިތުރަށް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗެއަރމަނާއި އިސްވެރިންވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވާ. ހަމައެއާއެކީގައި، ސްޕޯޓްސް ޑިވިޜަންގެ ވެރިންނާއި މުވައްޒަފުންވެސް އެކަމަށް މަސައްކަތް ކޮށްފައި ވަނީ އިޚްލާޞްތެރިކަމާއި އެއްބާރުލުމާއެކީގައި. އަދި އަޅުގަނޑުމެންގެ ޓީމުގެ ކުޅުންތެރިންނަށް ފުޓްބޯޅައިގެ ހުނަރުތައް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، ވަރަށް ރަނގަޅަށް ދަސްކޮށްދެއްވި ކަމަށް އަޅުގަނޑުމެންނަށް މިހާރު ތަޖުރިބާ ކުރެވިފައިވާ، އަޅުގަނޑުމެންގެ ކޯޗް، މިސްޓަރ ޓެމަސްވާރީއަށްވެސް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިދެންނެވި ފަރާތްތަކުގެ އިތުރަށް، ޓީމާ ޙަވާލުވެވަޑައިގެން ވަޑައިގެންނެވި ވެރިން، އާދެ، ހުރިހާ އޮފިޝަލުންނާއި އަދި ޓީމުގެ ތަފާތު ކަންތައްތަކާ ޙަވާލުވެވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑުމެންނަށް މިލިބުނު މަތިވެރި ކާމިޔާބީގެ އުފަލުގައި ޝުކުރާއި މުބާރަކްބާދީ ދެންނެވުމަކީ، އަޅުގަނޑަށް ނުކޮށް ދޫކޮށްލެވޭވަރުގެ އުފަލެއް ނޫން.
އާދެ، ފުޓްބޯޅައިގައި އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މިތިބީ، ކުރިން އަދި އެހިސާބަށް އަޅުގަނޑުމެންނަށް ނުދެވޭ ހިސާބަކަށޭ ދަންނަވަންޖެހޭ. އާދެ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ކުޅިވަރުގެ އެއްބާބު ނިމި، އަނެއް ބާބަކަށް އަޅުގަނޑުމެން މިކުރިމަތިލަނީ. މީގެކުރިން އަޅުގަނޑުމެން އެކިއެކި ސަރަޙައްދީ މުބާރާތްތަކުގައި ވަނީ ބައިވެރިވެފައި. އެހެންނަމަވެސް، ކުރިން އަޅުގަނޑުމެން ބައިވެރިވަނީ ހަމައެކަނި އެކަންތައްތަކުގައި ބައިވެރިވުމުގެ ގޮތުންނޭވެސް ދެންނެވިދާނެ. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެން ބައިވެރިވާ ފެންވަރު ތަފާތުވެގެން ހިނގައްޖެ. އާދެ! ހަމައެކަނި ބައިވެރިވުމުގެ އިތުރަށް، އެމުބާރާތްތަކުގައި އެކިއެކި ކާމިޔާބީތައް ހޯދުނު. އާދެ، ރިހިމެޑެލް ނުވަތަ ރަންމެޑެލް ހޯދުން އެއީ، މިއަދު އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއްކަން މިހާރު އަޅުގަނޑުމެންނަށް ސާބިތުވެ އެނގިއްޖެ. އެހެންކަމުން، އަޅުގަނޑުމެން މިހާރު ދެން ވިސްނަންވީ އިތުރަށް މިހުޅުވުނު ބާބުގައި ކުރިއަށްދާނީ ކިހިނެއްތޯ. އަޅުގަނޑުމެންނަށް މިހޯދުނު ކާމިޔާބީން ފުއްދާލަންވީތޯ. ނުވަތަ އެ ކާމިޔާބީ އެފެންވަރުގައި ދެމެހެއްޓިދާނެތޯ. ނުވަތަ އަޅުގަނޑުމެން މަސައްކަތް ކުރަންވީ އެ ކާމިޔާބީ އެފެންވަރުގައި ދެމެހެއްޓުމުގެ އިތުރަށް، ރާއްޖެއަށް އިތުރު ކާމިޔާބީތަކެއް ހޯދައިދެވޭތޯ. މިއީ، އަޅުގަނޑުމެން މިއަދު ވިސްނަންވީ ކަންތައްތަކަކީ.
ޝައްކެއްނެތް، ކުރިއެރުމަކީ ހުއްޓުމެއް އަންނާނެ ކަމެއް ނޫން. އެއްވެސް ރޮނގެއްގައި، އެއްވެސް މައިދާނެއްގައި. އަޅުގަނޑުމެންނަށް އެއިރަކަށް ދެވޭ ހިސާބަކުން ފެށިގެން މަސައްކަތް ކުރަންޖެހޭނީ އެއަށްވުރެ ކުރިއަށް ޖެހިލެވޭތޯ. މިހާރު އަޅުގަނޑުމެންނަށް ސާފް ގޭމްސްގައި ފުޓްބޯޅައިގެ ރިހިމެޑެލް މިވަނީ ޙާޞިލްކުރެވިފައި. ދެން އަޅުގަނޑުމެން ބަލަންވީ އެ ރިހިމެޑެލް ކާމިޔާބު ކުރެވުމާއެކީގައި އެއަށްވުރެ މައްޗަށް ދެވޭތޯ. އާދެ! ރަންމެޑެލް ޙާޞިލްކުރެވޭތޯ. މިހެން ދަންނަވާއިރު، އަޅުގަނޑަށްވެސް އެނގޭ، އަޅުގަނޑުމެންގެ ކުޅިވަރުތަކުގެ ތެރެއިން ބައެއް އެހެން ކުޅިވަރުތަކުގައިވެސް މީގެކުރިން އަޅުގަނޑުމެންނަށް އެކި ފެންވަރުގެ ކާމިޔާބީތައް ހޯދިފައިވާކަން. އާދެ! ސަރަޙައްދީ މުބާރާތެއްގައި އަޅުގަނޑުމެންގެ ޤައުމީ ބެޑްމިންޓަން ޓީމު ތަންކޮޅެއް ކުރިން ވަނީ ރިހިމެޑެލް ހޯދާފައި. އެހެންކަމާއެކު، އެ ޓީމަށް ޙައްޤުވާ ޝުކުރާއި ތަޢުރީފު ވަނީ އެ ދުވަސްވަރު އެ ޓީމަށް ރައްދުކުރެވިފައި. އަދި ސަރުކާރުގެ ފަރާތުން ދޭންވާ އިނާމުވެސް ވަނީ ދެވިފައި.
މިއަދު ފުޓްބޯޅައިގައި އަޅުގަނޑުމެންނަށް މިހޯދުނު ކާމިޔާބީއަކީ، އޭގެ ސަބަބުން އެހެން ކުޅިވަރުތައް ހަނދާންނައްތާލާނެ ކާމިޔާބީއެއް ނޫން. ދެންމެ ވަރަށް ޞަރީޙަކޮށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް، ސަރުކާރުން ކުޅިވަރުތައް ދެކޭގޮތް ބަޔާންކޮށްދެއްވައިފި. އެހެންވީމާ، އަޅުގަނޑު އެއާ ދޭތެރޭގައި އިތުރު ވާހަކައެއް ދަންނަވާކަށް ނެތިން. އަޅުގަނޑުވެސް ޔަޤީންކޮށްދެނީ ސަރުކާރުން ހުރިހާ ކުޅިވަރުތަކާ ދޭތެރޭގައި ބަލަނީ އެއް ނަޒަރަކުން ކަމުގައި. ސަރުކާރުން ބޭނުންވަނީ ހުރިހާ ކުޅިވަރުވެސް ތަރައްޤީކުރަން. ހުރިހާ ކުޅުންތެރިންނަށްވެސް، އެކުދިން އެކުޅޭ ކުޅިވަރެއްގައި ކުރިއަށް ދެވުމުގެ ފުރުޞަތު ހޯދައިދިނުމަށް. އެހެންނަމަވެސް، ފުޓްބޯޅައަކީ ރާއްޖޭގައި ޤަވާއިދުން އެންމެ ގިނަ ދުވަސް ވަންދެން ކުޅެވިފައިވާ ކުޅިވަރު. މިހާރު ޤައުމީ ފެންވަރުގައި ސާޅީސް އެތައް މުބާރާތެއް ބޭއްވިއްޖެ. އެހެން އެއްވެސް ކުޅިވަރެއްގައި އަދި އެހާ ދިގު މުއްދަތެއް ވަންދެން އަޅުގަނޑުމެންނަށް މުބާރާތްތަކެއް ބޭއްވިފައެއް ނެތް. އެހެންކަމާއެކު، ފުޓްބޯޅައިން ޚާއްޞަ އިނާމެއް ޙާޞިލްކުރުމަކީ އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ޙައިރާންވާންވީ ކަމެއް ނޫން. ހަމައެއާއެކީގައި، ފުޓްބޯޅައަކީ އޭގެ ޒާތުންވެސް މީހުންގެ މަޤްބޫލުކަން ވަރަށް ބޮޑަށް ދަމައިގެންފައިވާ ކުޅިވަރެއް. ހަމައެކަނި ރާއްޖެއަކު ނޫން، މުޅި ދުނިޔޭގައިވެސް. އެކަން އެހެން އޮތުމާއެކީގައި، ދިވެހި ރައްޔިތުންވެސް ފުޓްބޯޅައަށް ޚާއްޞަގޮތެއް ބެހެއްޓުން، ޚާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓުން އެއީ، އަޅުގަނޑު ހިތުން އެހެން ކުޅިވަރުތައް ކުޅޭ ކުދިން، އެކަމާ ދޭތެރޭގައި އެއްގޮތަކަށްވެސް ހިތްދަތިވާންވީ ކަމެއް ނޫން.
އާދެ! މިއަހަރަކީ ޒުވާނުންގެ އަހަރު. ކުޅިވަރަކީ ޒުވާނުންގެ ކަންތައްތައް ތަރައްޤީ ކުރުމުގައި ވަރަށް މުހިންމު ބައެއް އަދާކުރާ ކަމެއް. އެހެންކަމާއެކު، ކުޅިވަރު ތަރައްޤީ ކުރުމަށް މިއަހަރު ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އާދެ! މިހެން ދަންނަވާއިރު، ޒުވާނުން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ހަމައެކަނި ކަމަކީ ކުޅިވަރު ތަރައްޤީ ކުރުން ނޫންކަން އަޅުގަނޑު ދަންނަން. އަޅުގަނޑު ހިތުން ތިޔަ އެންމެ ބޭފުޅުންވެސް އެގޮތް ޤަބޫލުކުރައްވާނެ. ޒުވާނުން ކުރިއަރުވައި ތަރައްޤީކޮށް އަދި އެމީހުންގައި ހިމެނިފައިވާ ޤާބިލިއްޔަތު އެއަށްވުރެ ތަރައްޤީކޮށް، އެމީހުންގެ ފަރާތުން ޤައުމަށް ފައިދާތަކެއް ހޯދުމަށްޓަކައި ވަރަށް ގިނަ ކަންތައްތަކެއް ކޮށްދޭންޖެހޭ. އެކަންތައްތައް ކޮށްދޭން ޖެހެނީ ހަމައެކަނި ސަރުކާރަކުންނެއް ނޫން. ސަރުކާރުން ކޮށްދޭ ކަންތައްތަކުގެ އިތުރަށް، މުޅި ޤައުމުގެ ފަރާތުން، ޤައުމުގެ ރައްޔިތުންގެ ފަރާތުން އަދި ޒުވާނުންގެ ކަންތައްތަކަށް ޝައުޤުވެރިކަން ބަހައްޓާ ހުރިހާ ފަރާތްތަކަކުންވެސް އެކަންތައްތައް ޒުވާނުންނަށް ކޮށްދޭންޖެހޭ. އަޅުގަނޑުމެންގެ ޒުވާނުން ކުރިއަށް ގެންދަން ބޭނުންވަނީ ހުރިހާ މައިދާނެއްގައި، ހުރިހާ ރޮނގެއްގައި، ޤައުމަށް ޚިދުމަތް ކުރުމުގެ ރޮނގުގައި، އިޤްތިޞާދީ ރޮނގުގައި، ވިޔަފާރީގެ ރޮނގުގައި. އަދި މިހެންގޮސް ޤައުމަށް ފައިދާހުރި އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި ލާބަޔާއި މަންފާ ލިބޭ ކޮންމެ ރޮނގެއްގައި ޒުވާނުން ކުރިއަރައި ތަރައްޤީ ކުރުމަކީ ކޮންމެހެން ބޭނުންކަމެއް.
އެހެންވީމާ، އަޅުގަނޑުމެން މިއަހަރު ވަރަށް ޚާއްޞަގޮތެއްގައި ފިޔަވަޅުތަކެއް އަޅަން އެބަޖެހޭ. ޒުވާނުންގެ ޤާބިލިއްޔަތު އެންމެ ހެޔޮގޮތުގައި ހިފޭނީ ކިހިނެއްތޯ، އެ ޤާބިލިއްޔަތު އެއަށްވުރެ ފުރިހަމަކޮށްދެވޭނީ ކިހިނެއް ކަންތައް ކޮށްގެންތޯ އަދި އެމީހުންގެ ފަރާތުން އަޅުގަނޑުމެން އެންމެން
މި އެދޭ ޤައުމީ ޚިދުމަތް، އަޅުގަނޑުމެން އެދޭ ފެންވަރަށް ޙާޞިލްކުރެވޭނީ ކޮންގޮތަކަށް ޢަމަލުކޮށްގެންތޯ މިހިރީ އަޅުގަނޑުމެން މިއަހަރު ނިންމަންޖެހޭނެ ކަންތައްތަކެއް.
އާދެ، ކުޅިވަރު ތަރައްޤީ ކުރުމާ ބެހޭގޮތުން ވާހަކަދައްކާއިރުވެސް، ޒުވާނުން ތަރައްޤީކުރުމާ ބެހޭގޮތުން ވާހަކަދައްކާއިރުވެސް، އަޅުގަނޑު މިވާހަކަ ދައްކަނީ ހަމައެކަނި މާލޭގެ ޒުވާނުންނާ ބެހޭގޮތަކުންނެއް ނޫން. މުޅި ރާއްޖޭގެ ޒުވާނުންނާ ބެހޭގޮތުން. ރާއްޖެތެރޭގައިވެސް ގިނަބަޔަކަށް ތިބީ އަދުގެ ޒުވާނުން. ޒުވާނުންނަކީ ރާއްޖޭގެ އިޤްތިޞާދު ބިނާކުރުމުގައި ރާއްޖެތެރޭގައިވެސް ވަރަށް ގަދަޔަށް މަސައްކަތްކުރާ ބައެއް. އަދި ޤައުމީ ޚިދުމަތުގެ އެކި ދާއިރާތަކުގައިވެސް ރާއްޖެތެރޭގައި ޒުވާނުން ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް ގެންދަނީ ކުރަމުން. އެހެންކަމުން، ސަރުކާރުން ރާވައި، ހިންގާ ޕްރޮގުރާމްތަކުގައި މުޅި ރާއްޖޭގެ ޒުވާނުންނާ ދޭތެރޭގައި އެއް ނަޒަރަކުން ބަލައި، ރާއްޖޭގެ ޒުވާނުން، އެޒުވާނުން ދިރިއުޅެމުން ގެންދަނީ މާލޭގައި ކަމުގައިވިޔަސް، އަދި ރާއްޖެތެރޭގައި ކަމުގައިވިޔަސް، އެއްވެސް ތަފާތެއްނެތި ޒުވާނުންގެ ކަންތައްތައް ތަރައްޤީ ކުރެވޭތޯ މަސައްކަތް ކުރާނެ.
އާދެ، އަޅުގަނޑުމެން ކުޅިވަރު ތަރައްޤީކުރާއިރުވެސް ވިސްނާލަންޖެހޭ ނުކުތާއެއް މިދެންނެވީ. މިހާރު ރާއްޖޭގައި ކުޅިވަރުގެ ކަންތައްތައް ހަމަޖެހިފައި އޮންނަގޮތުން، ރާއްޖޭގެ ކުޑަކަމާ އެކީގައި އަދި އަޅުގަނޑުމެންގެ ވަސީލަތްތައްވެސް މަދުކަމާއެކީގައި ބޮޑަށް ކުރިއަށް މިދެވެނީ މާލޭގައި ދިރިއުޅޭ ކުޅުންތެރިންނަށް. ފުޓްބޯޅައިގައިވެސް ދިމާވަނީ އެހެން. އެހެން ކުޅިވަރުތަކުގައިވެސް ދިމާވަނީ އެހެން. އެއީ، މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ކަންތައްތައް ހުރިގޮތުން އެކަން ވާންވެސް އޮތްގޮތް. އެހެންނަމަވެސް، މިއަހަރަކީ ޒުވާނުންގެވެސް އަހަރު ކަމަށްވެފައި އަދި ސަރުކާރުން މިއަހަރު ރާއްޖެތެރެއަށް ޚާއްޞަގޮތެއް ބަހައްޓާނެކަމުގެ ޚަބަރު، މީގެ ކުރިން ސަރުކާރުގެ ތަފާތު ފަރާތްތަކުން، އަޅުގަނޑުވެސް ހިމެނޭގޮތުން ވަނީ ދެވިފައި ކަމަށްވާތީ، އަޅުގަނޑު ދެކޭގޮތުގައި، ކުޅިވަރާބެހޭ ކަންތައްތައް ރާއްޖެތެރޭގައި މިހާރަށްވުރެ ތަރައްޤީ ކުރުމަށް މިއަހަރު އަޅުގަނޑުމެން ވަރަށް ޚާއްސަގޮތެއް ބަހައްޓަންޖެހޭނެ.
އާދެ، އެހެންވީމާ، އަޅުގަނޑު މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސްގެ އަރިހުން އެދެނީ އަދި ރާއްޖޭގެ ކުޅިވަރު ތަރައްޤީ ކުރުމާބެހޭ ހުރިހާ ފަރާތްތަކަކުން އެދެނީ، މިއަހަރު ޚާއްޞަގޮތެއް ރާއްޖެތެރެއަށް ބަހައްޓަވައި ދެއްވުމަށް. ކުޅިވަރުގެ އެކިއެކި ފަސޭހަތައް ރާއްޖެތެރެއަށް ވާޞިލުކޮށްދެއްވައި އަދި ރާއްޖެތެރޭގެ ޒުވާނުންވެސް ކުޅިވަރު ކުޅުމަށް ބޭނުންވާ އެކި ކަންތައްތައް ފަހިކޮށްދެއްވުމުގައި، އެމިނިސްޓްރީއަށާއި، ސްޕޯޓްސް ޑިވިޜަނަށާއި އަދި ރާއްޖޭގައި އުފެދިފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށާއި އަދި ކުޅިވަރަށް ލޯބިކުރާ އަމިއްލަ ފަރާތްތަކަށްވެސް، އެ ހުރިހާ ފަރާތްތަކަކަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް މިއަހަރު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އެދުމެއް.
އާދެ، ޝައްކެއްނެތް، އަޅުގަނޑުމެންގެ ރާއްޖެ މިއަދު މި ކުރިއަށްދަނީ ވަކި ރޮނގަކުންނެއް ނޫން. ހުރިހާ ރޮނގަކުން. އެހެންކަމާއެކު، އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންޖެހޭނީ މުސްތަޤްބަލުގައިވެސް މިގޮތުގައި ދެމިތިބުމަށް. ހުރިހާ ރޮނގަކުންވެސް ރާއްޖެ ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށް. އަޅުގަނޑުމެން އެންމެންވެސް ގަދައަޅައި މަސައްކަތް ކުރަންޖެހޭނެ. އޭގެތެރޭގައި، ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކޮށްލަންޖެހެނީ ޒުވާނުން. ޒުވާނުންގެ ތެރެއިން ގިނަބަޔަކީ ކުޅިވަރު ކުޅޭ ކުޅުންތެރިން ކަމަށްވާތީ، މިކަހަލަ މުނާސަބަތެއްގައި، އެ ނުކުތާ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލުމަކީ އަޅުގަނޑު ދެކޭގޮތުން އެކަން ކުރަންވެސް ޖެހޭނެގޮތް.
އާދެ! މިރެޔަކީ ވަރަށްވެސް އުފާވެރި ރެއެއް. އަޅުގަނޑުމެންގެ ކުޅިވަރު ކުޅޭ ކުޅުންތެރިން ރާއްޖެއަށް ވަރަށް ރީތި ނަމެއް ވަނީ ހޯދައިދީފައި. އެކުޅުންތެރިން އެ ރީތިނަން ހޯދައިދިނީ ހަމައެކަނި އެކުދިން އެކުޅޭ ކުޅުމުގައި ރިހިމެޑެލް ހޯދައިދިނުމަކުންނެއް ނޫން. ނުވަތަ އެނޫންވެސް އެހެން ކާމިޔާބީތައް ހޯދައިދިނުމަކުން އެކަންޏެއް ނޫން. އޭގެއިތުރުން، އެހުރިހާ ކުދިންވެސް ރާއްޖެ ތަމްޞީލުކޮށްދިން ރީތިގޮތުން. މިއީ، ވަރަށް ޚާއްޞަ ބާރެއްލާން އަޅުގަނޑު ބޭނުންވާ ނުކުތާއެއް. ދިވެހިރައްޔިތުން އެދެނީ، ރާއްޖޭގެ ކުޅިވަރު ކުޅޭ ކުޅުންތެރިން، ބޭރު ޤައުމުތަކުގައި ހަމައެކަނި ރަންމެޑެލްތަކެއް ހޯދައިދިނުމެއް ނޫން. ހަމައެކަނި ރިހިމެޑެލްތަކެއް ހޯދައިދިނުމެއް ނޫން. އަދި އެނޫންވެސް ކާމިޔާބީތައް ހޯދައިދިނުން އެކަންޏެއްނޫން. ދިވެހިރައްޔިތުން އެދެނީ، ދިވެހިރާއްޖެ ޝަރަފްވެރިގޮތެއްގައި، އަދި ފަޚްރުވެރިގޮތެއްގައި، ރާއްޖެއިން ބޭރުގައި ދިވެހި ޒުވާނުން ތަމްސީލުކޮށްދިނުން. ދިވެހި ކުޅުންތެރިން ތަމްސީލުކޮށްދިނުން. އަޅުގަނޑުމެން ކުޅެންޖެހޭނީ ކުޅިވަރުގެ ރޫޙާ އެއްގޮތްވާ ރީތި ކުޅުމެއް. އެކަން އަޅުގަނޑުމެންގެ ހުރިހާ ކުޅުންތެރިންވެސް މިފަހަރު ވަނީ ރާއްޖެއަށް ކޮށްދީފައި. އަޅުގަނޑުމެންގެ އެއްވެސް ކުޅުންތެރިޔަކަށް އެއްވެސް ކަހަލަ އިންޒާރެއް، އެއްވެސް ފަރާތަކުން ލިބިފައެއް ނެތް. އަޅުގަނޑުމެންގެ ކުޅުންތެރިޔަކު ކުޅުނު ކުޅުމަކާ ބެހޭގޮތުން އެއްވެސް ފަރާތަކުން ފާޑުކިޔާކަށް ޖެހިފައެއް ނެތް. ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އަމުރަށް ކިޔަމަންތެރިވުމާއި، ޤަވާޢިދުތަކަށް ޙުރްމަތްތެރިކޮށްހިތުމާއި، އުޅުމާއި، އަޚްލާޤުގެ ރޮނގުގައި އަޅުގަނޑުމެންގެ ސާފް ގޭމްސްގައި ބައިވެރިވި ކޮންޓިންޖެންޓްގެ ހުރިހާ ކުޅުންތެރިންވެސް ވަރަށް ރީތި މިސާލެއް ވަނީ ދައްކައިދީފައި. އެހެންވީމާ، އަޅުގަނޑު އެންމެބޮޑަށް އުފާކުރާ ކަމަކީ އެއީ، ކަމުގައި ދަންނަވަންޖެހޭ.
އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، ރާއްޖޭގެ ކުޅުންތެރިން މިދެންނެވި ގޮތުގެ މަތިން، އެންމެ މުހިންމުކަން ދޭންޖެހޭ ކަންތައްތަކަށް މުހިންމުކަން ދިނުމާއެކީގައި، އާދެ، ކުޅިވަރުގެ ރޫޙާ އެއްގޮތަށް ކުޅުމަށާއި، އަޚްލާޤީ ގޮތުންނާއި، އުޅުމުގެ ގޮތުން ރީތި މިސާލެއް ދެއްކުމާއެކީގައި، ކޮންމެ ކުއްޖަކުވެސް އެކުއްޖަކު އެކުޅޭ ކުޅިވަރަކުން ކުރިއަށްދިޔުން. އަދި ކޮންމެ ޓީމެއްވެސް އެޓީމެއް އެކުޅޭ ކުޅުމަކުން ރާއްޖެއަށް މުސްތަޤްބަލުގައި ރީތިނަމާއި ޝަރަފް ހޯދައިދިނުން.
އާދެ، އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، އަދިވެސް އެއްފަހަރު، ދިވެހިރާއްޖެ ތަމްސީލު ކޮށްދިނުމަށްޓަކައި، ފަސްވަނަ ސާފްގޭމްސްގައި ބައިވެރިވި ދިވެހިރާއްޖޭގެ ކޮންޓިންޖެންޓްގެ ހުރިހާ ކުޅިވަރުތަކެއްގެ ހުރިހާ ކުޅުންތެރިންނަށް މަރުޙަބާ ކިޔަމުން، ތަހުނިޔާ ރައްދުކުރަމުން. ވަކިން ޚާއްޞަގޮތެއްގައި، އަޅުގަނޑުމެންގެ ޤައުމީ ފުޓްބޯޅަ ޓީމު ދިވެހިރާއްޖެއަށް ހޯދައިދިން މަތިވެރި އަދި ކުލަގަދަ ކާމިޔާބީއަށްޓަކައި، އެ ޓީމުގެ ކުޅުންތެރިންނަށާއި ވެރިންނަށް، އިޚްލާޞްތެރިކަމާއެކު، އަދިވެސް އެއްފަހަރު މަރުޙަބާ ދަންނަވަމުން.
والسّلام عليكم ورحمـة اللّـه و بركا ته.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ