ހޫނުވެފައިވާ ދެމީހެއްގެ ވާދަވެރިކަމުގެ އާ ބާބެއް މިދިޔަ ހޯމަ ދުވަހު ފެނިގެން ދިޔަ އެވެ. ޓެކްނޮލޮޖީ ދުނިޔޭގެ ދެ ބޮޑު ނަން ކަމުގައިވާ އީލޮން މަސްކް އާއި އޯޕަން އޭއިގެ ސެމް އޯލްޓްމަންގެ ދެމެދުގައި އޮތް ވާދަވެރިކަން އިތުރަށް ގޯސްވެގެންދިޔަ އެވެ. އެއީ އޯޕަން އޭއައި އަށް 97.4 ބިލިއަން ޑޮލަރުގެ ބޮޑު ހުށަހެޅުމެއް ހުށަހަޅައި، އޯލްޓްމަން އަކީ "ސްވިންޑްލަރެއް" (މަކަރުވެރިއެއް) ކަމުގައި މަސްކް ބުނުމުންނެވެ.
ތިރީގައި މިވަނީ މަސްކް މިއަދު ކުރީ ޓްވީޓެކެވެ. އޭނާގެ އެކްސް ހޭންޑްލްގެ ނަން އެވަނީ ހެރީ ބޯލްޒް އަށް ބަދަލުކޮށްފަ އެވެ. އޯލްޓްމަން އާ މުޚާތަބްކުރާއިރު މަސްކް ބޭނުންކުރާ ބަސްމަގު މިހާރު އެހާ ރީއްޗެއް ނޫނެވެ.
މަސްކް އާއި އޯލްޓްމަންގެ އޮތް ވާދަވެރިކަން އިތުރަށް ފުޅާވަނީ
މިއާއެކު އީލޮން މަސްކް ވަނީ އޯޕަން އޭއައި އަދި އެ ކުންފުނީގެ ސީއީއޯ ސެމް އޯލްޓްމަންއާ އެކު އޮތް ވާދަވެރިކަން އިތުރަށް ހޫނުކޮށްލައިފަ އެވެ. ބިލިއަނައަރު މަސްކް އިސްކޮށް ހުރި އިންވެސްޓަރުންގެ ގްރޫޕަކުން ވަނީ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނީގެ "ހުރިހާ އެސެޓެއް" ގަތުމަށް 97.4 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއް އޯޕަން އޭއައިގެ ބޯޑަށް ހުށަހަޅައިފަ އެވެ.
ޗެޓްޖީޕީޓީ ހިންގާ މި ސްޓާޓްއަޕް ދަނީ، ކުރިން އޮތް ފައިދާ ނުނަގާ ސްޓޭޓަސްއިން ދުރަށް ޖެހުމަށް މަސައްކަތްކުރަމުންނެވެ. އޯޕަން އޭއައި އިން މިހާރު ހިންގަނީ ފައިދާ ނަގާ ސަބްސިޑިއަރީއެއްގެ ގޮތުގަ އެވެ. މަސްކްގެ ނުރަސްމީ ހުށަހެޅުމަކީ ކުންފުނީގެ ޕްލޭންތަކަށް އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމެކެވެ. މި ހުށަހެޅުމުގެ ހަބަރު އެންމެ ފުރަތަމަ ރިޕޯޓުކުރީ ވޯލް ސްޓްރީޓް ޖާނަލްއިންނެވެ.
"ސެމް އޯލްޓްމަން އަދި މިހާރުގެ އޯޕަން އޭއައި އިންކް. ބޯޑުން މުޅިން ނަފާ ނަގާ ކޯޕަރޭޝަނަކަށް ވުމަށް ނިންމައިފިނަމަ، ޗެރިޓީއަށް އެކަށީގެންވާ ބަދަލެއް ލިބެންޖެހޭނެ،" އިންވެސްޓަރުން ތަމްސީލުކުރާ ވަކީލު މާކް ޓޯބެރޮފް ބުނެފައިވެ އެވެ.
މި ހަބަރު ފެތުރުމާއެކު، އޯލްޓްމަން ވަނީ އެކްސްގައި ޖަވާބުދީފައެވެ. "ނޫނެކޭ ޝުކުރިއްޔާ، އެކަމަކު ބޭނުންނަމަ އަހަރެމެން 9.74 ބިލިއަން ޑޮލަރަށް ޓްވިޓާ ގަންނާނަން،" އޭނާ ބުނެފައިވެއެވެ. މަސްކް ވަނީ 2022 ގައި 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަނެ، އެކްސްއަށް ނަން ބަދަލުކޮށްފައެވެ. މަސްކް އެ ޕޯސްޓަށް ޖަވާބުދީ "މަކަރުވެރިޔާ" އޭ ބުނެ އެވެ.
މަސްކްއަކީ އޯޕަން އޭއައިގެ ބާނީންގެ ތެރެއިން މީހެކެވެ. ނަމަވެސް އޭނާ ވަނީ 2019 ގައި ކުންފުނިން ވަކިވެ، އެކްސްއޭއައި ނަމުގައި އަމިއްލަ އޭއައި ކުންފުންޏެއް ފަށައިފަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި އޭނާވަނީ ކުންފުނީން ވަކިވެގެން ދިއުމާމެދު އަދި ކުންފުނީގެ ބަދަލުތަކާ ގުޅޭގޮތުން އޯލްޓްމަންއާ ޖަދަލުކޮށްފަ އެވެ. މަސްކް ވަނީ ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގެ ޕްލޭންތަކާ ގުޅިގެން މިދިޔަ އަހަރު މައްސަލަ ހުށަހަޅައި، އަނބުރާ ގެންގޮސް، އަލުން ހުށަހަޅައިފަ އެވެ.
އޯޕަން އޭއައި ގަތުމަށް މަސްކް ހުށަހަޅާފައިވާ ހުށަހެޅުމަށް އިންވެސްޓަރުންގެ ތާއީދު
އޯޕަން އޭއައި ގަތުމަށް މަސްކް ހުށަހަޅާފައިވާ ހުށަހެޅުމަށް އެކްސްއޭއައި އަދި ސަރުކާރުގެ ކޮންޓްރެކްޓަރު ޕަލަންޓިރުގެ ބާނީ ޖޯ ލޮންސްޑޭލްގެ އިންވެސްޓްމަންޓް ފަންޑުގެ އިތުރުން އެހެން ފަންޑުތަކުންވެސް ތާއީދުކުރެ އެވެ. އެންޓަޓެއިންމަންޓް ކުންފުނި އެންޑެވަރުގެ ސީއީއޯ އަރި އެމަނުއެލްވެސް ވަނީ އޭނާގެ އިންވެސްޓްމަންޓް ފަންޑު މެދުވެރިކޮށް މި ގްރޫޕާ ގުޅިފަ އެވެ.
"އެކްސް.އޭއައި ގައި އަހަރެމެން ތަބާވަނީ އޯޕަން އޭއައި އިން ތަބާވާނެ ކަމަށް އަހަންނަށް ވެފައިވާ ވައުދުތަކަށް. އަހަރެމެން ވާނީ ގްރޮކް އޯޕަން ސޯސްކޮށް، ކޮންޓެންޓް ކްރިއޭޓަރުންގެ ހައްގުތަކަށް އިހްތިރާމްކޮށްފަ،" މަސްކް ބަޔާނެއްގައި ބުނެފައިވެއެވެ.
"އޯޕަން އޭއައި އަނބުރާ އޯޕަން-ސޯސް، ސަލާމަތްތެރިކަމަށް އިސްކަންދޭ ރަނގަޅު ބާރަކަށް ވާން ވެއްޖެ. އަހަރެމެން ކަށަވަރުކުރާނަން އެކަން ހިނގާނެކަން."
ވޯލް ސްޓްރީޓް ޖާނަލްއަށް ޓޯބެރޮފް ބުނެފައިވާ ގޮތުގައި މަސްކްގެ އިންވެސްޓަރުންގެ ގްރޫޕުން އޯޕަން އޭއައި އަށް އެހެން ފަރާތަކުން ހުށަހަޅާ އަގަކާ އެއްވަރުކުރުމަށް ނުވަތަ އެއަށްވުރެ މަތީ އަގެއް ހުށަހެޅުމަށް ތިބީ ތައްޔާރަށެވެ.
މަސްކްގެ 100 ބިލިއަން ޑޮލަރުގެ ހުށަހެޅުން އޯޕަން އޭއައި އިން ބަލައިނުގަތުމަށް ނިންމައިފި
އޯޕަން އޭއައި އަށް މަސްކްގެ އިންވެސްޓަރުންގެ ގްރޫޕުން ހުށަހެޅި ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރުގެ ބިޑް ކުންފުނީގެ ބޯޑުން ބަލައިނުގަންނާނެކަމަށް ސެމް އޯލްޓްމަން ވަނީ ބުނެފައެވެ.
'ދަ އިންފޮމޭޝަން' އިން ރިޕޯޓުކުރި ގޮތުގައި، ފެބްރުއަރީ 11 ވަނަ ދުވަހު މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި އޯލްޓްމަން ބުނެފައިވަނީ މަސްކްގެ ގްރޫޕުން ހުށަހެޅި "ކަމަށް ބުނާ ބިޑް" އަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ބޯޑުން ސާފުކޮށް ބުނެފައިވާ ކަމަށެވެ.
މި ދެ ޓެކް ވާދަވެރިންގެ ދެމެދުގައި ޚިޔާލުތަފާތުވާން ފެށުނީ އޯޕަން އޭއައި އުފެދުނީއްސުރެ އެވެ. 2015 ގައި މި ކުންފުނި އުފެއްދުމުގައި މަސްކް ބައިވެރިވި އެވެ. އޭއައި އިން ހުރިހާ އިންސާނުންނަށް ފައިދާކުރާނެކަން ކަށަވަރުކުރުމަށް އޯޕަން އޭއައި އުފެއްދީ ނަފާ ނުނަގާ ކުންފުންޏެއްގެ ގޮތުގައެވެ. ނަމަވެސް އޯލްޓްމަން ވަނީ މަޑުމަޑުން ކުންފުނި ވިޔަފާރިއަކަށް ބަދަލުކޮށްފަ އެވެ. އެކަމާ ނުރުހިގެން 2018 ގައި މަސްކް ވަނީ ބޯޑުން ވަކިވެފަ އެވެ.
އިންސާނުންނާ އެއްފަދައިން ޖަވާބުދާރީވެ، މުޢާމަލާތްކުރެވޭ ޗެޓްބޮޓެއް ކަމުގައިވާ ޗެޓްޖީޕީޓީ 2022 ގައި ތަޢާރަފުކުރުމާއެކު އޯޕަން އޭއައި ވަނީ އޭއައިގެ ދާއިރާގައި ކުރިއަރައިގެން ގޮސްފަ އެވެ. މި ޗެޓްބޮޓް ނެރުމާއެކު މައިކްރޯސޮފްޓް ފަދަ ބޮޑެތި ޓެކް ކުންފުނިތަކުން އޭއައި ކުންފުންޏަށް ގިނަ އަދަދެއްގެ ފައިސާވަނީ އިންވެސްޓްކޮށްފަ އެވެ.
ރޮއިޓަސް ނިއުސް އޭޖެންސީން ބުނާގޮތުގައި ޖަޕާނުގެ ސޮފްޓްބޭންކް ގްރޫޕުން މިހާރު ދަނީ 300 ބިލިއަން ޑޮލަރުގެ އަގެއްގައި 40 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރައުންޑެއް އިސްކޮށް ހިންގުމަށް މަޝްވަރާކުރަމުންނެވެ.
ނޮވެމްބަރު މަހު، މަސްކް ވަނީ އޯޕަންއޭއައި ނަފާ ނަގާ އޮނިގަނޑަކަށް ބަދަލުވުން ހުއްޓުވުމަށް އެމެރިކާގެ ޑިސްޓްރިކްޓް ކޯޓު ފަނޑިޔާރެއްގެ ކިބައިން ވަގުތީ އަމުރެއް އެދިފައެވެ.
އެނަލިސްޓުން ބުނާ ގޮތުގައި މަސްކްގެ މި އާ ބިޑްގެ ސަބަބުން އޯޕަން އޭއައި އިން މިހާރު ހޯދަމުންދާ ފައިސާގެ މަސައްކަތަށް އުނދަގޫތަކެއް ކުރިމަތިވެދާނެ އެވެ.
މަސްކް އާއި އޯލްޓްމަންގެ ވާދަވެރި ދަތުރު
2015
އޯޕަން އޭއައި އުފެދުނު އަހަރު. އީލޮން މަސްކް އަދި ސެމް އޯލްޓްމަން ހިމެނޭ 11 ފައުންޑަރުން މި ކުންފުނި އުފެއްދީ ނަފާ ނުނަގާ ރިސާޗް ޖަމިއްޔާއެއްގެ ގޮތުގައި. ބިލިއަނެއަރުން ކަމުގައިވާ ރީޑް ހޮފްމަން (ޑިމޮކްރެޓް ޕާޓީއަށް ވަރަށް ބޮޑަށް ފައިސާ ޚަރަދުކުރާ މީހެއް) އަދި ޕީޓަރ ތީލް (ރިޕަބްލިކަން ޕާޓީއަށް ވަރަށް ބޮޑަށް ފައިސާ ޚަރަދުކުރާ މީހެއް) ގެ އިތުރުން އެހެން ފަރާތްތަކުން 1 ބިލިއަން ޑޮލަރު އިންވެސްޓްކުރި.
2018
މަސްކް އޯޕަން އޭއައިގެ ބޯޑުން ވަކިވި. އޭރު ބުނީ ޓެސްލާގެ އޭއައި މަސައްކަތްތަކާ "މުސްތަގުބަލުގައި ޖެހިދާނެ މަސްލަހަތުގެ ފުށުއެރުން" ހުއްޓުވުމަށް ކަމަށް. ނަމަވެސް ފަހުން ހާމަވީ ނަފާ ނަގާ ކުންފުންޏަކަށް ބަދަލުކޮށް، %50 އަށްވުރެ ގިނަ ހިއްސާއާއި ސީއީއޯކަން ހޯދަން ނުވަތަ ޓެސްލާއާ އެކުވުމަށް މަސްކް އެދުމުން އެކަން ބަލައިނުގަތުމާ ގުޅިގެން ކަމަށް.
ޖުލައި 12، 2023
މަސްކް އޭނާގެ އަމިއްލަ އޭއައި ސްޓާޓްއަޕް، އެކްސްއޭއައި އުފެއްދި. ޗެޓްޖީޕީޓީއާ ވާދަކުރުމަށް ގްރޮކް ޗެޓްބޮޓް ތައާރަފުކުރި.
މާރޗް 1، 2024
މަސްކް އޯޕަން އޭއައިއާ ދެކޮޅަށް މައްސަލަ ނެގި. ސަބަބަކީ މައިކްރޯސޮފްޓްގެ ސަބްސިޑިއަރީއަކަށްވެ، ކްލޯސްޑް-ސޯސް ކުންފުންޏަކަށް ވެގެން ދިއުން ކަމަށް ބުނެ. އޯލްޓްމަންއަކީ "އިތުބާރު ނުކުރެވޭ މީހެއް" ކަމަށް ޓަކާ ކާލްސަންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވޭ.
ޖަނަވަރީ 21، 2025
އޯޕަން އޭއައިގެ ޑޭޓާ ސެންޓަރުތައް ތަރައްގީކުރުމަށް 500 ބިލިއަން ޑޮލަރުގެ ސްޓާގޭޓް މަޝްރޫއު އިއުލާންކުރުމަށް އޯލްޓްމަން ޓްރަމްޕްއާއެކު ބައިވެރިވި. ޓްރަމްޕް އޯލްޓްމަންއަށް ތައުރީފުކޮށް، "އޭއައިގެ އެންމެ އިސް މާހިރު" ކަމަށް ބުނި.
ޖަނަވަރީ 22، 2025
މަސްކް ސްޓާރގޭޓް މަޝްރޫއުގެ ފައިސާގެ ކަންކަމާމެދު ސުވާލު އުފައްދައި، އޯލްޓްމަންއަށް "މަކަރުވެރިޔާ" އަދި "ދޮގުވެރިޔާ" އޭ ގޮވި. އޯލްޓްމަން ރައްދުދީ މަސްކްއަކީ "ރަނގަޅު މީހެއް" ނޫންކަމަށް ބުނެފައިވޭ.
ފެބްރުއަރީ 10، 2025
މަސްކް އިސްކޮށްހުރި ގްރޫޕަކުން އޯޕަން އޭއައި ގަތުމަށް 97.4 ބިލިއަން ޑޮލަރުގެ ބިޑެއް ހުށަހެޅި. އޯލްޓްމަން އެކްސްގައި ފުރައްސާރަކޮށް "ނޫނެކޭ ޝުކުރިއްޔާ، ޓްވިޓަރ 9.74 ބިލިއަނަށް ގަންނަން" މިހެން ލިޔުމުން މަސްކް އޭނާއަށް ގޮވީ "ސްކޭމް އޯލްޓްމަން" އަދި "މަކަރުވެރިޔާ" އޭ.
ބްލޫމްބާގް އަށް އޯލްޓްމަން ބުނެފައިވަނީ އޯޕަން އޭއައި "ވިއްކާލެވެން ނެތް" ކަމަށާއި މި ބިޑަކީ މަސްކް އެމީހުން "ލަސްކުރުމަށް" ކުރުމަތިކުރުވާ "އެތައް މައްސަލަތަކަކާއި، ކުރާ ކަންތައްތަކުގެ" ތެރެއިން ކަމެއް ކަމަށް. އަދި އިތުރަށް އަމިއްލަ ގޮތުން ބުނެފައިވަނީ މަސްކްއަކީ އެހާ "އުފާވެރި މީހެއް" ނޫންކަމަށާއި އޭނާގެ "މުޅި ދިރިއުޅުން ބިނާވެފައިވަނީ ނާމާންކަމުގެ މައްޗަށް" ކަމަށް.
އޯޕަން އޭއައި އަށް އަމާޒުކޮށް މަސްކް 97.4 ބިލިއަން ޑޮލަރުގެ ހުށަހެޅުމެއް ހުށަހަޅާފައިވަނިކޮށް، އޯލްޓްމަން ވަނީ އެކަމާ ދެކޮޅުހަދާފަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ