ދިވެހިރާއްޖޭގެ ސިވިލް ރަޖިސްޓްރޭޝަން، ވައިޓަލްސް ސްޓެޓިސްޓިކްސް އަދި އައިޑެންޓިފިކޭޝަން (ސީއާރްވީއެސް އައިޑީ) މެނޭޖްމަންޓް ނިޒާމު އަލުން ޑިޒައިންކުރުމުގެ މަސައްކަތް ކޮންޓްރޯލް ޑޭޓާ (ތައިލެންޑް) ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މި މަސައްކަތަކީ ވޯލްޑްބޭންކްގެ ހިލޭ އެހީގެ ދަށުން، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހިންގަމުންދާ "ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. މުޙައްމަދު ކިނާނަތު އެވެ. އަދި ކޮންޓްރޯލް ޑޭޓާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ނާރޓް ލިއުޗަރެއޮން އެވެ.
މި އެއްބަސްވުމުގެ ދަށުން ޑީއެންއާރްގެ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ޑީމެޑް ޕްރޮޖެކްޓްގެ 2 ވަނަ ކޮމްޕޯނަންޓްގެ ދަށުންނެވެ. މި ނިޒާމު ޤާއިމްކުރެވުމުން، އީފާސް ޑިޖިޓަލް އައިޑެންޓިޓީ ނިޒާމު ހިންގުމާއި، ލޯކަލް ކައުންސިލްތަކުން ކުރަމުންގެންދާ އާބާދީ ބެލެހެއްޓުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އައު ނިޒާމުގެ ސަބަބުން ސިއްޚަތާބެހޭ ވުޒާރާ އަދި މޯލްޑިވްސް ސްޓެޓިސްޓިކަލް ބިއުރޯއަށް ބޭނުންވާ ތަފާސް ހިސާބުތައް، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން، ސައްޚަކަމާއި، ރައްކާތެރިކަމާއެކު ރިއަލްޓައިމްކޮށް ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މި މަސައްކަތް ނިމުމުން، ޑީއެންއާރަށް ބޭނުންވާ ސޮފްޓްވެއަރ އަދި ހާޑްވެއަރ ހޯދުމުގެ މަސައްކަތްވެސް ޑީމެޑް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި މަސައްކަތް ހަވާލުކުރެވުނު ކޮންޓްރޯލް ޑޭޓާ އަކީ ޑޭޓާ ބެކަޕް ސެންޓަރެއްގެ ގޮތުގައި މަސައްކަތް ފަށައި، އެމެރިކާގެ ކޮންޓްރޯލް ޑޭޓާ ކޯޕަރޭޝަންގެ ގޮތްޕެއްގެ ގޮތުގައި ތައިލޭންޑްގެ ސަރުކާރުގެ އިދާރާތަކަށާއި، ދައުލަތުގެ ވިޔަފާރިތަކަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ.
ސީއާރްވީއެސް އައިޑީ ނިޒާމު އަލުން ޑިޒައިންކުރުމަށް ކޮންޓްރޯލް ޑޭޓާއާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ