ވަޒީފާ އަދާކުރާ ތަންތަނުގައި ހިނގާ ޖިންސީ ފުރައްސާރަ އާއި ގޯނާގެ އަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންދިޔަތާ ދެ މަސް ދުވަސް ވެގެންދިޔައިރު ވެސް، އެ ބިލް އަލުން މަޖިލީހަށް ހުށަނޭޅި އެވެ.
ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލް ސްޕޮންސަރު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފް އެވެ. މި ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް، ބިލްގެ ބަހުސް މަރުހަލާ ނުފެށެނީސް، އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް ބިލް އަނބުރާ ގެންދިޔަ އެވެ.
ބިލް އަނބުރާ ގެންދިޔަ ސަބަބެއް ކަމަށް މަޖިލީހުގައި އިއުލާނު ކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ ހ. ގައިވާ ގޮތުގެ މަތީން، އެ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށެވެ. ނަމަވެސް އެއީ ކޮން އިސްލާހުތަކެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މި ބިލް ހުށަހެޅި ބޭނުންތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތްތަކުންނާއި، ގާނޫނުގެ ދަށުން އުފައްދާ "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީ" ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ގާނޫނުގައި އިތުރަށް ސާފުކޮށް ބަޔާންކުރުމާއި ޖިންސީ ފުރައްސާރައިގެ އަމަލުތަކުގެ ޝިކާރައަށްވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވޭނެ މޭރުމުން، ކޮމިޓީތަކުން ޝަކުވާ ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތްތައް ހަރުދަނާކުރުން ހިމެނެ އެވެ.
ވަޒީފާދޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ މިންވަރު ބަލައި މޮނިޓަރުކުރުމުގެ ބާރުގެ ދާއިރާ އިތުރަށް ފުޅާކުރަން ބިލްގައި ހުށަހަޅާފައި ވާއިރު، ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ އެކި ދަތިތަކަށް ހައްލު ހޯދުމަކީ ވެސް ބިލްގެ މަގުސަދެކެވެ.
މި ބިލާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ އަދި މެންބަރު ޝަރީފުގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
ޖިންސީ ގޯނާ ހުއްޓުވުން ހަރުދަނާކުރާ ބިލް އަނބުރާ ގެންދިޔަ ގޮތަށް އޮބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ