ވާހަކަ: މިތުރާ މަގޭ - ސޯޅަވަނަ ބައި

(2
ފެބުރުއަރީގެ ބަޔާއި ގުޅޭ)
ހޫރައިން ހަމްރާއުއަށް ގުޅުމަށް ފަހު ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓެވެ.
ކޮންމެ ރިންގަކާއެކު ހިތުގެ ތެޅުން ވެސް އައީ އަވަސްވަމުންނެވެ.
"ހަލޯ،" އެކޮޅުން ހަމްރާއު ފޯނު ނަގައިފި އެވެ.
"ބިފޯ އައި ޗޭންޖް މައި މައިންޑް އަގެއިން... އަހަރެން އިންނަން
ތައްޔާރު،" ހޫރައިން ނޭވާލީ ވެސް ބުނަންވީ ހުރިހާ އެއްޗެއް ބުނެފަ އެވެ.
އިސާހިތަކު އުފާވެރި ހިނިތުންވުމަކުން އެ މޫނު އެކީ ފޮޅިގެން އަތުވެއްޖެ އެވެ.
ހޫރައިންއަށް ލޯމަތީ އަތް އަޅައިލެވުނީ ކުރިމަތީ ހަމްރާއު ހުރި ނަމަވެސް ރަކިވެގެން
ކަންތައް ކުރާނެ ފަދަ ގޮތަކަށެވެ.
ކުޑަ ހިނދުކޮޅެއް ފާއިތުވެގެން ދިޔައީ ދެ މީހުން ކުރެ އެކަކު ވެސް އެއްވެސް
އެއްޗެއް ނުކިޔަ އެވެ.
"ހަމްރާއު. ބަސް ހުސްވީތަ؟" ހޫރައިން އިރުކޮޅަކުން އަހާލައިފި
އެވެ. އޭނަގެ ތުންފަތުގައިވި ހިނިތުންވުމަކަށް ބަދަލެއް ނާދެ އެވެ. ހަމްރާއުއަށް
އޭނަ އެ ދިނީ ހަމްރާއު އުންމީދުނުކޮށް ހުރި ޖަވާބެއްކަން ޔަގީނެވެ.
"ހޫރައިން އަހަންނަށް މާފުކުރޭ. ރައިނާ ހިތްހަމައެއްނުޖެހޭ އަހަރެން
ދެވަނަ ކައިވެންޏެއް ކުރާކަށް،" ހަމްރާއުގެ އަޑު އައީ އާދައިގެ ވަރަށް ވުރެ
ބަރުކޮށެވެ.
ހޫރައިންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ވަގުތުން އޭނައަށް
ހުހަށް އޮތް އަތުން ރެއިލިންގައި ބާރަށް ހިފަހައްޓާލެވިއްޖެ އެވެ. ފޯނާ އެކު
އަނެއް އަތް އެލުވާލެވުނީ ތިރިއަށެވެ. ފުން ނޭވާތަކެއް ލާން އެހެން ހުރެފައި
އިރުކޮޅަކުން އެނބުރި ކޮޓަރިއާ ދިމާއަށް ދެވުނީ ފައިދަމަމުން ކަހަލަ ގޮތަކަށެވެ.
އެނދާ ހަމައަށް ފޯރުމާ އެކު އަވަހަށް އިށީނދެވިއްޖެ އެވެ. ފޯނަށް ބަލާލެވުނު އިރު އޮތީ
ކެނޑިފަ އެވެ. ހަމްރާއު ފޯނު ކަނޑައިލީ ކަންނޭނގެ އެވެ.
ހޫރައިންއަށް ގަބޫލުކުރަން ދަތިވި އެވެ. އާނއެކެވެ. އޭނައަށް އެ އުޅެވެނީ
ހުވަފެނެއްގައެއް ނޫނެވެ. ހަމްރާއު އޭނަގެ ނިންމުމަށް ފުރަގަސްދީފި އެވެ.
ކުރީފަހަރު އޭނަ އަމިއްލައަށް ހަމްރާއުއާ ދުރުވާން ނިންމި ގޮތަށް މިފަހަރު ހަމްރާއު
އޭނައާ ދުރުވާން ނިންމައިފި އެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟
އެ ރޭ ހޫރައިންއަކަށް އެންމެ ލޮލުފިޔައެއް ވެސް ނުޖެހެ އެވެ. އެކި ފަހަރު އެކި
ގޮތަށް ވިސްނަމުން ގޮސް އެންމެފަހުން ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ.
އޭނައަށް އެހެން އެ ދިމާވީ އެހެން މީހެއްގެ ދިރިއުޅުމަށް ވަންނަން މަސައްކަތްކުރީމަ
އެވެ. ލިބުނީ އެ ކުށުގެ އަދަބެވެ. ހަމްރާއު ވެސް ފުރަތަމަ ލޯބިން އިން އަނބިމީހާ
ހުއްޓާ އޭނައާ އިންނަންވީ ކީއްވެ ހެއްޔެވެ؟ އިންސާނަކަށް ވީތީ ހިނދުކޮޅަކަށް
ހަމްރާއުއަށް މަގު އޮޅުނީ އެވެ. އެކަމަކު ރައިނާ ނުރުހޭކަން އެންގުމާ އެކު ކިޔަމަންތެރި
ފިރިއެއްހެން ހުރިހާ ކަމެއް ދޫކޮށްލީ އެވެ. އާހިރުގައި ބަދުނާމު ވެސް ވާނީ
ހޫރައިން އެވެ. ރައިނާ ގުޅާފައި އެ ވާހަކަތައް އޭނަގެ ބައްޕައަށް އެންގުމަކީ އޭނަ
އުންމީދުނުކުރާ ކަމެއް ނޫނެވެ. އެންމެފަހުން ބައްޕަ ވެސް އޭނަ ދެކެ ރުޅިއަންނާނެ އެވެ.
ހެނދުނުވީއިރު ހޫރައިންގެ ބޮލުގައި ރިއްސާވަރުން ބޯ ހިއްލައިލާނެ ވަރު ވެސް
ނެތެވެ. ކޮލެޖަށް ދާން ނުނިކުމެގެން އޭނަ ހޯދަމުން އެތަނަށް ވަނީ ނަބީލާ އެވެ.
ހޫރައިން އޮތީ ކުޑަކޮށް ނިދިޖެހޭގޮތް ވެސް ވެފަ އެވެ. ނަބީލާ ސުވާލުކުރުމުން ބަލި
އަޑަކުން ބޮލުގައި ރިއްސާ ވާހަކަ ބުނެލި އެވެ. ނަބީލާ އައިސް ހޫރައިންއަށް
ބަލައިލާފައި ނިތުގައި އަތް ޖައްސައިލިއިރު ހޫނެއް ނޫނެވެ.
"ބޭސް އެބަހުރިތަ؟" ނަބީލާ ގޮސް ހޫރައިންގެ އެނދު ކައިރީ ހުރި
ކަބަޑުގެ ވަތްގަނޑު ހުޅުވާލި އެވެ.
ނަސީބަކުން އަފަމޯލް ކާޑެއް އޮތެވެ.
"އިހަށް މަޑުކުރޭ. ކޮންމެވެސް އެއްޗެއް ބޯލައިގެން ބޭސް ކާން ވާނީ.
އެބަ އަންނަން ހޫނު ކިރު ތަށްޓެއް ހިފައިގެން،" ނަބީލާ ހޫރައިންއަށް އަންގާފައި
ނިކުމެގެން ދިޔަ އެވެ.
ދޮރުމަތިން އަމްރުއާ ދިމާވެގެން ހޫރައިން ކޮބައިތޯ ސުވާލުކުރުމުން
ވެގެން އުޅޭ ގޮތް ކިޔައިދިނެވެ.
"އެ މަންޖެ ހޮސްޕިޓަލަށް ގެންދަން ހިނގާ. ސާއިމްއަށް ގުޅާފަ ބުނީމަ
ހަނާން ކައިރީ މަޑުކުރަން އަތުވެދާނެއެއްނު،" އަމްރު ލަފާދިނެވެ.
"އިހަށް އޭނައަށް ކިރު ތަށްޓެއް ދީފަ ބޭސް ގުޅައެއް ދޭން މި އުޅެނީ. އޭނަ ތެދުވެ
މޫނު ދޮވެލާ ތައްޔާރުވީމަ ދާން އުޅޭނީ ދޯ؟" ނަބީލާ ހުއްޓިފައި އަމްރުގެ ވާހަކައާ
ދެކޮޅުހެދުމެއްނެތި ވާހަކަދެއްކި އެވެ.
އަމްރު ބޯޖަހާލުމުން އޭނަ ވަދެގެން ގޮސް ކުރަން އުޅުނު މަސައްކަތުގައި
ޝާމިލުވި އެވެ.
ބޭސް ކެވުމުން ހޮސްޕިޓަލަށް ދާކަށް ހޫރައިން އެއްބަހެއްނުވި އެވެ. ނިދާލުމުން
ރަނގަޅުވާނެއޭ ކިޔާފައި އޭނަ އެނބުރުނީ އެނދުގެ ބިތްދޮށަށެވެ. ނުނިދާ ހުރުމުން
އެ ގަޑީގައި އޭނަ އޮތީ ރަނގަޅަށް ވެސް ނިދިއައިސްފަ އެވެ. އަމްރު އާއި ނަބީލާ އެކަކު
އަނެކަކަށް ބަލާލައިފައި ހޫރައިންއަށް އެކަނިވެލަން ވަގުތު ދިނުމަށް ފަހު އެތަނުން
ނިކުތެވެ.
"ހުމެއް ނެތް. އަހަރެން ބަލާލިން ކުރިން. ބޮލުގައި ރިއްސާ ވާހަކަ އެކަނި
ބުނީ. ދެން ރަނގަޅު ނޫނިއްޔާ ފަހުން އަނެއްކާ ދާން ބުނާނީ ދޯ؟" އަމްރު ހަމަޖެއްސުމުގެ
ގޮތުން ނަބީލާ ވާހަކަދެއްކި އެވެ.
އަމްރު އެއްބަސްވެ ބޯޖަހާލައިފައި ނަބީލާ ފަހަތުން ގޮސް ވަނީ ކޮފީ ތަށްޓެއް
ބޯންވެގެންނެވެ.
***
ހެނދުނުގެ ވަގުތެވެ. އޮފީހުން ކުރު ޗުއްޓީއެއް ނަގައިގެން ހަމްރާއު އުޅޭތާ
ދުވަސްކޮޅެއް ވީ އެވެ. ރަނާ ސުކޫލަށް ގެންގޮސްފައި އައިސް ގެއަށް ވަންއިރު
ބަދިގޭގައި ކޮންމެވެސް މީހަކު އުޅޭ އަޑު އިވެ އެވެ. ހަމްރާއު ވަންއިރު ރައިނާ އިނީ
ސައިމޭޒު ދޮށުގަ އެވެ. އޭނަ ދޮރުމައްޗަށް އެރިތަނާ ރައިނާ އިސްއުފުލައިލުމުން ހަމްރާއު
ލުއި ހިނިތުންވުމެއް ވެރިކޮށްލި އެވެ. ރައިނާ އޭގެ ރައްދެއް ނުދެ އެވެ. ފެށީ
އަނެއްކާވެސް ސައިބޯށެވެ.
ހަމްރާއު ގޮސް ކުރިމަތީ ހުރި އަނެއް ގޮނޑީގައި އިށީނެވެ. މޭޒުމައްޗަށް ނަޒަރު
ހިންގާލައިފައި ޕާން ފޮއްޗެއްގައި ބަޓަރުކޮޅެއް ހާކާލައިގެން ކާން ފެށި އެވެ.
ރައިނާ އޭނައަށް ބަލައިލި އެވެ. އެކަމަކު އެއްޗެއް ނުބުނެ އެވެ. ހަމްރާއުއާ ހިލާފަށް
ރައިނާ ކާން އިނީ ބިސްގަނޑެކެވެ. ކައިރީގައި ފެހިކުލައަށްދާ ކޮންމެވެސް ޖޫހެއް
ހުއްޓެވެ.
"މި ޖޫސް ތަށިން ރަހަ ބަލާލަންތަ؟" ހަމްރާއު ބޮލުގެ އިޝާރާތުން
ރައިނާ ކައިރީ ހުރި ޖޫސް ތަށި ދައްކައިލި އެވެ.
ރައިނާ އަނެއްކާވެސް ބަލައިލި އެވެ. އެކަމަކު މިފަހަރު ވެސް އެއްޗެއް ނުބުނެ
ކެއުން ކުރިއަށް ގެންދިޔަ އެވެ.
ހަމްރާއު ޖޫސް ތަށީގައި ހިފަން އަތް ދިއްކޮށްކޮށް އިންދާ ރައިނާ އެ ތަށި ނަގައި
ތުންޖަހާފައި އެއްފަހަރުން ބޯލި އެވެ. ދެން އަނގައަށާއި މޫނަށް ވައްތަރެއް ޖައްސާފައި
އެކަމަކު ނިކަން އަވަހަށް މޫނުގެ ކުލަވަރު ރަނގަޅުކޮށްލައިފި އެވެ.
"ދެން ކޮން ދުވަހަކުން އަހަންނާ ވާހަކަދައްކާނީ؟" ހަމްރާއު މޭޒުމަތީ
ދެ އަތް ހުރަހަށް އަޅާލައިފައި ކުޑަކޮށް ބޯތިރިކޮށްލައި އެ ދެ އަތުގައި އުޅަބޮށި
ވިއްދާލައިގެން ރައިނާއަށް ބަލަން އިނެވެ.
"އެ އަންހެންކުއްޖާއަކީ ކާކުކަން ބުނީމަ،" ރައިނާގެ ޖަވާބު ސާފެވެ.
"އަހަރެން ބުނީމެއްނު އަހަރެން އޭނައާ އިނުމުގެ ހިޔާލު ދޫކޮށްލި ވާހަކަ.
ދެން ނަން ހޯދުމެއް ނެތެއްނު. އެކަން އެ ނިމުނީ،" ހަމްރާއު ރައިނާއަށް
ވިސްނަދިނުމުގެ ގޮތުން ކުރިން ބުނެފައިވާ ވާހަކަ ތަކުރާރު ކުރި އެވެ.
ރައިނާ ލޯ އަޅާލައިފައި ތެދުވެގެން ގޮސް އެތަނުން ނިކުތެވެ. ހަމްރާއު
އެނބުރިފައި ރައިނާ ނިކުމެގެން ދިޔަ ދިމާއަށް ބަލައިލުމަށް ފަހު ފުން ނޭވައެއް
ދޫކޮށްލި އެވެ. އޭނަ ރައިނާއަށް ވިސްނައިދޭން މަސައްކަތްކޮށްކޮށް ވަރުބަލިވެއްޖެ
އެވެ. އެކަމަކު ރައިނާ އަދިވެސް ޖައްސަނީ އެއް މައްސަލައެކެވެ. އޭނަ އިންނަން
ބޭނުންވީ ކޮން އަންހެންކުއްޖަކާތޯ އެވެ.
"އަހަރެން ބޭނުންވަނީ އެ ކުއްޖާ ދެކިލަން. އެއީ ކިހިނެއް ކޮން ގޮތަކަށް
ހުރި އަންހެންކުއްޖެއްތޯ. އުމުރަކީ ކިހާވަރެއްތޯ. ހަށިގަނޑާއި އިސްކޮޅު ހުރީ
ކިހިނެއްތޯ. ހަމުގެ ކުލަ އާއި ވަނާތައް ހުރީ ކިހިނެއްތޯ،" ހަމްރާއު ރައިނާ
ކައިރީ ސަބަބު އެހުމުން ދިން ޖަވާބަކީ އެއީ އެވެ.
"އަހަރެން އެހެން އަންހެންކުއްޖަކާ ގަޔާވީ ރައިނާގެ ކިބައިގައި
އުނިކަމެއް ހުރެގެނެއް ނޫން،" ހަމްރާއު އިރުކޮޅެއް ވަންދެން އެއްޗެއް ނުބުނެ
ހުރެފައި ޖަވާބުގައި ބުނި އެއްޗަކީ އެއީ އެވެ. އެކަމަކު ރައިނާ އަދިވެސް
ދުލެއްނުކުރެ އެވެ. އުމުރު ދުވަހުވެސް އެ ވާހަކަ ދެއްކުން ހުއްޓާނެކަމެއް ނޭނގެ އެވެ.
ފުރަތަމަ ދުވަހު ރުޅިއައިސްގެން ރައިނާ ތުރުތުރު އަޅަ އެވެ. ކޮޓަރީގައި ހުރި
ހުރިހާ އެއްޗެއް އުކާލައި ރަނާ ވެސް ދޫކޮށްލާފައި ނިކުމެގެން ދިޔަ ގޮތަށް އެ ރޭ ބާރަ
ޖެހިއިރު ވެސް ގެއަކަށް ނާދެ އެވެ. ހަމްރާއު ރައިނާގެ ރައްޓެހިންނާއި އާއިލާއަށް
ގުޅައި މުޅި މާލޭގައި ރައިނާ ހޯދަން ދުއްވި އެވެ. ރައިނާ އަމިއްލަ ހަށިގަނޑަށް
ގެއްލުމެއް ދީފާނެތީ އޭނަ އިންތިހާއަށް ބިރުގަތެވެ. ހާސްފަހަރު އަމިއްލަ ނަފްސް
ކުށްވެރި ކުރެވުނެވެ. ދުވަހަކުވެސް ރައިނާ ނޫން މީހަކާ ނީންނާނެ ކަމަށް ބުނެ
ރައިނާގެ ފޯނަށް އެތައް މެސެޖެއް ކުރި އެވެ. ގެއަށް އަންނަން ވެގެން ގުޅާފައި
ރައިނާ އެހީ ވެސް ހަމަ އެ ސުވާލެވެ. އޭނަގެ ނުރުހުމުގައި އެ އަންހެންކުއްޖާއާ
އިންނާނެތޯ އެވެ. ހަމްރާއު ވަގުތުން އެކަމުން މަނާވެގަތެވެ. އަދިވެސް އެ ހުރީ
އެ ގޮތުގަ އެވެ. އަދި ހޫރައިން ގުޅާފައި ކުރިއެކޭ އެއްގޮތަށް އޭނައާ ވަކިވާން
ނިންމާތޯ ހިތާއިހިތުން އޭނަ ހުރީ ދުއާކޮށްލަ ކޮށްލަ އެވެ.
***
ދިރިއުޅުމަކީ ފާޑެއްގެ އެއްޗެކެވެ. އެކި ފަހަރު އެކި މޫސުން އަންނަހެން
ދިރިއުޅުމުގައި އެކި ދުވަސްވަރު ދިމާވަނީ އެކި ޒާތުގެ ކަންކަމެވެ. އެތައް އަހަރެއްވަންދެން
ހިތުގައި ކުރިލަމުން ހެދެމުން އައި ލޯބި އެންމެ ފަހުން ހާސިލްވަނީ ކަމުގައި
ހޫރައިންއަށް ހީވި ދުވަސްކޮޅެއް އަ އެވެ. ވަށައިގެން ބަހާރު މޫސުން
އައިސްފައިވާހެން ހީވި އެވެ. ބަލައިލި ކޮންމެ ދިމާއަކުން އުފާވެރިކަން އޭނައަށް
މަރުހަބާ ކިޔާތީ ފެނުނެވެ. އެކަމަކު ބަހާރު މޫސުން ނިމި ހަރީފު މޫސުން އަންނަހެން
އެ ހުރިހާ ކަމެއް ބަދަލުވެއްޖެ އެވެ. އޭނަގެ އަލަތު ލޯތްބަކީ ހަމައެކަނި ހާސިލްވާން
ނެތް މާޒީގެ ހަނދާނެއް ކަމުގައި ވެ ނިމިއްޖެ އެވެ.
އަލުން ކޮލެޖަށް ދާން ފެށުމާ އެކު ރައްޓެހިންނަށް ފާހަގަވީ ހޫރައިންއަށް
ބަދަލެއް އައިސްފައި ހުންނަ ކަމެވެ. ކުރިން އަބަދުވެސް އުފާވެރިކޮށް ފެންނަ އަންހެންކުއްޖާ
ގިނަ ވަގުތު މަޑުން ވިސްނުމެއްގައި ހުންނަ ކަމެވެ. މަދުން ނޫނީ ހިނިތުން ނުވާކަމެވެ.
އެ މޫނުގެ އުޖާލާކަން ކެނޑި ބަނަވެފައި ހުންނަ ކަމެވެ. އަބަދުވެސް އެކުވެރިންނާ ބައިވެރިނުވެ ވަކިވެގެން ގެއަށް ދާން ބޭނުންވެފައި ހުންނަކަމެވެ.
"ޓެލް މީ ވަޓް އިޒް ގޯއިން އޮން ވިތު ޔޫ؟" ހޫރައިންގެ އެކުވެރިޔާ
ރަޝާ އާއި އީމާ އެއް ދުވަހަކު ހޫރައިން ކައިރީ އެހި އެވެ.
ދެ މީހުން ވެސް ތިބީ ވެގެން އުޅޭ ގޮތެއް އޮޅުންފިލުވާފައި ނޫނީ ހުއްޓައިނުލާން
ނިންމައިގެންނެވެ. އެ މީހުން އެވަރަކުން ހޫރައިން ގޮވައިގެން ކޮލެޖު ކައިރީ ހުންނަ
ކޮފީ ޝޮޕަކަށް ވަނީ ވެސް އެ ބޭނުމުގަ އެވެ. ހޫރައިން ވަރަށް ނުވަންނަން އުޅެނިކޮށް
ދެ އެކުވެރިން އަތުގައި ހިފައިގެން ވެއްދީ އެވެ. އެ ކުރި ސުވާލެއް ކުރީ ވަދެ
ހަމަޖެހިލެވުނީމަ އެވެ.
"ނަތިން،" ހޫރައިން ވަގުތުން ސީރިއަސްވި އެވެ.
"އުނހު. ކަމެއް ވެއްޖެ. ހޫރައިން ނުބުނަން ތި އުޅެނީ. އަހަރުމެންނަށް
މިހާރު ހޫރައިން ދަސްވާހާ ދުވަސްވެއްޖެއެއްނު،" ރަޝާ ހޫރައިންގެ ވާހަކަ ދޮގު
ކޮށްފައި ރައްދުދިނެވެ.
"އެ ތެދެއް. ބުނީމައެއްނު އެހީއެއް ވެސް ވެވެން އޮތީ. ގޭގަ ކަމެއް ގޯސްކޮށް
ދަނީތަ؟ ދޮންމަންމަގެ ކަމެއްތަ؟" އީމާ ވެއިޓަރު ތަށްޓަކަށް ފެން އަޅާފައި
އެކުވެރިޔާ ކުރިމަތީ ބެހެއްޓުމުން ރަޝާއާ އެއްބައިގައި އެހި އެވެ.
"ދޮންމަންމަ މާ ވަރުދައްކަންޏާ އަހަރެމެން ދާނަން ހޫރައިންއާ އެކު
ދޮންމަންމަ ގޮވައިގެން ޕޮލިހަށް،" ރަޝާ އަނެއްކާ ބުނެލި އެވެ.
ދެ އެކުވެރިންގެ މޫނުން ހޫރައިންއަށް ފެނުނީ ކަންބޮޑުވުމާއި އަޅައިލުމެވެ.
އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވި އެވެ.
"ހަމަ އެހާ ލޯބިވޭތަ އަހަރެން ދެކެ؟" ހޫރައިން ހިނިއައިސްފައި
ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން އެހި އެވެ.
"އެ ވާހަކަ އޮޅުވާލީއޭ،" އީމާ މަޑުމަޑުން ދެފަރާތަށް ބޯ
ހޫރާލައިފައި ނިތުގައި އަތުން ތަޅާލި އެވެ.
ހޫރައިން ގާތަށް ހިނިއަ އެވެ. އޭނަގެ ހިނިތުންވުން ފިލީ އެތެރެއަށް ވަދެގެން
އައި ދެ މީހަކު ފެނިފަ އެވެ. ސިއްސައިގެން ގޮސް ތެދުވެވުނީ އެތަނުން އަވަހަށް ދާން
ބޭނުންވެގެންނެވެ. އެކަމަކު އޭނައަށް ނިކުމެވެން އޮތީ ކައިރީގައި އިން ރަޝާ ގޮނޑި
ދުރުކޮށްލީމަ އެވެ. އަދި ރަޝާ އިނީ ވާނުވާ ނޭނގިގެން ތެދުވަން ނޭނގިފަ އެވެ.
ހޫރައިން ކުއްލިއަކަށް ތެދުވި ގޮތެއް ނޭނގިގެން އެއް ފަހަރު ހޫރައިން އަނެއް ފަހަރު
ހޫރައިންގެ ނަޒަރު ހުރި ދިމާއަށް ބަލައިލި އެވެ.
ރަޝާ ފަދައިން އީމާއަށް ވެސް ހޫރައިން އެ ބަލަނީ ކާކަށްކަން އެނގޭކަށް
ގިނަ އިރެއްނުވި އެވެ.
ހަމްރާއު އާއި ރައިނާ އައީ ރަނާގެ އަތުގައި ހިފައިގެންނެވެ.
ހަމްރާއުއަށް ހޫރައިން ފެނުނުއިރު އޭނަ ހުރީ ރައިނާގެ ފަހަތުގަ އެވެ.
ހުއްޓެވުމާ އެކު އަނެއްކާވެސް އޭނަ ހިނގައިގަތެވެ. އަދި ކުއްލިއަކަށް ރައިނާގެ
އަތުގައި ހިފާލައިފައި އަވަހަށް އެތަނުން ނިކުންނަން ވެގެން މިސްރާބު ޖެހި އެވެ. ހޫރައިންއަށް
ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެކަން އިހްސާސްވީ ވެސް އެ މީހުން އޭނަ
ކުރިމަތިން ގޮސް އެތަނުން ބޭރަށް ނިކުތީމަ އެވެ.
"ހޫރައިން ބްރީތު!" ރަޝާ ހޫރައިންގެ އަތުގައި ހިފާ ދަމާލައިފައި ގޮނޑީގައި
ބެއިންދި އެވެ.
ހޫރައިންއަށް ނޭވާ ލެވުނުއިރު ލޮލުން ކަރުނަ ހިލިއްޖެ އެވެ. އޭނަ އަވަހަށް
ދެ އަތުން ލޯ ފުހެލި އެވެ. ތުރުތުރުލާން ފެށި ތުންފަތުގައި ދަތް އަޅާ ކޮންޓްރޯލް
ކުރި އެވެ. ރަޝާ އާއި އީމާ އެކަކު އަނެކަކަށް ބަލާލައިފައި ހަމްދަރްދީގެ ނަޒަރަކުން
އެކުވެރިޔާއަށް ބަލައިލި އެވެ. އެ މީހުންގެ އެ ނަޒަރުން ހޫރައިންގެ ހިތަށް އިތުރަށް
އަސަރުކުރި އެވެ. ހަދާނެ ގޮތެއް ނޭނގިގެން އޭނަ ބޯ އެޅީ މޭޒުގަ އެވެ. ރަޝާ އާއި އީމާ
ދެފަރާތުގައި ތިބެގެން އެކަކު ކޮނޑުގައި އަނެކަކު އަތުގައި ހިފައިގެން ހިމޭން ބަހުރުވައިން
ހިތްވަރުދެމުންދިޔަ އެވެ. އެކަކަށް ވެސް ދައްކާނެ ވާހަކައެއް ނޭނގިފައި ތިބި ކަހަލަ
އެވެ.
"ހޫރައިން!" އެ އިވުނީ ރައިނާގެ އަޑެވެ.
ހޫރައިން ސިހިފައި ކުއްލިއަކަށް ބޯ ހިއްލާލައިފައި އެތާ ކައިރީ އައިސް ހުރި
ރައިނާ ފެނިގެން އަނެއްކާވެސް ފުންމައިގެން ތެދުވެވިއްޖެ އެވެ. ރައިނާގެ ސުވާލަށް
ޖަވާބު ލިބެން ހަމައެކަނި ހޫރައިންގެ މޫނުގެ ކުލަވަރު ފުދުނެވެ.
"ގޮތްކުޑަ. ލަދެއް ނުގަނޭތަ ދެމަފިރިއެއްގެ ދޭތެރެއަށް
ވަންނާކަށް؟" ރައިނާ ދަތްކުނޑި ވިކާލައިފައި ހޫރައިންއާ ދިމާއަށް ބުނެލި އެވެ.
ކުރިއަށް ފިޔަވަޅެއް އަޅާލިތަން ފެނިފައި ދެން ފެނުނީ ކުއްލިއަކަށް އަތް
ދަމާލައިފައި ހޫރައިން މޫނުގައި ޖެހިތަނެވެ. ވަގުތުން ވަށައިގެން ތިބި އެންމެން
އެނބުރިފައި އެދިމާއަށް ބަލަން ފަށައިފި އެވެ. އަމިއްލަ ވާހަކައިގައި ކާން ތިބި
އެންމެން ހިމޭންވެ ހުރިހާ ސަމާލުކަމެއް އެ މީހުން ތިބި މޭޒަށް ހުއްޓިއްޖެ އެވެ. މޫނުމައްޗަށް
އަރައިގަތް ދިލައިން ހޫރައިންއަށް ހީވީ ތަރިބުރައިލި ހެންނެވެ. ކައިރީގައި އިން
ރަޝާގެ ކޮނޑުގައި ހިފެހެއްޓުނީ ނިކަން ބާރަށެވެ. ވަގުތުން ދެ ލޯ ފުރި ކަރުނަ އަތުވެއްޖެ އެވެ.
އިސްޖަހައިލި ގޮތަށް އިސްއުފުލައިލާނެ ހިތްވަރެއް ވެސް އޭނައަކަށް ނުލިބުނެވެ.
އެގޮތަށް އެންމެންތެރޭ ބަދުނާމު ވުމުގެ ކުރިން ބިން ފަޅާފައި އަޑިއަށް
ގެންދާނެ ނަމައޭ ހިތަށް އެރި އެވެ.
"އުމުރަކަށް، ދަރިން ތިބި އަދަދަކަށް ބަލަނީއެއް ނޫނޭ. ގޯލްޑް ޑިގަ."
ރައިނާ އަނެއްކާވެސް ޖަހަން އަތް އުފުލައިލި ވަގުތު އެ އަތުގައި ހިފާ ފަހަތަށް ކޮއްޕައިލީ
އީމާ އެވެ.
އެވަރުން ވެސް ރައިނާ ހުރީ އެތަނުން ދުރަށް ދާގޮތަކަށް ނޫނެވެ. ތިންވަނަ
ފަހަރު ކުރިއަށް ޖެހުމާ އެކު އޭނަގެ ފަހަތުގައި ހުރެފައި ހިފެހެއްޓީ ހަމްރާއު އައިހެވެ.
ރައިނާ ހިނގާށޭ ދާން ބުނި އަޑަށް ހޫރައިންއަށް ކުއްލިއަކަށް އިސްއުފުލާލެވިއްޖެ
އެވެ. އެކަމަކު ހަމްރާއު ރައިނާގެ އަތުގައި ނިކަން ބާރަށް ހިފަހައްޓައިގެން
ރައިނާގެ އަތަށް ދަމަމުން ނިކުމެގެން އެދިޔައީ އެންމެ ފަހަރަކު ވެސް އިސްއުފުލާ އޭނައަށް
ބަލައިވެސްނުލަ އެވެ.
ހޫރައިންގެ ހިތް ކުދިކުދިވެގެން އެތައް މިލިއަން އެތިކޮޅުތަކަށްވެގެން
ބުރަބުރައިގެން ދިޔަ ކަހަލަ އެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ