ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އަންނަ މަހު ތާރުއަޅަން ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ފޭސް 1 ގެ ދަށުން ކުރިއަށްދާ ޔުޓިލިޓީ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.
އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި، މި މަސައްކަތުގެ ތެރެއިން ނިމިފައިވާ ސަރަހައްދުގައި އަންނަ މަހުގެ 1 ވަނަ ދުވަހު ތާރުއެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. ތާރު އަޅަން ފެށުމާއެކު، ހެންވޭރު ޓާމިނަލްއިން ފެށިގެން ކާނިވާގެ ޕާކިން ޒޯނަށް ވަންނަ ދޮރާ ހަމައަށް އެ މުއްދަތުގައި އާންމު ދަތުރުފަތުރަށް ބަންދުވާނެ ކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން މަގު ފުޅާކުރުމަށްޓަކައި 6 މީޓަރު ބޭރަށް އެއްގަމު ތޮށި ޖައްސައި، ޖުމްލަ 610 މީޓަރުގެ ތޮށި ވަނީ މުޅިން އައުކޮށްފައެވެ. މަޝްރޫއުގެ ބޮޑެތި ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާއިރު، އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ ވިއުގަ އެޅުމުގެ މަސައްކަތްތައް ވެސް ހިމެނެއެވެ. މިހާރު ކުރިއަށްދަނީ ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.
އެމްޓީސީސީގެ އަމާޒަކީ ޖުލައި މަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް މަގު ހުޅުވާލުމެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަހައްދެއްގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރާނެއެވެ. މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން މާލޭގެ އުތުރު ފަރާތުގެ ބަނދަރު ސަރަހައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ.
މި މަޝްރޫއުގެ ތެރެއިން ބަނދަރުގެ ބައެއް ހިއްކައިގެން 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް ތަރައްގީކުރުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން، އެ ސަރަހައްދު ފެހިކޮށް ހިތްގައިމު ކުރުމަށްޓަކައި ބޭރުމަގުގައި ”ގްރީން ބެލެޓެއް“ ތަރައްގީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.
ބޮޑުތަކުރުފާނު މަގުގެ ހަދަމުންދާ ސަރަހައްދުގައި އަންނަ މަހު ތާރުއަޅަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ