އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގަލްފުގެ ލީޑަރުންނާ ބައްދަލުކުރައްވައި އީރާނާ އެކު ވެފައިވާ އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ސަލާމަތަށް ނުރައްކަލެއް ނުވާނެކަމުގެ ޔަގީންކަން އިއްޔެ ދެއްވައިފި އެވެ.
ޔޫއޭއީ، ކުވެއިތު އަދި ބަހްރޭނަށް ކުރެއްވި ރަސްމީ ދަތުރުގައި ރޫބިއޯ ވަނީ، އެމެރިކާއިން އީރާނާ އެކު އެކުލަވައިލަން މަސައްކަތްކުރާ ސުލްހައިގެ ދާއިމީ އެއްބަސްވުމުގެ ސަބަބުން ގަލްފުގެ ގައުމުތަކުގެ ރައްކާތެރިކަމަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށް ވިދާޅުވެފަ އެވެ.
ކުވެއިތުގައި އިއްޔެ ވާހަކަދައްކަވަމުން ރޫބިއޯ ވިދާޅުވީ، ނިމިދިޔަ ހަފުތާގައި އީރާނާ އެކު ސޮއިކުރި ވަގުތީ އެއްބަސްވުމާ އެކު ވެސް، އެމެރިކާއިން އެ ސަރަހައްދުގެ ބައިވެރިންނާ އެކު އޮތް ގުޅުމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ޒަމާންވީ އެކުވެރި ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލޭނެ ފަދަ އެއްވެސް ކަމެއް އެމެރިކާއިން ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
އެގޮތުން، 1979 ވަނަ އަހަރަށް ފަހު އެމެރިކާ އާއި އީރާނުގެ ރައީސުން ސޮއިކުރެއްވި ފުރަތަމަ އެއްބަސްވުމުގައި، އީރާނުގެ އުމްރާނީ ތަރައްގީއަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ގާއިމުކުރުމާއި އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދިނުން ހިމެނެ އެވެ.
ނަމަވެސް، މި މާލީ އެހީތެރިކަމުގެ ސަބަބުން އީރާނުގެ އަސްކަރީ ބާރު ގަދަވެދާނެތީ ގަލްފުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރެ އެވެ. އަދި މި އެއްބަސްވުމުގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ހިމެނިފައި ނުވާކަން އެ ގައުމުތަކުން ފާހަގަކުރެ އެވެ.
އަބޫދާބީގައި ބޭއްވެވި ބައްދަލުވުންތަކުގައި، ރޫބިއޯ ވަނީ ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އާލް ނަހްޔާން އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ސަރަހައްދީ ސަލާމަތާއި ހޮރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. ކުވެއިތުގައި އޭނާ ވަނީ އަމީރު މިޝްއަލް އަލްއަހްމަދު އަލްޖާބިރު އައްސަބާހާ ބައްދަލުކުރައްވައި ކުވެއިތުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާއިން ދޭ އަހައްމިއްޔަތު ތަކުރާރުކުރައްވާފަ އެވެ.
މީގެ އިތުރުން، އީރާނާ ގުޅުންހުރި ޑްރޯން ހަމަލާތަކަކާ ގުޅިގެން މެދުކަނޑާލާފައި އޮތް ކުވެއިތުގައި ހުންނަ އެމެރިކާ އެމްބަސީގެ މަސައްކަތްތައް އަލުން ފެށުމުގެ މުނާސަބަތުގައި ވެސް ރޫބިއޯ ބައިވެރިވެވަޑައިގެންނެވި އެވެ.
"އެމެރިކާގެ ދިދަ މިހާރު ފަހުރުވެރިކަމާ އެކު ކުވެއިތު ސިޓީގައި އަލުން އެބަ ވިހުރެ. ކުވެއިތަކީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށްޓަކައި ކޮންމެހެން މުހިންމު ބައިވެރިއެއް،" ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައިވެ އެވެ.
ހަމަ އެއާ އެކު، ސަރަހައްދީ އެހެން ޑިޕްލޮމެޓިކް މަސައްކަތްތަކެއް ވެސް ދަނީ ކުރިއަށެވެ. އެގޮތުން، ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ ވަނީ އޮމާނަށް ވަޑައިގެން، ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭ ގޮތުން އީރާނާއި އިރާގު އަދި ގަލްފު ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުން 60 ދުވަހުގެ މުއްދަތަށް މަޝްވަރާތައް ކުރިއަށްދާނެ އެވެ. އަދި އިސްތިރާޖީ ގޮތުން މުހިންމު ކަނޑުގެ މަގުތައް ބެލެހެއްޓުމާ ގުޅޭ ގޮތުން ވަކި މަޝްވަރާތަކެއް ވެސް އަންނަނީ ކުރެވެމުންނެވެ.
އީރާނު އެއްބަސްވުމުން ގަލްފުގެ ސަލާމަތަށް ނުރައްކަލެއް ނެތް: ރޫބިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ