ފޭކު ސަނަދު ދޫކުރުމާއި ގެންގުޅުމަކީ ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް މަޖިލީހަށް

ރާއްޖޭގައި ފޭކް ސަނަދު ނުވަތަ އެކްރެޑިޓް ނުކުރާ ސަނަދުތައް ބޭނުންކުރުން ހުއްޓުވުމަށްޓަކައި ވަރުގަދަ ގާނޫނީ އަދި އިދާރީ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ގާނޫނުތަކަށް ބަދަލު ގެނެސް އިދާރާތައް ޒިންމާދާރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހަޅުއްވައިފި އެވެ. 
އެ ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ އޮޅުވާލައިގެން ސަނަދު ހޯދުމާއި އެކްރެޑިޓް ނުކުރާ ސަނަދުތައް ދޫކުރުން ހުއްޓުވައި ރާއްޖޭގެ ތައުލީމީ ނިޒާމުގެ ފެންވަރު ހިފެހެއްޓުން ކަމަށް ކުޑޫ ވިދާޅުވި އެވެ. ފޭކު ސަނަދުތައް ބޭނުންކުރުމުގެ ސަބަބުން ގައުމުގެ ތައުލީމީ ފެންވަރު ދަށްވެ، ވަޒީފާގެ ބާޒާރުގައި އަމަލީ ގާބިލުކަން ނެތް މީހުން އިތުރުވުމުގެ ނުރައްކާ އޮތްކަމަށް ކުޑޫ ވިދާޅުވި އެވެ.
އެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހުށަހަޅާފައިވާ އެންމެ މުހިންމު އެއް ކަމަކީ ފޭކް ސަނަދު ގެންގުޅުމަކީ ބޮޑު ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައެޅުމެވެ. މިހާރު މިފަދަ ކުށްތަކަށް އޮންނަ 10،000ރ. ގެ ޖޫރިމަނާގެ އަދަދު ބޮޑުކޮށް، އަދަބުތައް މިހާރަށްވުރެ ހަރުކަށި ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.
ހަމައެހެންމެ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އަށް ގާނޫނީ ގޮތުން މިހާރަށްވުރެ ފުޅާ ބާރުތަކެއް ދީ، އުސޫލުތަކާ ހިލާފަށް ސަނަދު ދޫކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކޮށް ހާމަކުރުމަށްވެސް ގާނޫނަށް ބަދަލު ގެނައުމަށް ކުޑޫ ހުށަހެޅުއްވި އެވެ.
ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މި މައްސަލަ ހައްލުކުރުމަށްޓަކައި ހުރިހާ ތައުލީމީ ސަނަދުތަކެއް އެއްތަނަކުން ފެންނާނެ ފަދަ ސެންޓްރަލް ޑޭޓާބޭސްއެއް ގާއިމުކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ. 
ރާއްޖޭގައި ފޭކު ސަނަދު ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. އޭގެ ސަބަބުން ރާއްޖޭގެ ތައުލީމީ ނިޒާމުގެ ފެންވަރު ދަށްވަމުންދާކަން ތަޖުރިބާކާރުން ފާހަގަކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ