ވޯލްޑް ކަޕް 2026: ބްރެޒިލް އެއްވަނައަށް، މޮރޮކޯ ދެވަނަ ބުރަށް

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ސްކޮޓްލެންޑް އަތުން 3-0 އިން ފަސޭހަކަމާއެކު މޮޅުވެ ބްރެޒިލް ގްރޫޕްގެ އެއްވަނަ ހޯދިއިރު މޮރޮކޯ ދެވަނަ ބުރުން ޖާގައެއް ކާށަވަރުކޮށްފިއެވެ. މި ނަތީޖާއާއެކު ބްރެޒިލް ވަނީ ވޯލްޑް ކަޕްގެ ތާރީހުގައި އެ ޓީމުން ވާދަކުރި ހުރިހާ ފަހަރަކުވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއުމުގެ ފަހުރުވެރި ރެކޯޑް ދަމަހައްޓާފައެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ހައިޓީ އަތުން 4-2 އިން މޮޅުވި މޮރޮކޯ ވަނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 32 ޓީމުގެ ބުރުން ޖާގަ ކަށަވަރުކޮށްފައެވެ. އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން ހަތްވަނަ މިނިޓްގައި، ސްކޮޓްލެންޑްގެ ޑިފެންޑަރު ސްކޮޓް މެކެނާއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާނަގައި ބްރެޒިލްއިން ވަނީ ލީޑުނަގާފައެވެ. ސްކޮޓްލެންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ވިނީޝިއުސް ޖޫނިއާ-- ބޯންމައުތުގެ ޒުވާން ކުޅުންތެރިޔާ ރަޔާން ތަނަވަސްކޮށްދިން ފުރުސަތެއްގައި، ސްކޮޓްލެންޑްގެ ކީޕަރު އެންގުސް ގަން ކައިރިން ނައްޓާލުމަށްފަހު މި ލަނޑު ޖެހީ ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއުސް ޖޫނިއާ އެވެ. އެއަށްފަހު ޖެކް ހެންޑްރީ އަތުން ބޯޅަ ހޯދައި ވިނީޝިއުސް އިތުރު ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރެފްރީ ނިންމީ ވިނީޝިއުސް ފައުލްކޮށްފައިވާތީ އެ ގޯލު ބަލައިނުގަންނާށެވެ. އެކަމަކު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި، ބްރޫނޯ ގިމާރޭސް ނަގައިދިން ހުރަހަކުން ވިނީޝިއުސް ވަނީ ބޮލުން ގޯލެއް ޖަހައި ބްރެޒިލްގެ ލީޑު ފުޅާކޮށްދީފައެވެ. ދެވަނަ ހާފަށް ސްކޮޓްލެންޑުން ކެޕްޓަން އެންޑީ ރޮބަޓްސަން ނުލައި ނުކުމެ ކުޅުން ރަނގަޅުކުރަން މަސައްކަތްކުރި ނަމަވެސް، ބްރެޒިލްގެ ހަމަލާތައް މާ ނުރައްކާތެރިއެވެ. މެޗުގެ 60 ވަނަ މިނިޓްގައި ގިމާރޭސް ދިން ބޯޅައަކުން މަޓެއުސް ކޫންޏާ ވަނީ ބްރެޒިލްގެ ތިންވަނަ ލަނޑު ޖަހާފައެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. ސްކޮޓްލެންޑް ކޮޅަށް ލަނޑު ޖެހުމަށްފަހު ކޫންޔާ-- 1998 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅޭ ސްކޮޓްލެންޑަށް މި ބައްޔާއެކު ވަނީ ބޮޑު ހާސްކަމެއް ކުރިމަތިވެފައެވެ. ތިން ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނަ ލިބުނު ސްކޮޓްލެންޑަށް ދެވަނަ ބުރުގެ ޖާގައެއް ލިބޭނީ 12 ގްރޫޕްގެ ކުޅުން ނިމޭއިރު، ތިންވަނައަށް ދާ ޓީމުތަކުގެ ތާވަލުގެ ގަދަ 8 ޓީމުގެ ތެރޭގައި ހިމެނިގެންނެވެ. އެހެންކަމުން އެ ޓީމަށް މިހާރު ޖެހިފައިވަނީ އާދިއްތަ ދުވަހާ ހަމައަށް އެހެން ގްރޫޕްތަކުގެ ނަތީޖާތަކަށް އިންތިޒާރުކުރާށެވެ. ގްރޫޕްގެ އަނެއް މެޗުގައި، މެޗަށް ނުކުތްއިރު ވެސް ކަޓާފައި އޮތް ހައިޓީން ވަނީ ވަރުގަދަ މޮރޮކޯގެ މައްޗަށް ދެ ފަހަރެއްގެ މަތިން ލީޑުނަގާފައެވެ. މެޗުގެ 10 ވަނަ މިނިޓްގައި މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ އަތުން ބައިކޮށް ވަން ގޯލުން ހައިޓީން ލީޑުނަގާފައި ވަނިކޮށް، 39 ވަނަ މިނިޓްގައި އަޝްރަފް ހަކީމީ ވަނީ މޮރޮކޯއަށް އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ހަތަރު މިނިޓް ފަހުން، ވިލްސަން އިސީޑޯ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ރީތި ގޯލުން ހައިޓީން ދެވަނަ ފަހަރަށް ލީޑުނެގިއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ހަކީމީ ތަނަވަސްކޮށްދިން ފުރުސަތަކުން އިސްމާއިލް ސައިބާރީ ވަނީ ލަނޑެއް ޖަހައި އަލުން މޮރޮކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެވަނަ ހާފުގައި މޮރޮކޯ އިން ކުޅުން ބަދަލުކޮށް މެޗުގެ ކޮންޓްރޯލް ހޯދިއެވެ. އެގޮތުން 78 ވަނަ މިނިޓްގައި ސޯފިއަން ރަހީމީ ޖެހި ލަނޑުން ފުރަތަމަ ފަހަރަށް މޮރޮކޯއަށް ލީޑު ލިބުނުއިރު، އޭގެ ފަހުން ރަހީމީ ދިން ބޯޅައަކުން ގާސިމް ޔަސީން ވަނީ މޮރޮކޯގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް ސީގެ އެއްވަނަ ބްރެޒިލްއަށް އަދި ދެވަނަ މޮރޮކޯއަށް ލިބުނީ ހަތް ޕޮއިންޓާއެކު ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި ސްކޮޓްލެންޑް ތިން ޕޮއިންޓާއެކު އޮތްއިރު، ހެއިޓީ މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ