ބްރެޒިލްއާ ދެކޮޅަށް މޮޅު ކުޅުމެއް ކުޅެ 1-1އިން މޮރޮކޯއިން އެއްވަރުކުރި މެޗު ކުޅުނު 13 ޖޫންއަކީ ތާރީހީ ދުވަހެކެވެ: މޮރޮކޯގެ ޖާޒީގައި ދަނޑު މަތީގައި ހުރި އެންމެ ކުޅުންތެރިއަކު ވެސް އެ ގައުމަށް އުފަން ވެފައެއް ނުވެ އެވެ.
މިއީ ވޯލްޑް ކަޕްގައި ފެންނަ ވަރަށް ތަފާތު މަންޒަރެކެވެ. އުފަންވި ގައުމު ދޫކޮށް އެހެން ގައުމެއް ތަމްސީލްކުރާ ކުޅުންތެރިން މިހާރު އަންނަނީ ގިނަވަމުން ވެސް މެ އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ކުޅޭ ކުޅުންތެރިންގެ %23 ކުޅުންތެރިން އުފަންވީ ކުޅޭ ގައުމު ނޫން އެހެން ގައުމުތަކަށެވެ. މި ނިސްބަތް މީގެ ހަަތަރު އަހަރު ކުރިން 2022ގައި ގަތަރުގައި އޮތް ވޯލްޑް ކަޕްގައި އުޅުނީ %16.5 ގަ އެވެ.
ވޯލްޑް ކަޕްގެ ތާރީހު ދިރާސާކުރާ ތަޖުރިބާކާރުން ބުނި ގޮތުގައި އޭގެ ކުރިން އެ ނިސްބަތް ތަފާތު ވަމުން އައީ %2 އާއި %14އާ ދެމެދުގަ އެވެ.
2026 - 289
2022 - 137
2018 - 84
2014 - 85
2010 - 78
ފީފާ އުފެއްދީ 1904 ގަ އެވެ. އެކަމަކު ވޯލްޑް ކަޕްގައި ކުޅުންތެރިން ބޭނުން ގައުމަކަށް ނުކުޅެވޭ އުސޫލު ތައާރަފުވީ 1960ގެ އަހަރުތަކުގަ އެވެ. އޭގެ ކުރިން ނަމަ ކޮންމެ ގައުމަކަށް ވެސް ކުޅެންވީ އެވެ.
ލުއިޒް މޮންޓީއަކީ ތާރީހީ ތަރިއެކެވެ. އާޖެންޓީނާގެ މިޑްފީލްޑް ކުޅުންތެރިޔާ 1930ގައި ކުޅުނީ އާޖެންޓީނާއަށެވެ. އެފަހަރުގެ ފައިނަލްގައި ކުޅެ އާޖެންޓީނާ ބަލިވި އެވެ.
އެކަމަކު 1934ގައި މޮންޓީ ބަދަލުވީ އިޓަލީއަށެވެ. އެ ފަހަރުގެ މުބާރާތް އިޓަލީން ކާމިޔާބު ވެސް ކުރި އެވެ. މޮންޓީއަކީ މިއަަދާ ހަމައަށް ތަފާތު ދެ ގައުމެއްގެ ޓީމަށް ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާ އެވެ.
ފީފާއިން 1962ގައި ތައާރަފުކުރި އުސޫލުގެ ދަށުން ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިޔަކު އެ ގައުމެއްގެ ރައްޔިތަކަށް ވާން ޖެހޭނެ އެވެ. އަދި އޭނާގެ މުޅި ކެރިއަރުގައި އެއް ގައުމަކަށް ވުރެ ގިނަ ގައުމު ތަމްސީލެއް ވެސް ނުކުރެވޭނެ އެވެ.
ފީފާއިން 2004ގައި ގެނައި ބަދަލުގައި އުމުރު ފުރައިގެ ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންެތެރިޔަކު ސީނިއަ ގައުމީ ޓީމަށް އެހެން ގައުމެއް ހިޔާރުކުރެވިދާނެ އެވެ. އެކަމަކު އެ ކުޅުންތެރިޔާގެ މަންމަ ނޫނީ ބައްޕަ ނުވަތަ ކާފަ އާއި މާމައިގެ ތެރެއިން މަދުވެގެން އެކަކު އެ ގައުމަކަށް އުފަންވާން ޖެހޭނެ އެވެ.
ދެން ފުރުސަތު ލިބޭނީ ކުޅުންތެރިޔާ މަދުވެގެން ފަސް އަހަރު ވަންދެން އެ ގައުމެއްގައި ދިރިއުޅޭ ނަމަ އެވެ.
މިހާރު ފީފާއިން އެހެން ލުޔެއް ވެސް އޮތީ ދީފަ އެވެ. އެއީ އުމުރުން 21 އަހަރު ވުމުގެ ކުރިން ގައުމެއްގެ ގައުމީ ޓީމަށް ތިން މެޗަށް ވުރެ މަދުން ކުޅެފައިވާ ނަމަ އެހެން ގައުމެއް ތަމްސީލްކުރެވިދާނެ އެވެ.
ފުޓްބޯޅައިގައި މޮރޮކޯގެ ފެންވަރު ތަފާތުވެގެން އުޅެނީ އެ ފުރުސަތުތަކާ ހެދި އެވެ. މޮރޮކޯއަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކު ޔޫރަޕްގެ އެކި ގައުމުތަކުގައި ދިރިއުޅެ އެވެ. އެ މީހުންގެ ހުނަރުވެރި ދަަރިން ލައްވާ ގައުމީ ޓީމަށް ކުޅުވަން މޮރޮކޯއިން ހާއްސަ މަސައްކަތްތަކެއް ކުރެ އެވެ.
ވޯލްޑް ކަޕްގައި މިހާތަނަށް ކުޅޭ އެންމެ ކުޑަ ގައުމު ކިއުރެސާއޯގެ އާބާދީ ރާއްޖެއަށް ވުރެ ވެސް ކުޑަ އެވެ. އެހެންވެ ބައެއް މީހުން ރާއްޖޭގެ ފުޓްބޯޅައަށް ފާޑުކިޔަން ކިއުރެސާއޯއިން މިސާލު ދައްކަ އެވެ.
އެކަމަކު ކިއުރެސާއޯގެ ސްކޮޑްގައި ހިމެނޭ އެންމެ ކުޅުންތެރިއެއް ވެސް، ނެދަލެންޑްސްގެ ބައެއްގެ ގޮތުގައި އޮތް، އެ ގައުމަށް އުފަންވެފައެއް ނުވެ އެވެ. ސްކޮޑްގެ 25 ކުޅުންތެރިން ވެސް ނިސްބަތްވަނީ ނެދަލެންޑްސްއަށެވެ. ކުޅެނީ ޔޫރަޕްގެ ލީގުތަކުގަ އެވެ.
25 - ކިއުރެސާއޯ
20 - ޑީއާރު ކޮންގޯ
19 - މޮރޮކޯ
17 - ބޮސްނިއާ
17 - ހެއިޓީ
16 - އަލްޖީރިޔާ
އުފަންވި ގައުމު ދޫކޮށް ވޯލްޑް ކަޕްގައި އެހެން ގައުމެއްގެ ޖާޒީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ