ބިލް ގޭޓްސް ތިން އަންހެނަކާއެކު ކައިވެނިން ބޭރުން ގުޅުން ބޭއްވި ކަމަށް އިއުތިރާފުވެއްޖެ

މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ތިން އަންހެނަކާއެކު ކައިވެނިން ބޭރުން ގުޅުން ބޭއްވި ކަމަށް އިއުތިރާފުވެ، އެ މައުލޫމާތު ބޭނުންކޮށްގެން މަޝްހޫރު މުއްސަނދި ޖެފްރީ އެޕްސްޓީން އޭނާއަށް ބިރުދައްކަން މަސައްކަތް ކުރި ކަމަށް ބުނެފިއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޯވަސައިޓް ކޮމިޓީގައި ސިއްރުކޮށް ދިން ބަޔާނެއްގައި ގޭޓްސް ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ބޭނުންކޮށްގެން އެޕްސްޓީން އޭނާއަށް ނުފޫޒު ފޯރުވަން އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ.
މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ދިން މި ބަޔާނުގައި ގޭޓްސް ބުނެފައިވަނީ ރަޝިޔާގެ ދެ އަންހެނުން ކަމަށްވާ ބްރިޖް ކުޅުންތެރިޔާ މިލާ އެންޓޮނޯވާ އާއި ނިއުކްލިއާ ފިޒިސިސްޓް ކަރީމާ ނިގްމަތުލީނާއާ އެކު އޭނާ ބޭއްވި ގުޅުންތަކުގެ މައުލޫމާތު އެޕްސްޓީންއަށް އެނގޭ ކަމަށެވެ. މީގެ އިތުރުން ސިއްހީ ދާއިރާގެ ވިޔަފާވެރިއެއް ކަމަށްވާ އެލިސް ޖެކޮބްސް ނެސެލްރޮޑްއާ އެކު ވެސް ތިންވަނަ ގުޅުމެއް ބޭއްވި ކަމަށް އޭނާ ވަނީ އެއްބަސްވެފައެވެ.
ގޭޓްސް ބުނި ގޮތުގައި މި ގުޅުންތަކަކީ އެޕްސްޓީންއާ އެކު ބޭއްވި މުއާމަލާތްތަކާ ގުޅުމެއް ހުރި ކަންކަމެއް ނޫނެވެ. ނަމަވެސް މިކަމުގެ ސަބަބުން އޭނާގެ އާއިލާއަށް ބޮޑެތި ހިތާމަތަކެއް ކުރިމަތިވި ކަމަށް އޭނާ ފާހަގަކުރިއެވެ. އެޕްސްޓީން މަސައްކަތް ކުރީ މި މައުލޫމާތުތަކާއި އޭގެ މައްޗަށް އޭނާ އަމިއްލައަށް އުފެއްދި ދޮގު ވާހަކަތައް ބޭނުންކޮށްގެން، އަލުން އޭނާއާ ގުޅުން ބޭއްވުމަށް މަޖުބޫރު ކުރުވަން ކަމަށް ގޭޓްސް ބަޔާންކޮށްފައިވެ އެވެ.
އެޕްސްޓީން އޭނާއަށް ސީދާ ބްލެކްމެއިލް ނުކުރި ނަމަވެސް، އެފަދަ ކަމެއް ކުރުމަށް އޭނާ ރާވަމުންދިޔަ ކަމަށް ގޭޓްސް ގަބޫލުކުރެ އެވެ. މިކަމުގެ ހެއްކެއްގެ ގޮތުން 2013 ވަނަ އަހަރު އެޕްސްޓީން ލިޔެފައިވާ އީމެއިލްއެއްގެ ޑްރާފްޓެއް ގޭޓްސް ދެއްކި އެވެ.
އެ އީމެއިލްގައި ގޭޓްސްގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި އޭނާގެ ކުރީގެ މުވައްޒަފެއްގެ ވާހަކަ ހިމަނާފައިވެ އެވެ. ގޭޓްސް ބުނި ގޮތުގައި އެއީ ހަގީގަތާއި ދޮގު އެއްކޮށްލައިގެން އޭނާގެ މައްޗަށް ނުފޫޒު ފޯރުވަން އެޕްސްޓީން ކުރި މަސައްކަތެކެވެ.
ޖިންސީ ކުށްތަކުގެ ރެކޯޑު އޮތް އެޕްސްޓީންއާ އެކު ގުޅުން ބޭއްވުމަކީ ހެދުނު ގޯހެއް ކަމަށް ގޭޓްސް ވަނީ ތަކުރާރުކޮށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި އެޕްސްޓީންއާ ބައްދަލުކުރީ ހަމައެކަނި ހިލޭސާބަހަށް ކުރާ މަސައްކަތްތަކަށް އެހީތެރިވާނެ މުއްސަނދިން ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ. ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެޕްސްޓީންއާ 12 ނުވަތަ 14 ވަރަކަށް ފަހަރު ބައްދަލުވި ކަމަށާއި، ދެ ފަހަރަކު ވީޑިއޯ ކޯލުން ވާހަކަ ދެއްކި ކަމަށް ގޭޓްސް ބުންޏެވެ.
ޖިންސީ ގުޅުމުން އަރާ ބައްޔެއް ޖެހިގެން އުޅުނު ކަމަށް ދެކެވޭ ވާހަކަތައް ގޭޓްސް ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނީ ދުވަހަކުވެސް ޖިންސީ ބައްޔެއް ޖެހިފައި ނުވާނެ ކަމަށާއި، އެއްވެސް މީހަކަށް ސިއްރިއްޔާތުގައި ބޭސް ފޯރުކޮށްދީފައި ނުވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަނުން ވެސް ވަނީ އެޕްސްޓީންއާ އެކު އެ ޖަމިއްޔާގެ މުވައްޒަފުން ބޭއްވި މުއާމަލާތްތައް ބަލަން ފަށާފައެވެ. މީގެ ކުރިން އާންމުވި އީމެއިލްތަކުން އެނގޭ ގޮތުގައި އެޕްސްޓީން އާއި ފައުންޑޭޝަނުގެ ބައެއް އިސް މުވައްޒަފުންނާ ދެމެދު އެކި ފަހަރު މަތިން ވާހަކަ ދެކެވިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ