އޭދަފުށީގައި ރޭގަނޑު ދިހައެއްގެ ފަހުން އެކަނި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު ނަގަނީ

ބ. އޭދަފުށީގައި ރޭގަނޑު ދިހައެއްގެ ފަހުން ބެލެނިވެރިއަކާ ނުލައި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެރަށުގެ ފުލުހުން ފަށައިފިއެވެ. ފުލުހުން ބުނީ، އިދާރާތަކާ ގުޅިގެން އިއްޔެ އެ މަސައްކަތް ފެށީ ކުށްމަދު އަމާން މުޖުތަމައުއެއް ގާއިމުކޮށް، ކުށުގެ ވެށިން ކުޑަކުދިން ރައްކާތެރިކުރުމަށް ކަމަށެވެ. އެގޮތުން، ރޭގަނޑު ދިހައެއްގެފަހުން އެކަނި ބޭރުގައި އުޅޭ ކުދިންގެ މައުލޫމާތު އެއްކޮށް، ކުށްތަކަށް އަރައިގަންނަ ކުދިން އަލުން މުޖުތަމައުއަށް ގެނައުމަށް އިދާރާތަކާ ގުޅިގެން ކުރަން ޖެހޭ މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިކަމާ ގުޅިގެން އޭދަފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ޝަފީގް 'ސަން'އަށް ވިދާޅުވީ، އެ ހަރަކާތް ފެށީ މިދިޔަ ރޯދަ މަހު އެރަށު ގިނަ ސުކޫލު ކުދިންތަކެއް ރޭގަނޑު ދަންވަންދެން ބޭއަދަބީ ކަންކަމުގައި އުޅޭކަން ފާހަގަވުމުން ކަމަށެވެ. އެގޮތުން، އެ ފަދަ ކަންކަން އިސްލާހު ކުރުމަށް ފުލުހުން ފެށި މި ހަރަކާތުގެ ތެރެއިން ތަކުރާރުކޮށް ރޭގަނޑު ދިހައެއްގެ ފަހުން ބޭރުގައި އުޅޭ ކުދިންގެ ބެލެނިވެރިން ހާޒިރުކޮށް، ސުވާލުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، މި ހަރަކާތުގެ ސަބަބުން ކުދިންގެ އުޅުމަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާކަން ޝަފީގް ވަނީ ފާހަގަކުރައްވާފައެވެ. ސްކޫލު ކުދިންގެ އަޚުލާގު ރަނގަޅު ކުރުމަށް ބައެއް ރަށްރަށުގައި ތަފާތު ފިޔަވަޅުތައް އަޅައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ