އޭދަފުށީ ޓީމަށް ޔަގީންކަން ދީފައި ކީޕަރަކަށް އަރައި އަޖުފާން ހޯދައިދިނީ ޒޯން ތަށި އޭދަފުށީ ޓީމަށް ޔަގީންކަން ދީފައި ކީޕަރަކަށް އަރައި އަޖުފާން ހޯދައިދިނީ ޒޯން ތަށި

ގޯލްޑަން ފުޓްސަލް ޗެލެންޖު 2025ގެ ޒޯން ތިނެއްގެ ފައިނަލުގައި، އޭދަފުށިން މިރޭ މެޗު ނިންމާލަން ޖެހުނީ، ދެ ކީޕަރުން ކަމަށްވާ އަބްދުﷲ ނާސިހު އާއި އަހުމަދު އިރުފާނު ނުލަ އެވެ. މި ޒޯނުގެ ފައިނަލުގައި ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، އޭދަފުށީގެ ކީޕަރުގެ އަންގި ލައްވައިގެން ނުކުމެ ހުރީ އާންމު ގޮތެއްގައި، ޑިފެންޑަރަކަށް ކުޅޭ މުހައްމަދު އަޖުފާން އެވެ.
ޕެނަލްޓީގައި، ކ. ކާށިދޫން ޖެހި ތިން ޕެނަލްޓީއެއް މަތަކޮށް، އަޖުފާން، "ހީރޯ" އަކަށްވެ، ހަ އަހަރު ފަހުން އޭދަފުށްޓަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ޒޯން ތަށި ހޯދައިދީ، ގިނަ ބަޔެއްގެ ތައުރީފުގެ ބަސްތައް އޭނާ އަށް ދަނީ އޮހެމުންނެވެ.
މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި އޭދަފުށި ވަނީ ޕެނަލްޓީ ޖަހައިގެން، ކ. ގާފަރު އަތުން ބަލިވެފަ އެވެ. އެކަމަކު، މި ފަހަރު އޭދަފުށްޓަށް ޕެނަލްޓީގައި ތަފާތު ދެއްކީ، އިމަޖެންސީ ހާލަތެއްގައި އަންގި ލައްވައިގެން ގޯލަށް އަރައި ކީޕަރަކަށް ހުރެ މޮޅަށް ކުޅުނު އަޖުފާން އެވެ.
މެޗުގެ ތެރެއިން އަޖުފާން (ވ) އެ ޓީމުގެ ފާއްޓެއާ އެކު.--- ފޮޓޯ: ރާއިފް ޔޫސުފް (ރާއީ)
އަޖުފާން ވަނީ، މިރޭގެ ފައިނަލުގެ ދެ ވަނަ ހާފުގައި ކުޅެން އަރައި، ގޯޅު ބަލަހައްޓައި، 0-0 އިން އެއްވަރުވުވުމުގައި ވެސް ދައުރެއް އަދާކޮށްފަ އެވެ. އަދި ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި، ކާށިދޫން ޖެހި ތިން ޕެނަލްޓީއެއް ހުއްޓުވައިފަ އެވެ.
ފައިނަލް މެޗު ފަށައިގެން ދެ މިނިޓް ތެރޭ، އެ ޓީމުގެ ކީޕަރު އަދި ކެޕްޓަން، ނާސިހު އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. މި ފަހަރުގެ ގޯލްޑަން އަށް ޕްރެކްޓިސް ކުރަނިކޮށް، އޭދަފުށީގެ ކީޕަރު، އަހުމަދު އަފްޒަލް ވެސް ސީރިއަސް އަނިޔާވެ މުބާރާތް ގެއްލިފައި ވަނިކޮށް، ނާސިހު އަށް ވެސް އަނިޔާވެ، ރިހޭ ފައި މައްޗަށް ފޮއިވެއްޓުނީ އެވެ. އަދި އެ ހާލަތުގައި އޮއްވައި، ދެން ޓީމުގައި ހުރި ކީޕަރު، އިރުފާން އަށް މެޗުގެ ދެ ވަނަ ހާފުގައި ރަތް ކާޑެއް ދެއްކުމުން، ކީޕަރަކަށް އެރީ އަޖުފާން އެވެ.
"ކޮންފިޑެންސް އޮތް، ދެން ބޭނުންވީ މީތި (ޒޯން ތަށި) ނަގާލަދޭން. ރާޖު (ކީޕަރު ނާސިހު) އެހާ ބޮޑު އިންޖަރީއަކާ އެކީ ހުރެފައި. އެ ކުޅުނީ، ސީދާ ރާޖު އަށް ޓަކައި، މީތި ނަގާލަދޭން ބޭނުންވީ،" ވަރަށް އުނދަގުލުން ހުރެފައި ދޭން އެއްބަސްވި އިންޓަވިއުގެ ފުރަތަމަ ސުވާލަށް ދިން ޖަވާބުގައި އަޖުފާން ބުންޏެވެ.
ޕެނަލްޓީ އަށް ނުކުންނަން ޖެހުމުން އެންމެ ޕެނަލްޓީއެއް ވެސް ނެގިދާނެތޯ އަހާލުމުން އަޖުފާން ބުނީ، ޕެނަލްޓީ އަށް ދިޔައީ ޓީމަށް ޔަގީންކަން ދީފައި ކަމަށެވެ.
"ކޯޗު ކައިރީގައި ބުނެފައި ދިޔައީ މި ނަގަނީ އޭ ދެން، އެ ވަރަށް ޔަގީންކަން އޮތްދޯ،" އަޖުފާން ބުންޏެވެ.
މެޗަށް ފަހު އަޖުފާން އިންޓަވިއު ދެނީ.--- ފޮޓޯ: ރާއިފް ޔޫސުފް (ރާއި)
އެންމެ ފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންގެ ގޮތުގައި، މި ފަހަރު ވެސް މުބާރާތަށް ނުކުތީ ތަށި ހޯދުމަށް ކަމަށް އަޖުފާން ވަނީ ބުނެފަ އެވެ.
"(ޓާގެޓަކީ) ތަށި ދިފާއުކުރަން، ރަނުން ރަނަށް ހަމަ،" އިންޓަވިއު ނިންމާލަމުން، އަޖުފާން ބުންޏެވެ.
އޭދަފުށިން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން މުހައްމަދު ފާސިރު (ފާއްޓެ) އާއި އަލީ ނަސީމް (ދިއްލި) އަދި ހުސެއިން ޝަރީފް (މުޑާ) ޕެނަލްޓީ ކާމިޔާބުކުރިއެވެ. ކާށިދޫގެ ތިން ޕެނަލްޓީއެއް އޭދަފުށީގެ ކީޕަރަކަށް ހުރި އަޖުފާން މަތަކުރިއިރު، ކާށިދޫ އަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ، އިލްވާން މުހައްމަދު އެވެ. އަޖުފާން މަތަކުރި ޕެނަލްޓީތަކަކީ، ކާށިދޫގެ އަބްދުﷲ ސުޒެއިރު އާއި އެ ޓީމުގެ ކެޕްޓަން، އަކުމަލް މުހައްމަދު (އަކޫބެ) އަދި ޝައްފާން ހަލީމް ފޮނުވާލި ޕެނަލްޓީތަކެވެ. މިއީ، ކާށިދޫ އަށް މި ފަހަރުގެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިންނެވެ.
ޕެނަލްޓީ ޖަހައިގެން މޮޅުވުމުން އަޖުފާން އޭދަފުށީގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ރާއިފް ޔޫސުފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ