ޖެނުއަރީ މަހު ރިޔާސީ ބަޔާން އިއްވަން ޖެހޭގޮތަށް ގަވާއިދު ބަދަލުކުރަން ހުށަހަޅައިފި ޖެނުއަރީ މަހު ރިޔާސީ ބަޔާން އިއްވަން ޖެހޭގޮތަށް ގަވާއިދު ބަދަލުކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރު ބާއްވާ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށް ރައީސުލްޖުމްހުއްރިއްޔާ އިއްވާ ރިޔާސީ ބަޔާން އިއްވުން ޖެނުއަރީ މަހަށް ބަދަލުވާނެ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހެއް ހުށަހަޅައިފި އެވެ.
މި އަހަރުގެ ރޯދަމަހާ ދިމާކޮށް މަޖިލިސް ބަންދު ކުރަން، މަޖިލީހުގެ ދައުރުތައް ހިނގާ ތާރީހުތަކަށް ބަދަލު ގެންނަން ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރުން އަބްދުﷲ ރިފާއު އެވެ.
އެ އިސްލާހުގައި އަންނަ އަހަރުން ފެށިގެން މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖެނުއަރީ 1، އިން ފެށިގެން އެ މަހުގެ ނިޔަލަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ރިޔާސީ ބަޔާން އިއްވަން ޖެހެނީ ކޮންމެ އަހަރެއްގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގަ އެވެ.
މި ފަހުގެ ތާރީހުގައި ރާއްޖޭގައި ރިޔާސީ ބަޔާން އިއްވަމުން ދިޔައީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގަ އެވެ. މި އަހަރުގެ ބަޔާން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވީ ފެބްރުއަރީ 6، ގަ އެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮތް ގޮތުން ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ 1، އިން މެއި 15، އަށެވެ.
މިހާރު ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ހިނގަނީ ޖޫން 1، އިން އޮގަސްޓު 15، އަށެވެ. ތިންވަނަ ދައުރު ހިނގަނީ އޮކްޓޯބަރު 1، އިން ނޮވެމްބަރު 30، އަށެވެ.
ރިފާއު ހުށަހެޅުއްވި އިސްލާހުގައި ދެވަނަ ދައުރު ހިނގަނީ އެޕްރީލް 1، އިން ޖުލައި 31، އަށެވެ. ތިންވަނަ ދައުރު ހިނގަނީ ސެޕްޓެމްބަރު 1، އިން ނޮވެމްބަރު 30، އަށެވެ.
މިގޮތަށް އިސްލާހު ގެނައި ނަމަވެސް މި އަހަރު މަޖިލީހުގެ ފުރަތަމަ ދައުރު ނިމޭނީ މި ހިނގާ ފެބްރުއަރީގެ ނިޔަލަށް ކަމަށް ވެސް ރިފާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ