އެމްޓީސީސީން ޓެކްސީ ޚިދުމަތް ފެށުން: މާލެސިޓީގަ ދިރިއުޅޭ ގިނަބައެއްގެ ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް-

މާލެ ސަރަޙައްދުގައި ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމަށް ނިންމާފައިވާކަން އިއުލާނުކުރުމާއެކު، މަދުބައަކު ޝަކުވާކުރިނަމަވެސް ގިނަބައަކަށް ވަނީ ހިތްހަމަޖެހުން ލިބިފައިކަމަށް ގިނަ ބައަކު ބުނެއެވެ. 
މި ޚިދުމަތް ފެށުމުގެ މައިގަނޑު މަޤްޞަދަކީ މާލެ ސަރަޙައްދުގައި ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ހޯދައި، އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. 
މިހާރު އޮންނަ ގޮތުން މާލެ ސަރަޙައްދުން ޓެކްސީ ހޯދުމަކީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވެފައިވެއެވެ. ވަކިން ޚާއްޞަކޮށް މާލެތެރޭގެ ދަތުރުތަކަށް ޓެކްސީ ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވަނީ ވެފައެވެ. ބައެއް ޑްރައިވަރުން ހުޅުމާލެ ނުވަތަ ހުޅުލެއަށް ނޫނީ މާލެއިން ދަތުރު ނުނަގާކަން ފާހަގަކުރެވެއެވެ. މަގުމަތުން ޓެކްސީ ހުއްޓުވީމާ ދާންބޭނުންވަނީ ކޮންތަނަކަށްތޯ ސުވާލުކުރުމުން މާލޭގެ ގެއަކަށް ކަމަށް ބުނެފިނަމަ އަނގައިންވެސް ނުބުނެ ދުއްވާފައިދާކަމުގެ ޝަކުވާ ގިނަބައަކު ކުރެއެވެ. މިހެންވުމަށް މެދުވެރިވާ ސަބަބަކީ ޓެކްސީގެ ޢަދަދު މަދުވުންކަމަށްވެސް ގިނަ ބައަކު ބުނެއެވެ. 
ބައަކު ޤަބޫލުކުރިނަމަވެސް އަދި ނުކުރި ނަމަވެސް މައްސަލއަކީ ބަސްދަތުރުން އެކަނި ނުފުދޭކަމާއި ގޭގެއަށް ދަތުރުކުރަން ޓެކްސީ ލިބުން ދަތިކަމެވެ. ހޮސްޕިޓަލްތަކަށާއި އޮފީސްތަކަށާއި އެހެން ތަންތަނަށް ދިއުމަށް ޓެކްސީ ލިބުން ދަތިވެފައިވާ ކަމެވެ. ލިބުން ދަތިވަނީ ޚިދުމަތްދޭ ޓެކްސީގެ ޢަދަދު މަދުވުމުންކަން ޤަބޫލުކުރަންޖެހެއެވެ. އެއްޗެއް މަދުވެގެން އުފެދޭ މައްސަލަ ޙައްލުކުރެވޭނީ ގިނަކޮށްގެންކަން އެއީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. 
އެމްޓީސީސީ އިން ޚިދުމަތް ފެށުމުން ފުރަތަމަ ކަމަކަށް ދަތުރުތަކުގެ އަގުގެ މައްސަލަ ޙައްލުވެ  މުޢާމަލާތުކުރުން ރިވެތިވެ ކަސްޓަމަރުންގެ އިތުބާރު ބޮޑުވެގެންދާނެއެވެ. 
މާލެސިޓީގައި ބަސްދަތުރުތައް ފަށަން އުޅުނުއިރުވެސް އެކަމުން ޓެކްސީ ދަތުރުތަކަށް ގެއްލުންވާނެ ކަމަށް ބުނެ ޚިޔާލުތަފާތުވުމާއި ކަންބޮޑުވުންތައް އުފެދުނެވެ. ނަމަވެސް ބަސްދަތުރުތައް އިތުރުކުރުމުންވެސް އުޅެންޖެހެނީ ޓެކްސީ ނުލިބިގެންނެވެ. 
ގިނަ ބައަކު ދެކޭ ގޮތުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފެށުމުން އޭގެ މަންފާ ލިބޭނީ ހަމައެކަނި އާންމު ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. ޑްރައިވަރުންގެ ޝަކުވާތަކާއި ގޮންޖެހުންތަކަށްވެސް ހައްލެއް ލިބިގެންދާނެއެވެ. މިގޮތުން، ޓެކްސީ ޚިދުމަތް ފަސޭހަކަމާއެކު ލިބުމާއި، އަގުތައް ހަމަޖެހިފައިވާ އުސޫލެއްގެ ދަށުން ކަނޑައެޅިގެން ދިއުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުވުން ފަދަ ކަންކަން ފާހަގަކުރެވެއެވެ. އަދި މީގެ އިތުރުން، ޓެކްސީ ޚިދުމަތް ދިނުމުގައި ހަރުދަނާ ނިޒާމެއް ޤާއިމުވެ، ޚިދުމަތް ލިބިގަތުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލު ލިބިގެންދާނެއެވެ.
މި ޚިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އަމީން އިބްރާހީމް ވިދާޅުވީ، މާލެ ސަރަހައްދުގައި ޓެކްސީ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ބެލެވޭ ކަމަށާއި މާލެ ސަރަހައްދުގައި މިހާރު ޓެކްސީގެ ޚިދުމަތް ވަނީ ވަރަށް ދަތި ޚިދުމަތަކަށް ވެފައި ކަމަށެވެ. އަދި ސަރުކާރުން ކުރި ދިރާސާތަކުން ދައްކާގޮތުގައި ރައްޔިތުންނަށް މި ޚިދުމަތް ލިބިގަތުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ނިންމާފައިވަނީ މި ޓެކްސީ ލައިނަކީ 100 އިންސައްތަ ތިމާވެއްޓާ ރައްޓެހި އީވީ ޓެކްސީ ލައިނެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ކޮންމެހެން ވިޔަފާރީގެ އުސޫލުން ވިޔަފާރީގެ ތެރެއަށް ވަނުމަށްޓަކައި ކުރާ މަސައްކަތެއް ނޫން ކަމަށްވެސް އަމީން ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ، މި ޚިދުމަތް ފެށުމުން މިހާރު ޓެކްސީގެ ޚިދުމަތުގައި ތިއްބަވާ ފަރާތްތަކަށް ދަތިކަމެއް ނޯންނާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް އެމްޓީސީސީގެ ޓެކްސީ ލައިނާ ގުޅުމުގެ ފުރުޞަތު އޮންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެބޭފުޅުންނަކީވެސް ޓެކްސީ ދުއްވުމުގެ ލައިސަންސް އޮންނަ ބޭފުޅުން ކަަމަށްވާނަމަ، މާލޭގެ ތިއްބަވާއިރު މަސައްކަތް ކުރައްވައިގެން މި ޓެކްސީ ލައިނުން އެ ބޭފުޅުންނަށް ނަފާ ލިބޭނެ،". އަމީން ވިދާޅުވިއެވެ.
ސަރުކާރުގެ ވިސްނުމަކީ މި ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ގޮތެއްގައި ކުރާ ކަމެއް ނޫން ކަމަށާއި، މިއީ ލައްކައަށްވުރެ ގިނަ ބަޔަކު ދިރިއުޅޭ މާލެ ސަރަހައްދުގައި އޮތް އަސާސީ ބޮޑު މައްސަލައަކަށް ހައްލު ހޯދުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.    
"މިއީ ވިޔަފާރި އުސޫލުން ބައެއްގެ ވިޔަފާރީގެ ތެރެއަށް ވަންނަން ވެސް ކުރާ މަސައްކަތެް ނޫން، މި ވިޔަފާރީގައި، ހިދުމަތުގައި ތިއްބަވާ ބޭފުޅުންނަށް އިތުރު ފަހި ފުރުސަތުތަކެއް މީގެން ހުޅުވިގެން މި ދަނީ، އަދި އެ ބޭފުޅުން މިހާރު ގެންގުޅޭ ޓެކްސީތައް ކުރިއަށް ގެންދިއުމުގައިވެސް އެއްވެސް ދަތިކަމެއް ނޯންނާނެ،". އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ