މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމުކޮށްފައިވާ ކާބޯތަކެތި އިޝްތިހާރު ކުރުމާ ބެހޭ ގަވައިދުގައި ހުރި ކަންތައްތަކާ މެދު އާންމުންނާއި ކުދި ވިޔަފާރިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން އެކުލަވާލައި އާންމުކޮށްފައިވާ އެ ގަވައިދަކީ ކާބޯތަކެތި އިޝްތިހާރު ކުރުމުގައި ބަލަން ޖެހޭ މިންގަނޑުތަކާއި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލާފައިވާ ގަވައިދެކެވެ.
ތަފްސީލް - އެ ގަވައިދުގައި ބުނާ ގޮތުން، އެއްވެސް ބާވަތެއްގެ ކާބޯއެއްޗެއް އިޝްތިހާރު ކުރެވޭނީ އެ އިޝްތިހާރެއް އެމްއެފްޑީއޭއަށް ހުށަހަޅައި އެ އިދާރާގެ ހުއްދަ ލިބިގެންނެވެ. އެގޮތުން:
އެ ހުއްދަ ދެނީ ތިން އަހަރަށް
ތިން އަހަރު ހަމަވުމުން އަނެއްކާވެސް ހުއްދަ އާ ކުރަން ޖެހޭ
އެ އިޝްތިހާރު ފާސްކުރާ ފަހުން އިޝްތިހާރަށް ބަދަލު ގެނެސްފި ނަމަ، އަލުން އިޝްތިހާރު ފާސްކުރަން ޖެހޭނެ
ހުއްދައަށް އެދެން ޖެހެނީ 'ދިރިތި ޕޯޓަލް' މެދުވެރިކޮށް
ހުއްދައަށް އެދި ހުށަހަޅާއިރު އިޝްތިހާރުގެ ސްކްރިޕްޓާއި އޯޑިއޯ އަދި ވީޑިއޯގެ އިތުރުން ފޮޓޯ ވެސް ހުށަހަޅަން ޖެހޭ
މި ގަވައިދާ މެދު އާންމުންނާއި ވިޔަފާރިތަކުގެ ކަންބޮޑުވުން ބޮޑަށް އޮތީ އިޝްތިހާރު ފާސްކުރަން ހުށަހަޅަން ޖެހުމާއި ދައްކަން ޖެހޭ ފީގެ ބޮޑުކަމުންނެވެ.
ކޮންމެ އިޝްތިހާރަކަށް ވެސް އަނބުރާ ނުލިބޭ ގޮތަށް، ފީގެ ގޮތުގައި ފައިސާ ދައްކަން ޖެހެ އެވެ. އެގޮތުން:
ފޮޓޯ އިޝްތިހާރަކަށް 1،000ރ. ދައްކަން ޖެހޭ
ވީޑިއޯ ނުވަތަ އޯޑިއޯ އިޝްތިހާރުތަކަށް 1،500ރ. ދައްކަން ޖެހޭ
އެނާޖީ ޑްރިންކު އިޝްތިހާރު ކުރާ ނަމަ، 3،000ރ. ދައްކަން ޖެހޭ
އިޝްތިހާރު ފާސް ނުވެއްޖެ ނަމަ، އަލުން އިސްލާހު ކުރުމަށް ފަހު އިޝްތިހާރު ފާސް ކުރަން އެދޭއިރު ފީ ދައްކަން ޖެހޭ
އިންޓަނެޓު މެދުވެރިކޮށް ކާބޯތަކެތީގެ ވިޔަފާރީ ކުރާ މީހުން ވެސް މި ގަވައިދުގެ ދަށުން އިޝްތިހާރުތައް ފާސްކުރަން ޖެހެ އެވެ. އިންޓަނެޓު މެދުވެރިކޮށް ވިޔަފާރި އިޝްތިހާރުކުރާ މީހުންގެ ތެރޭގައި ގޭގައި ތިބެގެން ވިޔަފާރި ކުރާ މީހުންގެ އަދަދު ގިނަ އެވެ.
ކުދި އަދި އެންމެ ކުދި ވިޔަފާރިތަކުގެ ގޮތުގައި ހިމެނޭ މިފަދަ ވިޔަފާރިތަކުން އެ މީހުންގެ އުފެއްދުންތައް އިޝްތިހާރު ކުރަން ބޭނުން ނަމަ، ބޮޑު ފީއެއް ދައްކަން ޖެހުމުގެ ކަންބޮޑުވުމާ އެކު، މިއީ އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ ބަދަލުގައި ގޮންޖެހުން ބޮޑުކުރުމަށް ހަދާފައިވާ ގަވައިދެއް ކަމަށް، ގަވައިދާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައިވާ ބައެއް މީހުން ބުނެފައިވެ އެވެ.
"މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަމަލު ކުރަން ފެށި ކާބޯތަކެތި އިޝްތިހާރު ކުރުމުގެ ގަވައިދާ މެދު އަލުން ވިސްނަން ޖެހޭ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް [ގަވައިދުގައި ބުނާ] ފީތައް ދެއްކުމަކީ ފަސޭހަ ކަމަކަށް ނުވާނެ،" 'އެކްސް'ގައި ހިޔާލު ފާޅުކުރި މީހަކު ބުނެފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުން، އިންސްޓަގްރާމުގައި ކުރާ ކޮންމެ ޕޯސްޓެއް ފާސްކުރަން އެފަދަ ވިޔަފާރިތަކުން 1،000ރ. ނޫނީ އެއަށް ވުރެ އިތުރަށް ފައިސާ ދެއްކުމަކީ ދެކޮޅު ޖެހޭނެ ކަމަކަށް ވެސް ނުވާނެ އެވެ.
މިއީ އަންހެނުން ބާރުވެރިކުރުމުގެ ބަދަލުގައި، ގޭގައި ތިބެގެން އާމްދަނީ ހޯދަން މަސައްކަތް ކުރާ އަންހެނުންގެ ވިޔަފާރިތަކަށް ކުރިމަތިކުރުވާ ގޮންޖެހުމެއްގެ ގޮތުގައި ވެސް ބައެއް މީހުން ސިފަކޮށްފައިވެ އެވެ.
އިންސްޓަގްރާމުގައި ޖަހާ ފޮޓޯ އިޝްތިހާރެއް ފާސްކުރަން 1،000ރ. ނަގާއިރު، މިއީ އެ ޕްލެޓްފޯމުން އެޑް ރަންކުރަން ޗާޖުކުރާ އަގާ އަޅާބަލާއިރު ވެސް މާ ބޮޑު އަދަދެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.
އެމްއެފްޑީއޭގެ ގަވައިދާ ހިލާފުވެއްޖެ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ވެސް ވަނީ ހިމަނައިފަ އެވެ. އެގޮތުން:
ފުރަތަމަ ފަހަރު 10،000ރ.
ދެ ވަނަ ފަހަރު 100،000ރ.
ތިން ވަނަ ފަހަރު 300،000ރ.
ތިން ވަނަ ފަހަރަށް ވުރެ އިތުރަށް ގަވައިދާ ހިލާފުވާ ނަމަ، 500،000ރ.
ކާބޯތަކެތި އިޝްތިހާރުކުރުމުގެ ގަވައިދާ އެކު ބޮޑެތި ޝަކުވާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ