ކުރު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ހާއްސަކޮށް ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ އިންވެސްޓްމަންޓް ވެހިކަލް ކަމަށްވާ ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު (ދިނަފް) ފުރަތަމަ ސީރީޒް ނުވަތަ ޓްރާންޗު ކާމިޔާބުކަމާ އެކު ނިންމާލައި، ދެ ވަނަ ސީރީޒް (ދިނަފް-48)އަށް އިންވެސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ދިނަފްއަކީ އިންވެސްޓްކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އިންވެސްޓްކުރާނެ ތަފާތު މާލީ މަގުތައް ތަނަވަސްކޮށް ދިނުމަށް އުފެއްދި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އިން ބަލަހައްޓާ ފަންޑެކެވެ.
ދިނަފްގެ ފުރަތަމަ ޓްރާންޗު، 'ދިނަފް-36'ގެ ގޮތުގައި 6 މަހާއި 3 އަހަރާ ދެމެދުގެ ޝޯޓް ޑިއުރޭޝަން ޑެޓް އިންސްޓްރޫމަންޓް އިންވެސްޓްމަންޓްއަށް ފުރުސަތު ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރުގަ އެވެ.
ފާހަގަކޮށްލެވޭ - ދިނަފް-36 ކާމިޔާބުކަމާ އެކު ނިންމާލީ، ޑީއައިއެފްއިން ބުނި ގޮތުގައި، އެންމެ ޑިފޯލްޓަކާ ވެސް ނުލައި، ކަނޑައަޅާފައިވާ ސުންގަޑިތަކުގައި އިންވެސްޓަރުންނަށް ނަފާ ދެމުންނެވެ.
އެ ޓްރާންޗުން އަމާޒުކުރި 20 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ހަމަކުރަން ނެގީ 8 މަސް ދުވަހެވެ.
ދިނަފް-36 ކާމިޔާބުކަމާ އެކު ނިންމާލުމަށްފަހު 'ދިނަފް-48'ގެ ނަމުގައި ދެ ވަނަ ސީރީޒްއެއް އިއްޔެ ވަނީ އިފްތިތާހުކޮށްފަ އެވެ. މި ޓްރާންޗުގައި އަމާޒު ހިފާފައިވަނީ 40 މިލިއަން ރުފިޔާ ހޯދުމަށެވެ.
ދިނަފް-48ގައިި އިންވެސްޓުކުރަން ލިބޭ މުއްދަތަކީ 6 މަހާއި 4 އަހަރާ ދެމެދެވެ. އެ މުއްދަތުގައި ނަފާ ލިބޭ ގޮތަކީ:
6 މަސްދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %10.5
12 މަސްދުވަހުގެ އިންވެސްޓްމަންޓަށް އަހަރަކަށް %11އާ ހަމައަށް
2 އަހަރުގެ އިންވެސްޓްމަންޓަށް އަހަރަކަށް %11.5އާ ހަމައަށް
3 އަހަރުގެ އިންވެސްޓްމަންޓަށް އަހަރަކަށް %12އާ ހަމައަށް
4 އަހަރުގެ އިންވެސްޓްމަންޓަށް އަހަރަކަށް %12.25އާ ހަމައަށް
ދިނަފް-36އާ ހިލާފަށް ދިނަފް-48ގައި ކޮންމެ ކުއާޓަރަކަށް ބަހާލައިގެން ނަފާ ބެހުމަށް ވެސް ވަނީ ނިންމާފަ އެވެ. މި ޓްރާންޗުގައި ވެސް އިންވެސްޓު ކުރެވޭނެ އެންމެ ދަށް އަދަދަކީ 50،000ރ. އެވެ.
ދިނަފް-48 އިފްތިތާހު ކުރުމާ އެކު އެ ޓްރާންޗަށް މިހާރު ވެސް ވަނީ އިންވެސްޓު ކުރަން ފަށާފަ އެވެ. އެގޮތުން އެ ޓްރާންޗްގެ ފުރަތަމަ އިންވެސްޓަރަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއޯ މުހައްމަދު އައުޝަން ލަތީފް އެވެ.
ބުނީ ކީކޭ؟ - ދިނަފް-48 އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ވާހިދު ވިދާޅުވި ގޮތުގައި ވިޔަފާރިއެއް އަލަށް ފަށައިގަންނަން ބޭންކުތަކުން ފައިސާ ހޯދުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
ނަމަވެސް ދިނަފްއަކީ އެ މައްސަލައެއް އޮތް ހައްލެއްކަން ފާހަގަކޮށް ވާހިދު ވިދާޅުވި ގޮތުގައި އެ ފަންޑަކީ އަލަށް ފަށައިގަންނަ ވިޔަފާރިތަކާއި ފުޅާކުރަން ބޭނުންވާ ވިޔަފާރިތަކަށް ބޭނުންވާ ފައިސާ ފަސޭހަކަމާ އެކު ހޯދޭނެ ގޮތެއް ކަމަށެވެ.
ދިނަފްގެ ފުރަތަމަ ޓްރާންޗްގެ ކާމިޔާބީގެ މައްޗަށް ދެ ވަނަ ޓްރާންޗަކަށް އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވާލިއިރު، ވާހިދު ވިދާޅުވީ އިންވެސްޓު ކުރެވޭނެ އާ ގޮތްތަކެއް ވެސް މުސްތަގްބަލަށް ރާވަމުން އަންނަ ކަމަށެވެ. އެގޮތުން ފާހަގަކުރެއްވި މައިގަނޑު ކަންތައްތަކަކީ:
ލޯކަލް ޓޫރިޒަމް، ގެސްޓުހައުސް އަދި ސިޓީ ހޮޓެލް މާކެޓަށް އަމާޒުކޮށް ހޮސްޕިޓާލިޓީ ފަންޑެއް ވަރަށް އަވަހަށް ތައާރަފްކުރުން
މިހާރަށް ވުރެ އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކޮށް، އެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މިކަމުގައި އިތުރު ޓެކްނޮލޮޖީ ތައާރަފްކުރުން
ދުރު ރާސްތާއަށް އޮތް އަމާޒަކީ، އިންވެސްޓްމަންޓުގެ ސައިޒު ބޮޑުވަމުންދާ މިންވަރަކުން ރިސޯޓު މާކެޓަށް އިންވެސްޓުކުރުން
ދިނަފް-48: ދިވެހި އިންވެސްޓްމަންޓް ފަންޑުގެ 2 ވަނަ ސީރީޒް ތައާރަފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ