ކެރީބިއަން ކަނޑުގައި އޮންނަ ފްރެންޗް ވެސްޓް އިންޑީޒްގައި ފަތްކޭލުގެ ދަނޑުވެރިކަންކުރި މީހުން ބޭނުންކުރި ވިހަ ކެމިކަލެއް ހުއްޓާލިތާ އެތައް އަހަރެއް ވެފައި ވިޔަސް އެ ސަރަހައްދުގެ ބޮޑެތި މީހުންގެ އާބާދީގެ 80 ޕަސެންޓް މީހުންގެ ލޭގައި އެ ވިހަ ޕެސްޓިސައިޑްގެ އަސަރު އަދިވެސް އެބަހުރި ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
މިދިޔަ ބުދަދުވަހު އާންމުކުރި މި ދިރާސާގައި އިންޒާރު ދީފައިވާ ގޮތުގައި، ފަރަންސޭސިވިލާތުގެ ކުރީގެ އިސްތިއުމާރީ އަދި މިހާރުގެ އޯވަސީސް ޓެރިޓަރީތަކެއް ކަމަށްވާ މާޓިނީކް އަދި ގުއަޑެލޫޕްގެ ކޮންމެ 6 މީހަކުން 1 މީހެއްގެ ހަށިގަނޑުގައި، ކެންސަރަށް މަގުފަހިކުރުވާ މި ކެމިކަލް، ރައްކާތެރި މިންގަނޑަށްވުރެ އިތުރަށް އެބަހުއްޓެވެ.
ފްރާންސްގެ ސިއްހީ އިދާރާތަކުން ދެ ސަރަހައްދުން، ކޮންމެ ސަރަހައްދަކުން 1,000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއިން އެނގުނު ގޮތުގައި:
ލިބޭ ސިއްހީ ގެއްލުންތައް:
މި ކެމިކަލާ، ޕްރޮސްޓޭޓް ކެންސަރާ ގުޅުން ހުރެ އެވެ. (މާޓިނީކް އަދި ގުއަޑެލޫޕް އަކީ ދުނިޔޭގައި އެންމެ ގިނައިން ޕްރޮސްޓޭޓް ކެންސަރު ޖެހޭ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ތަންތަނެވެ).
މީގެ އިތުރުން ބަނޑުގެ ކެންސަރާއި، ޗިސްމޭގެ ކެންސަރަށް ވެސް މަގުފަހިވެ އެވެ. ފްރާންސްގެ އެންސެސް ހެލްތު އެޖެންސީން ބުނާ ގޮތުގައި މީގެ ސަބަބުން ނާރުތަކުގެ ނިޒާމަށާއި، ދަރިމައިވުމުގެ ނިޒާމަށާއި، ހޯމޯންތަކަށް އަދި ހިތް ހިމެނޭގޮތަށް ބައެއް ގުނަވަންތަކުގެ މަސައްކަތަށް ނޭދެވޭ އަސަރު ކުރެ އެވެ.
މި މައްސަލައާ ގުޅިގެން، މިމަހުގެ ކުރީކޮޅު ޕާލަމެންޓުން ވަނީ ސިއްހީ، ތިމާވެށި އަދި އިގްތިސާދީ ގޮތުން ލިބުނު ގެއްލުންތަކުގެ ޒިންމާ ދައުލަތުން އުފުލަންޖެހޭނެ ކަމަށް ގަބޫލުކޮށް ބިލެއް ފާސްކޮށްފަ އެވެ. އަދި ފަސްގަނޑާއި ފެން ސާފުކުރުމަށާއި، މީގެ ޝިކާރައަކަށްވީ މީހުންނަށް ބަދަލުދިނުމަށް ވަނީ ވައުދުވެފަ އެވެ. -- އޭއެފްޕީ
ދަނޑުތަކުގައި ބޭނުންކުރި ކެމިކަލެއް ހުއްޓާލިތާ 30 އަހަރު ވީއިރު ވެސް އާންމުންގެ ލޭގައި އޭގެ އަސަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ