ޒިމްބާބުވޭގެ ރައީސްގެ ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފި

ޒިމްބާބުވޭގެ ރައީސް އެމަރސަން މުނަންގަގުވާގެ ރިޔާސީ ދައުރު 2030 ވަނަ އަހަރާ ހަމައަށް ދިގުދެއްމުމަށް މަގުފަހިވާ ގޮތަށް ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު އެ ގައުމުގެ ސެނެޓުން ފާސްކޮށްފި އެވެ.
މި އިސްލާހު ފާސްކުރުމާ ގުޅިގެން މިހާރު އުމުރުން 83 އަހަރުގެ މުނަންގަގުވާއަށް އިތުރު ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު މިވަނީ ތަނަވަސްވެފަ އެވެ.
ސެނެޓުގެ ރައީސް މޭބަލް ޗިނޮމޯނާ ވިދާޅުވި ގޮތުގައި، ބުދަ ދުވަހު ނެގި ވޯޓުގައި މި އިސްލާހަށް 75 ސެނެޓަރުން ތާއީދުކުރެއްވިއިރު، ދެކޮޅަށް ވޯޓު ދެއްވީ އެންމެ ހަތަރު ސެނެޓަރުންނެވެ.
މި ބަދަލުތަކުގެ ތެރޭގައި ރިޔާސީ ދައުރާއި މަޖިލީހުގެ ދައުރު ފަސް އަހަރުން ހަތް އަހަރަށް އިތުރުކުރުން ހިމެނެ އެވެ. މީގެ އިތުރުން، ރައީސް އިންތިހާބުކުރުން ރައްޔިތުންގެ ސީދާ ވޯޓަކުން ނިންމުމުގެ ބަދަލުގައި، މަޖިލީހުގެ ތެރެއިން ރައީސް ހޮވާ ގޮތަށް ވެސް މި ބިލުގައި ވަނީ ކަނޑައަޅާފަ އެވެ.
ޒިމްބާބުވޭގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ އޮންނަނީ 1980 ވަނަ އަހަރު މިނިވަންކަން ލިބުނީއްސުރެ ވެރިކަން ކުރަމުން އަންނަ ޒިމްބާބުވޭ އެފްރިކަން ނޭޝަނަލް ޔޫނިއަން-ޕެޓްރިއޮޓިކް ފްރަންޓް ނުވަތަ ޒަނޫ-ޕީއެފް ޕާޓީއަށެވެ. މިދިޔަ ހަފުތާގައި ނެޝަނަލް އެސެމްބްލީއިން މި ބިލު ފާސްކުރީ 216 މެންބަރުންގެ ތާއީދާއެކުގަ އެވެ.
އިދިކޮޅު ފަރާތްތަކުން މި ބަދަލުތައް ސިފަކުރަނީ ގާނޫނުއަސާސީގެ ތެރެއިން ގެނައި ބަޣާވާތެއްގެ ގޮތުގައެވެ. އެ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ވެރިކަން ކުރާ ޕާޓީގެ ބާރު ގައުމުގެ މައްޗަށް ދާއިމީކޮށް ވަރުގަދަކުރުމަށް ކުރާ މަސައްކަތެކެވެ.
މުނަންގަގުވާ ވެރިކަމަށް ވަޑައިގަތީ 2017 ވަނަ އަހަރު އަސްކަރީ ބަޣާވާތެއްގެ ތެރެއިން، ގިނަ ދުވަސްތަކެއް ވަންދެން ވެރިކަން ކުރެއްވި ރޮބަޓް މުގާބޭ މަގާމުން ދުރުކުރުމަށްފަހުގަ އެވެ.
މި އިސްލާހާ ދެކޮޅަށް އަޑުއުފުލާ އެކްޓިވިސްޓުންނާއި އާންމުންނަށް ސަރުކާރުގެ ފަރާތުން ބިރުދެއްކުމާއި އަނިޔާކުރުމުގެ އަމަލުތައް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ