ހައިޑްރޭޝަން ބްރޭކަކީ އިސްތިހާރަށް ކުރާ ކަމެއް ނޫން: އިންފަންޓީނޯ

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 25) - ފީފާ ވޯލްޑް ކަޕްގައި މި ފަަހަރު މެޗުތައް ހޫނުގަދަ މޫސުމެއްގައި ކުޅެން ޖެހޭތީވެ، ކޮންމެ މެޗެއްގެ ކޮންމެ ހާފެއްގައި ހައިޑްރޭޝަން ބްރޭކް (ކޫލިން ބްރޭކް) އެއް ނަގާގޮތަށް އޮތީ އިސްތިހާރު ދައްކަން ކުރާ ކަމެއްގެ ގޮތުގައި ނޫން ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ. 
ޖުމްލަ އެކު، 104 މެޗު ކުޅެން ހަމަޖެހިފައިވާ މި ފަހަރުގެ ވޯލްޑް ކަޕްގެ ދެ ބައި ކުޅަ އެއް ބައި މެޗުތައް ކުޅެފައިވާއިރު، އެންމެ ގިނަ ބަޔެއްގެ ފާޑުކިޔުން އަމަޒުވެފައިވާ އެއް ކަމަކީ، ކޮންމެ މެޗެއްގައި، ކޮންމެ ހާފެއްގެ 22 މިނިޓް ކުޅެވުމާ އެކު، ތިން މިނިޓަށް މެޗު މެދުކަނޑާލައި ނަގާ ހައިޑްެރޭޝަން ބްރޭކާ މެދު އެވެ. އެ ގޮތުން، ފުޓްބޯޅަ ކޯޗުންނާއި ކުޅުންތެރިން ވެސް އަންނަނީ މި ހައިޑްރޭޝަން ބްރޭކު ނަގާ ސަބަބުތަކާ ގުޅޭގޮތުން ތަފާތު ޝުއޫރުތަކެއް ފާޅުކުރަމުންނެވެ. 
ވޯލްޑް ކަޕްގެ މެޗުތަކުގައި ކުޅުންތެރިންގެ ސަލާމަތަށް ދޭ ހައިޑްރޭޝަން ބްރޭކް، އިސްތިހާރު ކުރުމަށް ބޭނުންކުރާތީ މަޝްހޫރު ކޯޗު ޔާގަން ކްލޮޕް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައި. އޭނާ ބުނިގޮތުގައި ކުޅުންތެރިންގެ ހައްގުގައި ގެނައި މި ބަދަލު މިހާރު ބޭނުންކުރަނީ މާލީ މަންފާ ހޯދުމަށް
ނޫސްވެރިންގެ ސުވާލުތަކަކަށް ޖަވާބު ދެއްވަމުން އިންފަންޓީނޯ ވިދާޅުވީ، ހައިޑްރޭޝަން ބްރޭކު ނަގާ މައިގަނޑު ސަބަބަކީ ހޫނު މޫސުން ކަަމަށެވެ. އަދި، ވޯލްޑް ކަޕް ކަހަލަ މުބާރާތެއް 39 ދުވަހަށް ދިގުދެމިގެންދާއިރު، ޗެމްޕިއަންކަން ހޯދާ ޓީމެއް އަށް މެޗު ކުޅެން ޖެހޭއިރު، މެޗުތަކުގެ މެޗުން ވެސް އަރާމްކުރަން ނޫނީ ފަސޭހައެއްވާނެ ހަމަހަމަ އުސޫލެއް އޮތުމަކީ ރަނގަޅު ގޮތެއް ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ. 
އިންފަންޓީނޯ ވިދާޅުވީ ހައިޑްރޭޝަން ބްރޭކުގެ ސަބަބުން ކޮންމެ ޓީމަކަށް ވެސް މެޗުތަކުގައި ހަމަހަމަކަން ލިބޭނެ ކަމަށެވެ. 
"ގަބޫލުކުރަން ދަތިކޮށް ދެކެވޭ ވާހަކައެއް ހައިޑްރޭޝަން ބްރޭކުގެ ފައިދާ ވަކި ކޯޗުންނަށް އޮންނާނެއޭ އެ ބުނާ ބުނުމަކީ. ހޫނުގަދަވެގެން ނަގާ ބްރޭކެއް މިއީ. މީގެ ފައިދާ އެންމެނަށް ވެސް އޮންނާނެ. އަހަރެމެން ބޭނުންވަނީ ހަމަހަމަ ހާލަތެއް ހުރިހާ ޓީމަކަށް ވެސް އޮންނަން. ވަކި މެޗަކަށް ބްރޭކް ލުމުގެ ބަދަލުގައި ހުރިހާ މެޗަކަށް ލީ ވެސް އެހެންވީމަ،" އިންފަންޓީނޯ ވިދާޅުވި އެވެ. 
ހައިޑްރޭޝަން ބްރޭކުގައި އިސްތިހާރު ދައްކައިގެން، ގިނަ މީޑިއާތަކަކުން އަންނަނީ މާލީ މަންފާ ހޯދަމުންނެެވެ. އެކަމާ ގުޅޭގޮތުން ސީދާ ޖަވާބެއް ނުދެއްވައި އިންފަންޓީނޯ ވިދާޅުވީ، ފީފާ އަށް އިތުރު ފައިސާއެއް ނުލިބޭ ކަމަށެވެ. 
"ފީފާ އަށް މި ކަމުން އިތުރު އާމްދަނީއެއް ނުލިބޭ. ހުރިހާ އެއްބަސްވުމެއް ހުރީ އެޑްވާންސްކޮށް ސޮއިކުރެވިފައި. އެހެންވީމަ، ފީފާ އިން މި އުޅެނީ މާލީ ކަމެއްގެ ތެރޭގައެއް ނޫން. ހައިޑްރޭޝަން ބްރޭކުގައި ފީފާގެ ވިސްނުން އޮތީ ކުޅިވަރާ ގުޅޭކަމެއް،" އިންފަންޓީނޯ ވިދާޅުވި އެވެ. 
އޭނާ ވަނީ ކުރިއަށް އޮތްތަނުގައި ވެސް ހޫނު މޫސުމުގައި ކުޅޭނަަމަ، ފީފާގެ މުބާރާތްތަކުގައި ހައިޑްރޭޝަން ބްރޭކް އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ