އީރާނާއެކު ވީ އެއްބަސްވުމުން ގަލްފުގެ ސަލާމަތަށް ބުރޫ ނާރާނެ: އެމެރިކާ

އެމެރިކާ އާއި އީރާނާ ދެމެދު ގާއިމުކުރި އާ އެއްބަސްވުމުގެ ސަބަބުން ގަލްފު ސަރަހައްދުގެ ރައްކާތެރިކަމަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ގަލްފުގެ އިސް ވެރިންނަށް އަރުވައިފިއެވެ.
ޔޫއޭއީ، ކުވެއިތު އަދި ބަހްރޭނަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އޭނާ ވިދާޅުވީ، އީރާނާއެކު ދާއިމީ ސުލްހައެއް ގާއިމުކުރަން ކުރާ މަސައްކަތްތަކުގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ އަމާންކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ކުވެއިތުގައި ހުންނަވައި ވާހަކަދައްކަވަމުން ރޫބިއޯ ފާހަގަކުރެއްވީ، މިދިޔަ ހަފުތާގައި އީރާނާއެކު ސޮއިކުރެވުނު ވަގުތީ އެއްބަސްވުމާއެކު ވެސް، ސަރަހައްދީ ބައިވެރިންނާއެކު އެމެރިކާއިން ބާއްވާ ގާތް ގުޅުމަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމަށެވެ. އަދި އެމެރިކާގެ ޒަމާންވީ ރަހުމަތްތެރި ގައުމުތަކުގެ ސަލާމަތަށް ނުރައްކާވާނެ ފަދަ އެއްވެސް ފިޔަވަޅެއް އެ ގައުމުން ނާޅާނެ ކަމުގެ ކަށަވަރުކަން އޭނާ ދެއްވިއެވެ.
މިއީ 1979 ވަނަ އަހަރުގެ ފަހުން އެމެރިކާ އާއި އީރާނުގެ ރައީސުން ސޮއިކުރެއްވި ފުރަތަމަ އެއްބަސްވުން ކަމަށްވާއިރު، މީގެ ދަށުން އީރާނުގެ އުމްރާނީ ތަރައްގީއަށް 300 ބިލިއަން ޑޮލަރުގެ ފަންޑެއް ހަމަޖެއްސުމާއި، އެ ގައުމާ ދެކޮޅަށް ފިޔަވަޅުތައް ލުއިކޮށްދިނުން ހިމެނެއެވެ.
ނަމަވެސް، މި އެއްބަސްވުމުގެ ސަބަބުން ލިބޭ މާލީ އެހީތަކާއެކު އީރާނުގެ އަސްކަރީ ބާރުގަދަވެދާނެތީ ގަލްފުގެ ގައުމުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގައުމުތަކުން ފާހަގަކުރާ ގޮތުގައި، މި އެއްބަސްވުމުގައި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމާ ބެހޭ އެއްވެސް ބަހެއް ހިމަނާފައެއް ނުވެއެވެ.
މި ދަތުރުފުޅުގައި ރޫބިއޯ ވަނީ ޔޫއޭއީގެ ރައީސް މުހައްމަދު ބިން ޒައިދު އާލް ނަހްޔާނާ ބައްދަލުކުރައްވައި، ހޮރްމޫޒް ކަނޑުއޮޅިން މިނިވަންކަމާއެކު ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރުން، ކުވެއިތުގެ އަމީރު މިޝްއަލް އަލްއަހްމަދު އަލްޖާބިރު އައްސަބާހާ ބައްދަލުކުރައްވައި، އެ ގައުމުގެ ރައްކާތެރިކަމަށް އެމެރިކާއިން ދޭ އިސްކަން ރޫބިއޯ ތަކުރާރުކުރެއްވިއެވެ.
އީރާނާ ގުޅުންހުރި ޑްރޯން ހަމަލާތަކެއްގެ ސަބަބުން މެދުކަނޑާލާފައި އޮތް ކުވެއިތުގައި ހުންނަ އެމެރިކާ އެމްބަސީގެ މަސައްކަތްތައް އަލުން ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރޫބިއޯ ވިދާޅުވީ، އެމެރިކާގެ ދިދަ އަލުން ކުވެއިތު ސިޓީގައި ވިހުރެމުންދާ ކަމަށާއި، ކުވެއިތަކީ ސަރަހައްދީ ހަމަޖެހުމަށް ކޮންމެހެން މުހިންމު ބައިވެރިއެއް ކަމަށެވެ.
​މި ދަނޑިވަޅުގައި ސަރަހައްދުގެ އެހެން ގައުމުތަކުން ވެސް ދަނީ ޑިޕްލޮމެޓިކް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އާލް ތާނީ އޮމާނަށް ވަޑައިގެން، ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން އީރާނާއި، އިރާގު އަދި ގަލްފުގެ އެހެން ގައުމުތަކާއެކު މަޝްވަރާކުރައްވާފައިވެއެވެ.
އެމެރިކާ އާއި އީރާނުގެ އެއްބަސްވުމުގެ ދަށުން، އީރާނުގެ ނިއުކްލިއާ މައްސަލައާއި، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭގޮތުން ކުރިއަށް އޮތް 60 ދުވަހު މަޝްވަރާތައް ކުރިއަށްދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ