ސްރީލަންކާގެ ކުޑަކުދިންގެ މެދުގައި ހަކުރުބައްޔާއި ހިތުގެ ބަލިތައް އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ސްކޫލްތަކުގައި ފާސްޓް ފުޑާއި ފޮނިކާތަކެތި މަނާކުރުމުގެ ގަވާއިދަށް ޖޫން 23 ވަނަ ދުވަހުން ފެށިގެން އެ ގައުމުގެ ސަރުކާރުން އަމަލުކުރަން ފަށައިފި އެވެ.
ސްރީލަންކާގެ އާބާދީގެ ބޮޑު ބައެއް ފަގީރުކަމުގައި ދިރިއުޅެމުންދާއިރު، އެ ގައުމުގެ ގިނަ އަދަދެއްގެ ކުޑަކުދިންނަށް އަދިވެސް ބޭނުންވާ މިންވަރަށް ކާބޯތަކެތި ނުލިބޭކަން ފާހަގަކުރެވެ އެވެ. ނަމަވެސް، މާ ބޮޑަށް ކުދިން ފަލަވުމުގެ މައްސަލަ މިހާރު ވަނީ އެ ގައުމުން ފާހަގަވާން ފަށާފަ އެވެ.
އާންމު ސިއްހަތާ ބެހޭ އިންސްޕެކްޓަރުން ޖޫން 23 ގައި ބުނީ، މި ހަފުތާގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އުސޫލުތައް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. މި އުސޫލުގެ ދަށުން ހަކުރާއި، ލޮނު އަދި ސަރުބީ ގިނަ މިންވަރަކަށް އެކުލެވޭ ކާބޯތަކެތި ސްކޫލްތަކުން ފޯރުކޮށްދިނުން ވަނީ މަނާކޮށްފަ އެވެ.
މީގެ ސަބަބުން ސްރީލަންކާގެ ހަތަރު މިލިއަން ދަރިވަރުންނަށް ހޮޓްޑޮގް، ބާގާ، ޕިއްޒާ، ޑޯނަޓް، އައިސްކްރީމް، ބިސްކޯދު، ފްލޭވާޑް މިލްކް، އެނާޖީ ޑްރިންކްސް، ޕޭސްޓްރީ އަދި ތެލުލި ކާތަކެތީގެ އިތުރުން ޓޮމާޓޯ ސޯސް ފަދަ ތަކެތި ވެސް ސްކޫލްތަކުގައި މަނާވާނެ އެވެ.
ޖޫން 22 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކުޑަކުދިންގެ މެދުގައި ހުންނަ ނުރަނގަޅު ކެއުމުގެ އާދަތަކުގެ ސަބަބުން ކާނާގެ މައްސަލަތައް ކުރިމަތިވެ، އޭގެ ފަހުން ހަކުރުބައްޔާއި، ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ގައިންގަޔަށް ނާރާ ބަލިތައް ޖެހުމަށް ސީދާ މަގުފަހިވާ ކަމަށެވެ.
ސްރީލަންކާގައި ކުޑަކުދިންނަށް ޖެހޭ ހަކުރުބައްޔާއި، ކެންސަރު ނުވަތަ ހިތުގެ ބަލިތަކާ ގުޅޭ ތަފާސްހިސާބުތަކެއް ނެތް ނަމަވެސް، މިފަދަ ބަލިތައް ޖެހޭ ކުދިންގެ އަދަދު އިތުރުވަމުންދާކަން އެނގޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.
ސަރުކާރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ ހަމައަށް 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންގެ ތެރެއިން 12 އިންސައްތަ ކުދިންނަކީ ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ އިތުރު ކުދިންނެވެ. އަދި އިތުރު ތިން އިންސައްތަ ކުދިންނަކީ މާބޮޑަށް ފަލަވުމުގެ މައްސަލަ ކުރިމަތިވެފައިވާ ކުދިންނެވެ.
ސްކޫލްތަކުގެ މެނޭޖަރުންގެ ކިބައިން މިނިސްޓްރީން އެދިފައިވަނީ، ދަރިވަރުންނަށް ބަތާއި، ތާޒާ މޭވާއާއި، ތަރުކާރީއާއި، މަހާއި، ބިހާއި، ތާޒާ ކިރު އަދި މަދު މިންވަރަކަށް ހަކުރު އަޅާފައިވާ ސައި ނުވަތަ ކޮފީ ބުއިމަށް ހިތްވަރު ދިނުމަށެވެ.
މީގެ އިތުރުން، ލަންކާއިން ލިބެން ހުންނަ ތަކެތި ބޭނުންކޮށްގެން ތައްޔާރުކުރެވޭ "ސިއްހަތަށް ފައިދާހުރި އަދި ނިއުޓްރިޝަން މަތި" ކާނާގެ މެނޫތަކެއް ވެސް މިނިސްޓްރީން ވަނީ ފޯރުކޮށްދީފަ އެވެ.
މިނިސްޓްރީގެ 122 ސަފުހާގެ ގައިޑްލައިންގައިވާ ގޮތުން، "ސިއްހަތަށް ނުރަނގަޅު ކާނާ" އިޝްތިހާރުކުރާ ފަރާތްތަކުން ސްކޫލްތަކުގެ ހަރަކާތްތަކަށް ސްޕޮންސާ ކުރުމަކީ ވެސް މަނާކަމެކެވެ.
ޔުނިސެފުން ހާމަކޮށްފައިވާ ގޮތުގައި، ސްރީލަންކާގައި ފަސް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާތްގަނޑަކަށް 17 އިންސައްތަ ކުދިންނަކީ ކާނާގެ މައްސަލަތަކުގެ ސަބަބުން ހެދިބޮޑުވުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކުދިންނެވެ.
ސިއްހީ ކަންބޮޑުވުންތަކާ ހެދި ލަންކާގެ ސްކޫލްތަކުގައި ޖަންކް ފުޑް މަނާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ