"ދައުލަތް ދަންނަ ބަޔަކަށް މަސްވެރިން ހެދުމުގެ މަސައްކަތް ކާމިޔާބު"

މަސްވެރިންނަކީ ދައުލަތުގެ މުއައްސަސާތަކުން ބަލައިގަންނަ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ކާމިޔާބުކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަން ފަދަ ސިނާއަތްތަކަށް ދިވެހިން ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މަސްވެރިކަމަކީ އެހެން ސިނާއަތްތަކާއި ތަފާތު ސިނާއަތަކަށް ވާއިރު، ރާއްޖޭގައި އާއްމުކޮށް ކޮށް އުޅޭ ދޮށީގެ މަސްވެރިކަމަކީ އެހެން ޤައުމުތަކުގައި މަދުން ނޫނީ ނުކުރާ މަސްވެރިކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އެހެންކަމުން އެ ސިނާއަތުގައި މީހުން ދެމި ތިބޭނެ މަގުފަހިކުރުމަކީ އުނދަނގޫ ކަމެއް ކަމުގައި ވީނަމަވެސް، ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް ރާއްޖެ ވެގެންދާނީ ދޮށީގެ މަސްވެރިކަން ކުރިއެރުވުމަށް އެންމެ ބޮޑު މަސައްކަތެއް ކުރާ އެއް ޤައުމަށް ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން މަސްވެރިކަމުގައި މުޅި އުމުރު ހޭދަކުރިޔަސް އެ ދާއިރާ އަށް ކުރާ ޚިދުމަތަކީ ދައުލަތުން ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ. އަދި މަސްވެރިންނަކީ ރާއްޖޭގެ މާލީ ނިޒާމު ދަންނަ ބަޔަކަށް ނުވުމަކީ އެ ދާއިރާ އަށް މީހުން ޝައުގުވެރިނުވާ އެންމެ ބޮޑު އެއް ސަބަބުކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމާއި، މަސްވެރިންނާއި ރައްޓެހި އުސޫލުތައް މާލީ ނިޒާމުގެ ތެރެއަށް ތައާރަފްކުރުމުގެ ނަތީޖާ އަކީ މަޑުމަޑުން އެ ދާއިރާ އަށް އޮތް ޝައުގުވެރިކަން އިތުރުވުންކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މަޑުމަޑުން އެބަ ރަނގަޅުވޭ. އަޅުގަނޑުމެން މަސްވެރިންގެ ދަފްތަރެއް އެކުލަވާލާ މާލީ ނިޒާމާއި އިންސްޓިޓިއުޝަންތަކުން ބަލައިގަންނަ ބަޔަކަށް މަސްވެރިން ހެދީ. އޭގެ ކުރިން މުޅި އުމުރު މަސްވެރިކަމުގައި ހޭދަކުރިޔަސް އެކަން ދައުލަތަކަށް ނޭނގޭ. މިހާރު މަސްވެރިންނަށް ބޭންކިންގ އަދި ފައިނޭންސިންގ ފަދަ ޚިދުމަތްތައް ލިބުން ފަސޭހަ" ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން، މަސްވެރިކަމުގައި ތިބި މީހުންނަށް ސިޔާސީ މަންފާ ހާސިލްކުރެވޭ ގޮތަށް ވަޒީފާ ދިނުމަކީ އެ ދާއިރާއަށް ލިބުނު ހީނަރުކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ. ބައެއް ކުންފުނިތަކުން ބަލަންވާ ވަރަށް ނުބަލާ ވަޒީފާތައް ދީފައިވާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.
ޒުވާނުން މި ސިނާއަތަށް ޝައުޤުވެރިކުރުވުމަށް ހިންގި ޕްރޮގްރާމު ކާމިޔާބުކަމަށް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެ ޕްރޮގްރާމު މެދުވެރިކޮށް 5 ޒުވާނުން ތަމްރީންކޮށްފައިވާ ކަމަށެވެ. މިހާރު ވެސް އެ 5 ޒުވާނުން މަސްވެރިކަމުގައި ދެމިތިބި އިރު، ސަރުކާރުގެ އަމާޒަކީ މިފަދަ އިތުރު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަކީ މި ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް މަސައްކަތް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާދިނުމަށާއި، މަހުގެ ސްޓޯރޭޖް ކެޕޭސިޓީ ވަރުގަދަކުރުމަށާއި، ސިނާއަތް ދިރުވާ އާލާކުރުމަށް ސަރުކާރުން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ