ރައީސް މުހައްމަދު މުއިއްޒުގެ ދަރިކަލެއްގެ ކަރަމާތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ތަހުގީގު ކުރަން ފެށީ، ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގުގެ އޮފީހުން އަންގައިގެން ކަމަށް ފުލުހުން މިއަދު ބުނި ވާހަކަ އެ އޮފީހުން ދޮގުކޮށްފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ވޭޕް މަނާކޮށްފައި ވަނީ، ރައީސްގެ ދަރިކަލަކު ވޭޕް ބޭނުން ކުރެއްވުމުން ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގެ ތެރެއިން އެ ޕާޓީގެ އިސް އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކި ވާހަކަތަކަކީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް ދެއްކި ވާހަަކައެއް ކަމަށް ތުހުމަތު ކުރެވޭތީ އެކަމާ ގުޅިގެން ފުލުހުން އަންނަނީ ޖިނާއީ ތަހުގީގެއް ކުރަމުންނެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައަކީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުން އެ މުއައްސަސާއަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.
އެކަމަކު ފުލުހުންގެ އެ ވާހަކަތައް ދޮގުކުރަމުން، އޮމްބަޑްސްޕާސަންގެ އޮފީހުން މިރޭ ވަނީ ނޫސް ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ:
މުޒާހަރާގެ ވީޑިއޯ އެތަނުގެ ސަމާލުކަމަށް އައުމުން، އެ މައްސަލައިގައި ދެން އަމަލު ކުރަންވީ ގޮތާއި ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހަށް ފޮނުވި ސިޓީގައި އެދިފައި ނުވާނެ ކަމަށް
އޭގެ ބަދަލުގައި އެތަނުން އެދުނީ، އެ ފަދަ ހަރަކާތްތައް (މުޒާހަރާ)ގައި ފުލުހުން އިންތިޒާމްވެ ތިބޭއިރު، ކުޑަކުދިންގެ ޒާތީ މައުލޫމާތު ހާމަކޮށް، ކުދިންގެ ކަރާމާތަށް އުނިކަން އަންނަ މައުލޫމާތު ހާމަ ނުކުރެވޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކޮށްދިނުމަށް ކަމަށް
"އެއްވެސް ބާވަތެއްގެ ތަހުގީގެއް ކުރުމަށް ފުލުހުންގެ އިދާރާއިގައި އެދިފައި ނުވާތީ މިއަދު [ފުލުހުން] އާއްމު ކުރި ނޫސް ބަޔާނުގައި މި އޮފީހާ ގުޅޭގޮތުން ހާމަކޮށްފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫނެވެ." ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ ނޫސް ބަޔާނުގައި ބުންޏެވެ.
މި މައްސަލައިގައި މަރިޔަމް ޒުބައިރުގެ އިތުރުން ބައެއް އެހެން މީހުން ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވެ އެވެ.
ތަފްސީލު - އެ މައްސަލައިގެ ތަހުގީގަށް މަރިޔަމް ޒުބައިރާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ފިޔަވައި ހަށިގަނޑުގެ ބޭރުގެ ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކާ ގުޅިގެން އެ ދެ މީހުންނަށް ފުލުހުން ފޮނުވި ޗިޓުގެ މައްސަލަ ވަނީ ހޫނުވެފަ އެވެ.
ރައީސްގެ ދަރިކަލުންގެ ކަރާމާތާ ގުޅޭ މައްސަލަ ތަހުގީގު ކުރާކަށް ނާންގަން: ޗިލްޑްރަންސް އޮމްބަޑްސްޕާސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ