ސިނގިރޭޓު ޓެކްސް ކުޑަކުރުން: ޑަބްލިއުއެޗްއޯގެ ކުރީގެ މާހިރުންގެ ދިރާސާ އާއި ސަރުކާރުގެ ނިންމުން

ސިނގިރޭޓުގެ ޓެކްސްއާ ގުޅޭ ގޮތުން ސަރުކާރުން އަމަލުކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފައަށް -  ދުންފަތް ކޮންޓްރޯލް ކުރުމާ ގުޅޭ ގޮތުން އެ ޖަމިއްޔާގެ ކުރީގެ އިސް އޮފިޝަލުން ވިދާޅުވަނީ މިހެންނެވެ. 
މި އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހު، ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އަދި ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން ވަނީ، ޑަބްލިއުއެޗްއޯގެ ލަފަޔަކަށް ރިއާޔަތްކޮށް ސިނގިރޭޓުން ނަގާ ޑިއުޓީ 8 ރުފިޔާ އިން 4 ރުފިޔާ އަށް ކުޑަކުރުމަށް ސަރުކާރުން ވިސްނަމުންދާކަން އިއުލާން ކުރައްވާފަ އެވެ.
މި ވާހަކަ ވަރަށް ބޮޑަށް ފެތުރިފައިވީ ނަމަވެސް، މިކަމާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯއިން ހަދާފައިވާ ކަމަށް ބުނާ ދިރާސާއެއް އަދިވެސް ލޮލަކަށް ނުފެނެ އެވެ. އެހެންވެ، އެ ވާހަކަ ކަށަވަރު ކުރުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް، ސަރުކާރުގެ މެސެޖު ވަރަށް ސާފެވެ. އެއީ ޑަބްލިއުއެޗްއޯގެ ހޯދުންތަކާއި ދިރާސާތަކަށް ސަރުކާރުން ތަބާވާ ކަމާއި، ސިނގިރޭޓު އަގުބޮޑުކޮށް ދުންފަތް ކޮންޓްރޯލް ކުރައްވާތީ ރައީސުލްޖުމްހޫރިއްޔާއަށް ޑަބްލިއުއެޗްއޯއިން ހާއްސަ އެވޯޑެއް ދިން ނިންމުމަށް އިތުރަށް އަމަލުކުރުމުގައި ފަހަތަށް ފިޔަވަޅެއް އަޅާނެ ކަމެވެ. 
މިކަން މިހެން އޮތް އިރު، ސަރުކާރުން އަމިއްލައަށް ކުރަންޖެހޭ ސުވާލެއް އެބަ އޮތެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ވަބާ ނައްތާލުމާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ހަގީގީ ވިސްނުމަކީ ކޮބައިތޯ ބަލައިލުމެވެ. 
މި އަހަރުގެ އޭޕްރީލް މަހު "ނޭޗާ ހެލްތު" މަޖައްލާގައި ދިރާސާ ކަރުދާހެއް ޝާއިއުކުރި އެވެ. މި ކަރުދާސް ލިޔުއްވާފައިވަނީ ޑަބްލިއުއެޗްއޯގެ ކުރީގެ ތިން އޮފިޝަލުން ކަމަށްވާ ރޮބަޓް ބީގްލްހޯލް، ރޫތު ބޮނީޓާ އަދި ޓިކީ ޕަންގް އެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ އެންމެ މަތީ ފަންތީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅުންނެވެ.
އެ ބޭފުޅުންގެ ދިރާސާގެ ހޯދުންތައް ވަރަށް ސާފެވެ. އެއީ މިހާރު އަމަލުކުރަމުންދާ ދުންފަތް ކޮންޓްރޯލް ކުރުމުގެ ފިޔަވަޅުތަކުން، ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އެކަށީގެންވާ ބާރުމިނެއްގައި ދަށްނުވާ ކަމެވެ. ޓެކްސް ބޮޑުކުރުމާއި، އިޝްތިހާރު ކުރުން މަނާކުރުމާއި، ދުންފަތް ހުއްޓާލުމަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ މިހާރު ގެންގުޅޭ އުސޫލުތަކުން ބޭނުންވާ ނަތީޖާއެއް ނުލިބެ އެވެ.
އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ އެއްފަހަރާ ކުރެވޭ ކަމެއް ނޫންކަން ގަބޫލުކުރަން ޖެހެ އެވެ. ގިނަ މީހުންނަށް އެއީ ދިގު މަރުހަލާއެކެވެ. އަދި އެ މަރުހަލާގައި އެކި އިހުތިޔާރުތައް ބޭނުންވެ އެވެ. އެ ބޭފުޅުންގެ ހޯދުންތަކުން ދައްކާ ގޮތުގައި، "ދުންފަތް ހުއްޓާލުމުގައި އެންމެ ކާމިޔާބު ގައުމުތަކަކީ، ހަމައެކަނި ދުންފަތް މުޅިން ހުއްޓާލުން ނުވަތަ ބޭނުންކުރުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ފިޔަވަޅަކުން ފިޔަވަޅަކަށް އެކަން މަދުކުރެވޭނެ މަގުތައް ފަހިކޮށްދީފައިވާ ގައުމުތަކެވެ."
މީގެ މާނައަކީ، މީހަކަށް އޮތީ ހަމައެކަނި ދެ ގޮތަކީ (އެއްފަހަރާ ހުއްޓާލުން ނުވަތަ ބޭނުންކުރުން ކުރިއަށް ގެންދިއުން) ކަމަށްވާނަމަ، ގިނަ މީހުން އިހުތިޔާރު ކުރާނީ ދުންފަތުގެ އިސްތިއުމާލު ކުރުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް، ސިނގިރޭޓުގެ ބަދަލުގައި ބޭނުންކުރެވޭނެ ރައްކާތެރި ވަސީލަތެއް ދައްކައިދީފިނަމަ، ގިނަ ބަޔަކު މަޑުމަޑުން ސިނގިރޭޓާ ދުރަށް ދާނެ އެވެ.
މި ދިރާސާގައި ނިއުޒީލެންޑްގެ މިސާލު ވަނީ ފާހަގަކޮށްފަ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކު ވެސް، އެތައް އަހަރެއް ވަންދެން އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު ދަށްވަމުން ދިޔައީ ވަރަށް ލަހުންނެވެ. ނަމަވެސް، ވަކި އުސޫލުތަކެއްގެ ދަށުން ވޭޕް އަދި އީ-ސިނގިރޭޓް ފަދަ ތަކެތި ލިބޭނެ މަގު އެ ގައުމުގެ ސަރުކާރުން ފަހިކޮށްދިނުމާއެކު، މަދު އަހަރުތަކެއްގެ ތެރޭގައި ސިނގިރޭޓް ބޯ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށްވި އެވެ.
ގިނަ ބަޔަކު ސިނގިރޭޓް ބުއިން ހުއްޓާލި އެވެ. އަދި ދިރާސާކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިއީ ޒުވާނުން ރައްކާތެރިކުރަމުން ހާސިލްކުރެވުނު ނަތީޖާއެކެވެ. ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރާ މިންވަރު އިތުރެއް ނުވެ އެވެ. އެހެންކަމުން، މީހުން ސިނގިރޭޓާ ދުރުކުރުމާއި ޒުވާނުން ދުންފަތުން ރައްކާތެރިކުރުމުގެ ދެ މަގްސަދު ވެސް މި އުސޫލުން ހާސިލްވި އެވެ.
ދިވެހި ސަރުކާރުން 2024 ވަނަ އަހަރު ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރީ، ވޭޕް މަނާކުރުމުން މީހުން ސިނގިރޭޓަށް ބަދަލުވެދާނެ ކަމުގެ ބިރަށެވެ. އެއީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ނޫނެވެ. މިހާރު އަނެއްކާވެސް ޑަބްލިއުއެޗްއޯގެ ލަފަޔަކަށް (އަދި ކަށަވަރުނުވާ) ރިއާޔަތްކޮށް ސިނގިރޭޓް ޑިއުޓީ ކުޑަކުރަން ސަރުކާރުން ދަނީ ވިސްނަމުންނެވެ.
މިއީ ހެކިތަކުގެ މައްޗަށް ބިނާކޮށް ނިންމާ ނިންމުމެއް ކަމަށް ބުނާއިރު، އުފެދޭ ސުވާލަކީ، ޑަބްލިއުއެޗްއޯގެ ދިރާސާތަކަށް ސަރުކާރުން ސީރިއަސްކޮށް ތަބާވާނަމަ، ނިއުޒީލެންޑް ފަދަ ގައުމުތަކުން އަމަލީ ގޮތުން ދައްކައިދީފައިވާ ކާމިޔާބު ނަތީޖާތަކަށް ނުބަލަނީ ކީއްވެގެންތޯ އެވެ؟
ރާއްޖޭގައި ދުންފަތާއި ނިކޮޓިން އެކުލެވޭ ހުރިހާ ބާވަތަކަށް އަމަލުކުރަނީ އެއް އުސޫލަކުންނެވެ. މީހުންނަށް މަޑުމަޑުން ނުރައްކާ ކުޑަކުރެވޭނެ އެއްވެސް މަގެއް ނެތެވެ. އެހެންކަމުން، އެމީހުން ތިބެނީ ސިނގިރޭޓް ބުއިންމަތީގަ އެވެ. ދިރާސާތަކުން ސާފުވާ ގޮތުގައި، ހުރިހާ އެއްޗަކަށް އެއްގޮތަކަށް އަމަލުކުރާނަމަ، އޭގެ ތަފާތުތައް ދެނެގަންނަން އާންމުންނަށް އުނދަގޫވެ އެވެ.
މިވަގުތު އޮތް ސުވާލަކީ ސަރުކާރުން ހަމައެކަނި ސިނގިރޭޓް ޑިއުޓީ ކުޑަކުރުމެއް ނޫނެވެ. ސުވާލަކީ، ސިޔާސަތުތައް އެކުލަވާލުމުގައި ހެކިތަކަށް ބަލާނަމަ، އެ ހެކިތައް ފުރިހަމައަށް ބަލައިނުގަންނަނީ ކީއްވެތޯ އެވެ؟ މީހުން ސިނގިރޭޓާ ދުރަށް ދިއުމަށް ހަގީގަތުގައި އެހީތެރިވެދޭ ކަންކަމާ ގުޅޭގޮތުން ހުރި ހެކިތަކަށް ސަރުކާރުން ރިއާޔަތް ނުކުރަނީ ކީއްވެގެންތޯ އެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ