ރާއްޖެ ވަޑައިގަތުމަށް، އިންޑިއާގެ ނައިބު ރައީސަށް އަބްދުއްރަހީމް ދައުވަތު ދެއްވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނައިބު ރައީސް އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ކަމަށްވާ ރާޖްޔާ ސަބާގެ ޗެއާމަން ޝްރީ ޖަގްދީޕް ދަންޚާރުގެ އަރިހަށް އިޙުތިރާމްގެ ޒިޔާރާތެއް ކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުން ބުނި ގޮތުގައި، ދެ ބޭފުޅުންގެ ބައްދަލުކުރެއްވުމުގައި ބޮޑަށް އަލިއަޅުވާލާފައި ވަނީ އަބްދުއްރަހީމްގެ މިދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވުމުގެ މައްޗަށެވެ. އެގޮތުން ދިވެހިރާއްޖެއާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަހައްދީ ހަމަޖެހުން އިތުރުކުރުމަށް ވަނީ މަޝްވަރާކުރައްވައިފައެވެ. https://x.com/mvpeoplesmajlis/status/1889617674595918215 ރާޖްޔާ ސަބާގެ ޗެއާމަންގެ ވާހަކަފުޅުގައި އިންޑިއާއަކީ ދިވެހިރާއްޖެއިން އެހީއަށް އެދޭ ކޮންމެ ވަގުތެއްގައި ވެސް ވަގުތުން އެހީދޭން ތައްޔާރަށް އޮތް ގައުމެއްކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި މޯލްޑިވްސް–އިންޑިއާ ފްރެންޑްޝިޕް ގްރޫޕްގެ މެންބަރުންނަށާއި ދިވެހި ވަފުދުގެ ހުރިހާ މެންބަރުންނަށް ވެސް އެ މަނިކުފާނު މަރުޙަބާ ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައިވާ މި އެކުވެރިކަން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މިބައްދަލުކުރެއްވުމުގައި ރާޖްޔާ ސަބާގެ ޗެއާމަން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވުމުގެ ދައުވަތު މަޖިލީހުގެ ރައީސް ވަނީ ދެއްވައިފައެވެ. މަޖިލީހުގެ ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ ހުމާޔުން ޓޫމްބަށް ޒިޔާރަތް ކުރައްވާފައެވެ. އަދި މާދަމާ ދިވެހި ވަފުދުގެ ބޭފުޅުން ތާޖް މަހަލް ބައްލަވައިލެއްވުމަށް އާގަރާއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ވަފުދުގެ ބޭފުޅުން އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހެވެ. މަޖިލިސް ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ގިނަ މެންބަރުންތަކެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޭގެ ތެރޭގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއާއި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފާއި، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނައީމާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ