ނައްތައިލަންވީ ގޭންގު ކުށްތަކަށް ޒުވާނުން ހުށަހެޅޭ ސަބަބުތައް: އަޒާން

ގޭންގު ކުށްތައް ހުއްޓުވުމުގައި ގިނަ ބަޔަކަށް އަދަބު ދިނުމުގެ ބަދަލުގައި އެންމެ ބޮޑު އިސްކަމެއްދޭންވީ ޒުވާނުންނާއި، އެހެން އުމުރުފުރާތަކުގެ މީހުން އެ ފަދަ ކުށްތަކަށް ހުށަހެޅެނީ ކީއްވެކަން ދެނެގަނެ، ގޭންގު ކުށްތަކަށް ހުށަހެޅޭ ސަބަބުތައް ނައްތައިލުމަށް ކަމަށް ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު، އަހުމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެއެވެ. މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގޭންގު ކުށްތައް ހުއްޓުވުމުގެ ބިލަށް ބަހުސްކުރައްވަމުން އަޒާން ވިދާޅުވީ، ގޭންގު ކުށްތަކާއި ރޭވިގެން ހިންގާ ކުށްތައް ހުއްޓުވަންޖެހޭ ކަމާމެދު އެއްވެސް މީހަކަށް ދެބަސްނުވެވޭ ކަމަށެވެ. ނަމަވެސް ވިސްނައިލަންޖެހޭ ކަމަކީ ކުށްތައް ކުރަން މެދުވެރިވާ ސަބަބުތަކާއި ޒުވާން އުމުރުގައި ގޭންގުތަކުގައި ކުދިން ބައިވެރިވަނީ ކީއްވެތޯކަން ކަމަށް އަޒާން ވިދާޅުވިއެވެ. "ޒުވާން އުމުރުގައި ގޭންގުތަކުގައި ކުދިން ބައިވެރިވަނީ ކީއްވެތޯ އަޅުގަނޑުމެން ހޯދަން އެބަޖެހޭ، އެފަދަ ކަންތައްތައް އަޅުގަނޑުމެން ބަލައި ދިރާސާކޮށް އެ ކަންތައްތަކަށް އަޅުގަނޑުމެން ހައްލު ހޯދަން އެބަޖެހޭ،" އަޒާން ވިދާޅުވިއެވެ. އަޒާން ވިދާޅުވީ އެއްވެސް ކުއްޖަކު ސްކޫލު ދައުރުގައި "ބޮޑުވެގެން ތިމަންނާ ވާނީ ގޭންގު މީހަކަށޭ" ބުނެ، އެ އަޒުމެއް ނުގެންގުޅޭނެ ކަމަށެވެ. ނަމަވެސް ޒުވާން އުމުރުގައި އެ ކުއްޖާ ގޭންގު މެންބަރަކަށް ވަނީ އުޅެ ބޮޑުވާ މާހައުލުގެ ސަބަބުން ކަމަށާއި އެ ކުއްޖާއަށް ލިބެން ހުރި ފުރުސަތުތައް ނުލިބުމުގެ ސަބަބުން ކަމަށް އަޒާން ވިދާޅުވިއެވެ. ބޭރުގެ އެހެން ބައެއް ގައުމުތަކުގައި ހަދާފައި ހުރި ދިރާސާތަކުން ދައްކާ ގޮތުގައި ގޭންގުތަކަށް ޒުވާނުން ވަންނަނީ އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް އެ މީހުންނަށް ނުލިބި، ގޭންގުތަކަށް ވަދެ އެ ކުރާ ކުށްތަކުގެ ސަބަބުން ލިބޭ މާލީ މަންފާ ބޮޑުވުމުންކަމަށް އަޒާން ވިދާޅުވިއެވެ. އަދި ރާއްޖޭގައި ވެސް އެކަން އޮތީ އެގޮތަށް ކަމަށް ގަބޫލު ކުރާނެ ޖާގަ އޮތްކަމަށް އަޒާން ވިދާޅުވިއެވެ. "ހަގީގަތުގައި މިފަދަ ކުށްތަކުގައި ޝާމިލްވާ ވަރަށް ގިނަ ޒުވާނުން އެ ލައިފްއިން ދުރަށް ދާން ބޭނުންވޭ. ނަމަވެސް ފުރުސަތުތައް މަދުވުމާއެކު ރާއްޖޭގައި ވެސް އު ފުރުސަތު މި އޮތީ ފަހި ނުވެ. އަޅުގަނޑުމެން ހައްލު ހޯދަންވީ އެކަމަށް،" އަޒާން ވިދާޅުވިއެވެ. އަޒާން ވަނީ އޭނާ ނިސްބަތްވާ އައްޑޫ ސިޓީން މިސާލު ނަންގަވައިފައެވެ. "އަޅުގަނޑު ނިސްބަތްވާ އައްޑޫ ސިޓީއަކީ އެންމެ ގިނަ އަދަދަކަށް ޒުވާނުން ކުށްތަކުގައި ޝާމިލްވާ ސިޓީ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ. ދެން ފެންނަ ތަފާސްހިސާބަކީ އައްޑޫ ސިޓީއަކީ އިގްތިޞާދީ ފުރުސަތުތައް އެންމެ މަދު ސިޓީކަން. ވަޒީފާގެ ފުރުސަތުތައް އެންމެ މަދު ސިޓީކަން. ދިރާސާތަކުން ދައްކާ ގޮތުގައި އެފަދަ ފުރުސަތުތައް މަދު ހިސާބުތަކުގައި ގޭންގު ކުށްތަކާއި އެހެނިހެން ކުށްތައް ވެސް އާންމުވޭ. އަޅުގަނޑުމެން ހައްލު ހޯދަންވީ މިކަމަށް،" އަޒާން ވިދާޅުވިއެވެ. ދިވެހިރާއްޖެއަކީ 400،000 އެއްހައި ކުޑަކުޑަ އާބާދީއެއް އޮތް ގައުމެއްކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ އެންމެންނަކީ ދެކެފަރިތަ މީހުން ކަމަށާއި ގޭންގު ކުށްތައް ހައްލު ކުރަން ޒުވާނުންގެ އާބާދީގެ ބޮޑު ޕަސެންޓެއް "ހުރަގެއަށް ލައިގެން" އެކަމަށް ހައްލެއް ނުހޯދޭނެ ކަމަށެވެ. އޭގެ ބަދަލުގައި ހައްލު ހޯދަންވީ ގޭންގު ކުށްތަކުގައި މީހުން ބައިވެރިވާ ސަބަބުތަކަށް ހޯދައި އެކަމަށް ހައްލު ހޯދުމަށް ކަމަށް އަޒާން ވިދާޅުވިއެވެ. މިއަދު މަޖިލީހުން ވަނީ މި ބިލު އިއްތިފާގުން ބަލައިގަނެ، ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ