ހިރިމަރަދޫގެ ބަޖެޓު އަންނަ މަހުން ފެށިގެން ލިބެމުންދާނެ: ތަރުޖަމާން

ހދ. ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ރަށުގެ އިދާރީ ކަންކަމަށް ބޭނުންވާ ބަޖެޓު އަންނަ މަހު ހަމަޖެހޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ހދ. ހިރިމަރަދޫ ރައްޔިތުން އެދިފައިވާގޮތަށް، އެރަށުގެ ރައްޔިތުން އެއަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވަނީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ.
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމާފައިވާތީ، މިހާރު އެ ރަށުގެ ހުރިހާ އިދާރީ ކަންކަމާއި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ބަލަހައްޓަމުންދަނީ ހަނިމާދޫ ކައުންސިލުންނެވެ. މިއީ ދެ ރަށް އެއްކޮށްލުމުގެ މަރުހަލާގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ. ނަމަވެސް، މި ބަދަލާއެކު ހަނިމާދޫ ކައުންސިލަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ވޭތުވެދިޔަ މަސްތަކުގައި ހިރިމަރަދޫގެ ބަޖެޓު ރަސްމީކޮށް ހަނިމާދޫ ކައުންސިލަށް ލިބިފައި ނުވުމުގެ ސަބަބުން، އެ ރަށުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޒަރޫރީ ޚަރަދުތައް ހަމަޖައްސާފައިވަނީ ހަނިމާދޫ ކައުންސިލްގެ އަމިއްލަ ބަޖެޓުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހާތަނަށް ހަނިމާދޫ ކައުންސިލުން ހިރިމަރަދޫގެ ކަންކަމަށް 267,000 އަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ ކައުންސިލެއްގެ ބަޖެޓަށް ބަލާއިރު ބޮޑު އަދަދެކެވެ
.ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް ( މުންދު) ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ނިންމާފައިވަނީ އަންނަ މަހުން ފެށިގެން ހިރިމަރަދޫގެ ބަޖެޓު ހަނިމާދޫ ކައުންސިލަށް ދޫކުރާށެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، އަންނަ މަހު ދޫކުރާ ބަޖެޓުގެ ތެރޭގައި މިހާތަނަށް ނުލިބި ހުރި ފައިސާ ނުވަތަ ’ބެކްލޮގް‘ ފައިސާވެސް ހިމެނޭނެއެވެ. މީގެ ސަބަބުން ހަނިމާދޫ ކައުންސިލުން މިހާތަނަށް ކުރި ޚަރަދުތައް އަނބުރާ ލިބި، މާލީ ދަތިތަކަށް ހައްލެއް ލިބިގެންދާނެއެވެ.
ރަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، ސަރުކާރުގެ ސިޔާސަތަކީ އެންމެ ފަހު މީހާ ރަށުން ފައިބަންދެން އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ. ކަރަންޓާއި، ފެނާއި، ސިއްހީ ޚިދުމަތް ފަދަ ކަންކަން ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ހިރިމަރަދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ  ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެތެރޭގައި ހަނިމާދޫއަށް ބަދަލުކޮށްދޭނެކަމަށާއި، ހިރިމަރަދޫގެ ކޮންމެ ގެއަކަށް ހަނިމާދޫން ގެއެއް ދޭނެކަމަށެވެ.
ހިރިމަރަދޫގެ އާބާދީއަކީ 589 އެވެ. ނަމަވެސް އެކި ސަބަބުތަކާއި ގުޅިގެން އެރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެހެން ރަށްރަށަށް ހިޖުރަކުރުމާއި ގުޅިގެން މިހާރު ރަށުގައި ދިރިއުޅޭނީ ގާތްގަނޑަކަށް ދުއިސައްތައެއްހާ މީހުންނެވެ. ރަށުގައި ޒުވާން އާބާދީއަށްވުރެ ދޮށީ ޢުމުރުގެ އާބާދީ ވަނީ އިތުރުފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ހިރިމަރަދޫގެ ރައްޔިތުންނަށް މުސްތަގްބަލު އުޖާލާކޮށްދީ، ހުރިހާ ރައްޔިތުންނަށް މަތީ ފަންތީގެ ޚިދުމަތް ހޯދައިދީ، އުންމީދުގައި ކުލަ ޖައްސައްދިނުމަށްކަމަށެވެ.
ރައްޔިތުންގެ މުސްތަގުބަލަށްޓަކައި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހަނިމާދޫގައި ދާއިމީ ގެދޮރިވެރިކަމާއި، ޢުމްރާނީ ވަސީލަތް ޤާއިމްކުރުމަށް އެޗްޑީސީއާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން، ހުރިހާ ރައްޔިތުންނަށް، ކޮންމެ ގޯއްޗަކަށް ގޯއްޗެއް އަދި ގެއެއް އަޅައިދީ ތަޅުދަނޑި ހަވާލުކުރެވޭނެކަަށް ރައީސް ވިދާޅުވިއެވެ. އަދި ބަދަލެއްގެ ގޮތުން ފައިސާގެ ޢަދަދެއްވެސް ދޭގޮތަށް މަޝްރޫޢު ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
“އެހެންވީމަ އަމިއްލަ ގޯތީގައި ގެދޮރެއް ނެތަސް އަޅުގަނޑުމެން ގޯތި ދޭއިރު އެއިން ކޮންމެ ގޯއްޗެއްގައި ގެއެއް އަޅައިދޭނަން، ކުރިން ދޭ ފައިސާގެ ޢަދަދު އަޅުގަނޑުމެން މުޠާލިޔާކޮށް ބޮޑުކުރާނަން. މިއީ ރަށުގެ ރައްޔިތުންގެ މުސްތަޤްބަލު އުޖާލާކުރުމަށް ކުރެވޭ މަސައްކަތެއް. ވަރަށް އަވަހަށް އަމަލީ މަސައްކަތް ހަނިމާދޫގައި ފެށޭނެ. ވަރަށް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް އެންމެ މަދުވެހެން 18 މަސްދުވަސްތެރޭ ހަވާލުކުރާނަން.”
ރައީސް ވިދާޅުވީ އާބާދީއާއި ތަރައްޤީ އެއްފަސްކުރަނީ އެކަމަށް އެދޭ ރަށްރަށުގެ ރައްޔިތުންނަށް އިސްކަންދީގެންކަމަށާއި، އެއްވެސް ރަށެއްގެ ރައްޔިތުން ހިޖުރަކުރުމަށް ސަރުކާރުން މަޖުބޫރު ނުކުރާނެކަމަށެވެ.
މިސަރުކާރުގެ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ފުރަތަމަ މަސައްކަތް ފަށަނީ ހިރިމަރަދޫންކަމަށާއި، އިތުރު ތިން ރަށެއްގެ ރައްޔިތުންވެސް ހިޖުރަކުރަން އެދިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، ކުރިން އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތުތަކާއި މިކަން ކުރިގޮތާ ޚިލާފަށް ސަރުކާރުން މި މަޝްރޫޢު ކުރިއަށްގެންދާނީ ހިރިމަރަދޫ ރައްޔިތުންނަށް އެމީހުންގެ އުފަން ރަށްކަމަށްވާ ހިރިމަރަދޫގައި ސަރުކާރުން ބޭނުންކުރާ އިޤްތިޞާދީ މަންފާއިން އެ ރައްޔިތުންނަށް ފައިދާވާނެގޮތަށްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ