އަދުލްއިންސާފައި ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާ އެކު ތިބެން ޖެހޭ ކަމަށް އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިރޭ ވިދާޅުވެއްޖެ އެވެ.
ޝަރުއީ ދާއިރާގެ "ގަޟާއީ އަހަރު 2025" އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ 2008 ވަނަ އަހަރު ދިވެހިން ލިބިގަތް ގާނޫނުއަސާސީއިން ވަނީ ދައުލަތުގެ ތިން ބާރު ވަކިކުރެވި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް މުސްތަގިއްލު ފަނޑިޔާރުގެއެއް ގާއިމުކޮށްފައި ކަމަށެވެ.
މިގޮތުން ފުރިހަމަ ގޮތެއްގައި ދައުލަތެއް ހިނގައި ރައްޔިތުންގެ ހައްގު ކަށަވަރު ކުރެވޭނީ ދައުލަތުގައި ހިމެނޭ ހުރިހާ އެންމެން އިހުލާސްތެރިކަމާ އެކު ގާނޫނުގެ ބާރު ނަގަހައްޓައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ގާނޫނުގެ ބާރު ނެގެހެއްޓުމަކީ ދައުލަތުގެ ތިން ބާރުގެ އިތުރުން މުސްތަަގިއްލު ކޮމިޝަންތަކާއި މުސްތަގިއްލު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މައްޗަށް އޮތް ދުސްތޫރީ ވާޖިބެއް. އަދުލްއިންސާފާއި ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާ އެކު އެބަ ތިބެން ޖެހޭ،" މުއުތަސިމް އަދުނާން ވިދާޅުވި އެވެ.
"އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ފަނޑިޔާރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކު އަދާ ކުރުމަކީ އަޅުގަނޑުމެން ފަނޑިޔާރުން ވެފައިވާ ވައުދެއް. މި ވައުދު ފުއްދުމަށް ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި 182 ފަނޑިޔާރު ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާ."
ރާއްޖޭގައި ތިބި ފަނޑިޔާރު މަސައްކަތް ކުރަމުންދަނީ ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށް، ވިސްނުންތެރި ކަމާއެކު، ތައައްސަބުން އެއްކިބާވެފައިވާ އިންސާފުވެރި، ރައްޔިތުން އިތުބާރު ކުރާ ފަނޑިޔާރުގެއަކަށް ރާއްޖޭގެ ޖުޑީޝަރީ ހެދުމަށް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުން ގާނޫނުގެ ހުކޫމަތް ދެމެހެއްޓުމަށް ކުރައްވާ ހުކުމްތަކުގައި އެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ހައްލުކުރުމުގެ އިތުރަށް ގާނޫނުގައި ސާފުނުވާ ކަންކަން ސާފުކޮށްދީ، ގާނޫނީ މަބްދާއުތައް މާނަކުރާނެ ގޮތް ތަފްސީލްކޮށް ބަޔާން ކުރަމުންދާތީ ދަށު ކޯޓުތަކާއި ވަކީލުންގެ އިތުރުން އާންމުންނަށް ފަސޭހަތަކެއް ވަމުންދާ ކަމަށެވެ.
ރާއްޖޭގެ މުސްތަގުބަލަށް ބަލާއިރު އަދުލުވެރި ހަމަހަމަ އަހުލުވެރި ނިޒާމެއް ގާއިމު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ގިނަކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެ މަސައްކަތްތައް ކުރުމުގައި މިހާރަށްވުރެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވުން އެކަށީގެންވާ ކަމަށެވެ.
ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާ އެކު ތިބެން ޖެހޭ: އުއްތަމަ ފަނޑިޔާރު ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާ އެކު ތިބެން ޖެހޭ: އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ