ދަރިވަރުންގެ ވިސާއަށް ފައިސާ ދެއްކުމަށް ބީއެމްއެލްއިން ކާޑަށް ލިމިޓް ދެނީ
ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ދަރިވަރުން ވިސާއަށް ފައިސާ ދެއްކުމަށް، ދަރިވަރުންގެ ކާޑުތަކަށް ޚާއްސަ ލިމިޓެއް ދޫކުރަން ގައުމީ ބޭންކު ބީއެމްއެލުން މިއަދު ނިންމައިފިއެވެ. ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންގެ ކާޑުތަކަށް މިހާތަނަށް ލިމިޓު ދޫކުރަމުން ދިޔައީ ދަރިވަރުން ވިސާއަށް އެދުމުން ފަހަރަކު ދަރިވަރަކު ހުށަހަޅާ ހުށަހެޅުމަށް، ނުވަތަ 'ކޭސްބައި ކޭސް' އަށް ބެލުމަށް ފަހު ކަމަށެވެ. "މި ބޭނުމަށް ދަރިވަރުންނަށް ބޭރުފައިސާ ހަމަޖައްސައި ދިނުމަށް އެމްއެމްއޭގެ އެހީތެރިކަމާއެކު ބޭންކުން މިވަނީ މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް، ވިސާ އަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައި" ސަޢީދު ވިދާޅުވިއެވެ. ބީއެމްއެލުން ބުނީ، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ޓިއުޝަން ފީ އާއި ދިރިއުޅުމުގެ ޚަރަދުތަކަށް ބޭނުންވާ ބޭރު ފައިސާ ފަސޭހަކަމާއެކު ހަމަޖެއްސޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެގޮތުން ބޭރު ފައިސާއިން މުއާމަލާތްކުރުމަށް ރުފިޔާ ކާޑަށް ދަރިވަރުންނަށް މަހަކަށް 1،200 ޑޮލަރުގެ ލިމިޓެއް ކަނޑައަޅައިފައިވާ ކަމަށް ބޭންކުން ބުންޏެވެ. މީގެ އިތުރުން ދަރިވަރުންގެ ނުވަތަ ބެލެނިވެރިޔާގެ ރުފިޔާ އެކައުންޓުން ޓިއުޝަން ފީ އާއި ތައުލީމާ ގުޅުންހުރި އެހެނިހެން ޚަރަދުތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމުގެ ފުރުސަތު ބޭންކުން ފަހިކޮށްދީފައިވާ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ. އަދި ދަރިވަރުންގެ ސްޓައިޕެންޑާއި އެހެނިހެން ބޭނުންތަކަށް އަދަދު ކަނޑައަޅާފައިވާ އުސޫލުގެ ދަށުން، ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ރުފިޔާ އެކައުންޓުން، ދަރިވަރުން ބޭރުގައި ބޭނުންކުރާ އެކައުންޓަށް ފައިސާ ލިބޭނެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ. ބޭންކުން ބުނީ އޭގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންވާ ފައިސާ މެދުނުކެނޑި ލިބޭނެ ކަމަށެވެ. ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް ދެމިއޮންނާނެކަމުގެ ޔަގީންކަން ވަނީީ ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ