ގާޒާ އަމިއްލަ ކޮށް އެތާނގައި ތިބި ރައްޔިތުން ފަހާ ބޭރުކޮށްލާއިރު ޖެހިގެން އޮންނަ މިސްރާއި އުރުދުން އިން އެމީހުން ބަލައި ނުގަންނަ ނަމަ އެ ދެގައުމަށް ދޭ އެހީ ހުއްޓާލާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮލާންޑް ޓްރަމްޕް އިންޒާރު ކުރައްވައިފިއެވެ.
މިހާރު ވައިޓްހައުސް އަށް ވަޑައިގެން އުޅުއްވާ އުރުދުންގެ ރަސްގެފާނު ކިންގް އަބްދުﷲ އާ ކުރެއްވި މަޝްވަރާގައި ވެސް އެމެރިކާއިން ގާޒާގެ ކޮންޓްރޯލް ނަގާނެ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ފަލަސްތީނުގެ މިލިއަނަކަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅޭ އުރުދުންގެ ރަސްގެފާނުގެ ބަސްފުޅަކީ، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ނެރުމާ ދެކޮޅު ހައްދަވާ ކަމަށެވެ.
ވައިޓްހައުސްގައި އަބްދުﷲގެ އަރިހުގައި އިންނަވައި ޓްރަމްޕް ވަނީ، ގާޒާގެ ކޮންޓްރޯލް ނަގާނެ ކަމަށާއި، އެތަން އަލުން އާބާދުކުރާނެ ކަމަށާއި އަދި ގާޒާ އޮންނާނެ ގޮތުގެ ކުރު ތަސައްވުރެއް ވެސް ދެއްވާފައެވެ. އެހުރިހާ ވާހަކައެއް ޓްރަމްޕް ދެއްކެވި އިރު އަބްދުﷲ ރަސްގެފާނު ބަސްފުޅެއް ވިދާޅު ނުވެ އިންނެވީއެވެ.
އޭގެ ފަހުން އަބްދުﷲ ވިދާޅުވީ، ހުރިހާ ފަރާތަކަށް ވެސް ފައިދާ ކުރާނެ ހައްލަކީ ހައްލު ކަމަށާއި އެކިއެކި ސަބަބުތަކާހުރެ ބަލިވެފައި ވާ 2000 ކުދިން އުރުދުން އަށް ގެންދަން މިހާރުވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
އަބްދުއްﷲ ރަސްގެފާނުގެ ވާހަކަފުޅަށް ފަހު ޓްރަމްޕް އިތުރަށް ވިދާޅުވީ، "އަހަރެން ގަބޫލު ކުރަނީ އުރުދުން އާއި މިސްރުން ބޮޑު ސަރަހައްދެއްގެ ބިން ލިބޭނެކަމަށް، އަދި އެހެން ތަންތަނުން ވެސް، އަހަރެމެންގެ މަޝްވަރާތައް ނިމޭ އިރު، އެމީހުން [ފަލަސްތީނުގެ ރައްޔިތުން] ވަރަށް އުފަލުގައި ވަރަށް ރައްކާތެރި ކަމާއެކު އުޅޭނެ ތަނެއް ލިބޭނެ" ކަމަށެވެ.
ފަލަސްތީނުން މީހުން ބާލާ ހިޔާލަށް މިސްރުންވެސް ވަނީ ދެކޮޅު ހަދާފައެވެ. ބުނެފައި ވަނީ، ގާޒާ އަލުން އާރާސްތު ކޮށް އެ ބިމުގައި އެ ބިމުގެ ވަޒަންވެރީންނަށް [ފަލަސްތީނުގެ ރައްޔިތުންނަށް] ވަޒަނުގެ ހައްގު އޮތްކަން ކަށަވަރު ވުމަކީ މިސްރުން ގަބޫލު ކުރާނެ ގޮތް ކަމަށެވެ.
އެއާއެކު ބުނެފައި ވަނީ، މިސްރުގެ ޕްލޭނަށް ޓްރަމްޕްގެ ސަރުކާރާއެކު މަސައްކަތް ކުރަން ބޭނުން ވާ ކަމަށާއި ނަމަވެސް ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގެއްލޭގޮތަށް ބޭރުގެ އެއްވެސް ނުފޫޒެއް ވަންނަން ބޭނުން ނުވާ ކަމަށެވެ.
މިސްރާއި އުރުދުން އިން އެ މޭރުމުން ވާހަހަކަ ދައްކާއިރު އެ ދެގައުމަކީ އިޒްރޭލް ފިޔަވައި މެދުއިރުމަތީގައި އެމެރިކާގެ މަދަދު އެންމެ ބޮޑަށް ލިބޭ ދެ ގައުމެވެ. އެގޮތުން އުރުދުން އަށް 3 ބިލިއަން ޑޮލަރާ ގާތަށް އެހީ ލިބޭ އިރު މިސްރަށް 2.1 ބިލިއަން ޑޮލަރުގެ އެހީ ލިބެއެވެ. އަދި މި ދެގައުމުގެ ތެރެއިން އުރުދުން އަކީ، އެމެރިކާގެ 3000 ސިފައިން މިހާރުވެސް ގާއިމުވެ ތިބި އަދި އުރުދުންގައި އޮންނަ 12 އަސްކަރީ މަރުކަޒަކަށް އެމެރިކާ ސިފައިންނަށް ވަނުމުގެ ހުއްދަ ދީފައި އޮންނަ ގައުމެއް މެއެވެ.
މިސްރަކީވެސް އެމެރިކާގެ ސިފައިން ގާއިމުވެ ތިބި ތަނެކެވެ. އެގައުމުގައި މިހާރުވެސް 200 ސިފައިން ތިބި އިރު އެ މީހުން ތިބީ ސައިނާ ޕެނިންސުލާގައި ސުލްހަ ގާއިމު ކުރުމުގެ ނަމުގައެވެ.
ފަލަސްތީނުން ބޭރުކުރާ މީހުން އުރުދުނާއި މިސްރަށް ނުގެންދާނަމަ އެމެރިކާގެ އެހީ ހުއްޓާލާނެ ކަމުގެ އިންޒާރުދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ