އިސްރާއީލާއި އިންޑިއާގެ ކިބައިން ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމު ސަލާމަތްކުރީ ކިހިނެއް؟
1980ގެ އަހަރުތަކުގެ ކުރީކޮޅު އަރަބި އަދި އިސްލާމީ އުންމަތް ސިއްސުވާލީ އިރާގުގެ ނިއުކްލިޔާ މަރުކަޒަށް އިސްރާއީލުން ހަމަލާދީ އެތަން ހަލާކުކޮށްލި ކަމުގެ ޚަބަރުންނެވެ. އިރާގަކީ އޭރަށް ބަލާއިރު ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ މަސައްކަތް ފެށި މަދު އަރަބި އިސްލާމީ ގައުމުތަކުގެ ތެރޭގައި ހިމެނުނު ގައުމެކެވެ. އިސްރާއީލުން ބޮންއަޅައި ބިމާހަމަކޮށްލީ ފަރަންސޭސިވިލާތުގެ އެހީއާއެކު އިރާގުން ބިނާކުރި ފުރަތަމަ ނިއުކްލިޔާ ރިއެކްޓަރެވެ. އިރާގުގެ ނިއުކްލިޔާ ޕްރޮގްރާމު އޭގެ ޅަފަތުގައި ވަނިކޮށެވެ. އެދުވަސްވަރު އިރާގު ގެންދިޔައީ ގަލްފުގެ އަރަބި ގައުމުތަކުގެ މާލީއެހީއާއި ހުޅަނގުގެ ތާއީދާއެކު އީރާނާ ދެކޮޅަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރަމުންނެވެ. އިސްރާއީލުގެ ވަރުގަދަ ހަމަލާތަކާއެކު އިރާގުގެ ނިއުކްލިޔާ މުޅި ޕްރޮގްރާމުވެސް ނިމުމަކަށް އައީއެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ކުރިމަތިލުމަށްޓަކައި ބިނާކުރަން އުޅުނު އިލްމީ ބާރު، ދަނޑިވަޅު ބަލާފައި އިސްރާއީލުން ފުނޑާލީއެވެ. މިއަދު އިސްރާއީލުން ބިރުދައްކަނީ އިސްލާމީ އެހެން ގައުމެއްކަމަށްވާ އީރާން އަށެވެ. އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ފުނޑާލާނެކަމުގެ ބިރެވެ. ނަމަވެސް އެދުވަސްވަރުގެ އިރާގާއި މިހާރުގެ އީރާން، ވަރަށް ތަފާތެވެ. ބާރުގެ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުންނެވެ. ހުޅަނގުގެ އަނިޔާވެރިކަމާ ބޭއިންސާފާއި ޕްރޮޕަގެންޑާތަކާ ކުރިމަތިލުމުގެ ތަޖުރިބާގެ ގޮތުންނެވެ. އީރާނުގައި އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމު ހިމާޔަތް ކުރުމުގެ ގާބިލްކަން އެބަހުއްޓެވެ. އިސްރާއީލަށް ރައްދު ދެވޭނެ ގާބިލްކަންވެސް އެބަހުއްޓެވެ. އަދި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ އިރާގުގައި ހުރިގޮތަށް އެންމެ ނިއުކްލިޔާ މަރުކަޒެއްނޫނެވެ. އީރާނުގެ އެކި ކަންކޮޅުތަކުގައި އެތަށް ރިއެކްޓަރުތަކާއި އެތަށް ލެބޯޓްރީތަކާއި އެތަށް ރީސާޗް މަރުކަޒުތަކެވެ. އެތަށް ސަތޭކަ ނިއުކްލިޔާ ސައެންސްވެރިންނާއި އިންޖިނޭރުންނެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކުގެ ހައްސާސް ބައިތައް ހުންނަކަމަށްވަނީ ހިލަ ފަރުބަދަތަކުގެވެސް އެތަށް ސަތޭކަ މީޓަރެއްގެ އަޑީގައެވެ. އިސްރާއީލުން މިތަންތަނަށް ހަމަލާ ދޭންނުކެރޭ އެއް ސަބަބަކީ ހަމަލާދިނަސް އެތަންތަން ހަލާކުކޮށްލެވޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތުމެވެ. އަނެއް ސަބަބަކީ އެކަމަށް ބަދަލުހިފުމުގެ ގޮތުން އީރާނުން އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީ އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދިނުމުގެ ގާބިލްކަމާއި އެކަމުގެ ކެރުމާއި ހިއްވަރު އީރާނުގެ ކިބާގައި ހުރިކަން އިސްރާއީލަށް އެނގޭތީއެވެ. އީރާނާއި އިރާގުގެ ކަންތައް މިގޮތަށް އޮތްއިރު އިސްލާމީ އެހެން ގައުމެއްކަމަށްވާ ޕާކިސްތާންވަނީ މި މަރުހަލާތައް ފަހަނަޅައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގައި ކާމިޔާބު ހޯދާފައެވެ. އިސްރާއީލުގެ ރޭވުންތަކާ އެކުވެސް ނިއުކްލިޔާ ޕްރޮގްރާމު ފުރިހަމަކޮށް ކާމިޔާބު ކޮށްފައެވެ. ކަހޯތާގައި ހުރި ޕާކިސްތާނުގެ ނިއުކްލިޔާ މަރުކަޒު 1998 ވަނަ އަހަރު ޕާކިސްތާންވަނީ ފާޅުގައި ނިއުކްލިޔާ ހަތިޔާރު ތަޖުރިބާކޮށް ނިއުކްލިޔާ ބާރަކަށް ވެފައެވެ. މިހާރު ޕާކިސްތާނުގައި 180 ވަރަކަށް ނިއުކްލިޔާ ހަތިޔާރު ހުރިކަމަށް ބެލެވެއެވެ. މިއީ އިންޑިއާގައި ހުރިކަމަށް ބެލެވޭ ނިއުކްލިޔާ ހަތިޔާރަށްވުރެވެސް ގިނަ އަދަދެކެވެ. ޕާކިސްތާނާ ދެކޮޅަށް އިސްރާއީލަށް ކުރެވުނު އެއްވެސް ކަމެއްނެތެވެ. އިސްރާއީލުގެ ކިބައިން ނާ އަދި އަވަށްޓެރި އިންޑިއާގެ ކިބައިން ނިއުކްލިޔާ ޕްރޮގްރާމު ސަލާމަތް ކުރުމުގައި ޕާކިސްތާން ހޯދި ކާމިޔާބަކީ އާދައިގެ ކަމެއް ނޫނެވެ. އިސްރާއީލާއި އިންޑިއާގެ ކިބައިން ނިއުކްލިޔާ ޕްރޮގްރާމު ސަލާމަތް ކުރުމުގައާއި އެދެގައުމުގެ ރޭވުންތައް ނާކާމިޔާބު ކޮށްލުމުގައި ޕާކިސްތާން ގެންގުޅުނީ ކޮން އުކުޅުތަކެއް ހެއްޔެވެ؟ އަޅުގަނޑުގެ ރިޕޯޓް ބިނާކުރަނީ މިކަމުގެ މައްޗަށެވެ. ޕާކިސްތާން, ނިއުކްލިޔާ ނޮލެޖަށް އިސްކަންދޭން ފެށުން ޕާކިސްތާން ނިއުކްލިޔާ ނޮލެޖަށް އިސްކަންދޭން ފެށީ އިންޑިއާ ދެބައިކޮށް 1948 ވަނަ އަހަރު ޕާކިސްތާނުގެ ނަމުގައި އިސްލާމީ ދައުލަތެއް އުފެއްދިތާ އެއްއަހަރު ފަހުންނެވެ. ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމު ފެއްޓެވީ އެގައުމުގެ އެންމެ ފުރަތަމަ ބޮޑުވަޒީރު ލަޔާގަތު އަލީ ޚާން އެވެ. ޕާކިސްތާނުގެ ފުރަތަމަ ބޮޑުވަޒީރު ލަޔާގަތު އަލީ ޚާން އެދުވަސްވަރު ނިއުކްލިޔާ ސައެންސް ވެރިންގެ ގޮތުގައާއި ނިއުކްލިޔާ އިންޖިނޭރުންގެ ގޮތުގައިވެސް ޕާކިސްތާނުގައި ތިބީ މަދު ބައެކެވެ. އިސްކޮށް ހުންނެވީ ނިއުކްލިޔާ ސައެންޓިސްޓް ޑރ. ރާފީ މުހައްމަދު ޗައުދަރީ އެވެ. ޑރ. ރާފީގެ ބެއްލެވުމުގެ ދަށުން ޕާކިސްތާން ފުރަމަ ބިނާކުރީ "ހައިވޯލްޓޭޖް ލެބޯޓްރީ" ގެ ނަމުގައި ވަރަށް ކުޑަކުޑަ ނިއުކްލިޔާ ލެބޯޓްރީ އެކެވެ. ޖެހިގެން އައިއަހަރު އެމެރިކާގެ އޭރުގެ ރައީސް ޑްވައިޓް އައިޒަން ހަވަރ "އެޓަމް ފޯ ޕީސް" ގެ ނަމުގައި އެޓަމިކް އެނާޖީގެ ސުލްހަވެރި ޕްރޮގްރާމެއް އިއުލާން ކުރެއްވިއެވެ. މި ޕްރޮގްރާމުގެ މުއާހަދާގައި އެންމެ ފުރަތަމަ ސޮއިކުރި މަދު ގައުމުތަކުގެ ތެރޭގައި ޕާކިސްތާން ހިމެނުނެވެ. އެދުވަސްވަރު ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މުހައްމަދު ޒާފިރުﷲ ޚާން އިއުލާން ކުރެއްވިގޮތުގައި ޕާކިސްތާނުގެ މަގްސަދަކީ ސުލްހަވެރި ބޭނުންތަކަށް އެޓަމިކް ހަކަތަ ތަރައްގީ ކުރުމެވެ. އެޓަމިކް ބޮން އުފެއްދުމެއް ނޫނެވެ. ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިއެއްކަމަށްވާ ޖެނެރަލް އައްޔާބު ޚާން 1956 ވަނަ އަހަރު "ޕާކިސްތާން އެޓަމިކް އެނާޖީ ކޮމިޝަން" (ޕީއޭއީސީ) ގެ ނަމުގައި އެޓަމިކް ހަކަތައާބެހޭ އަމިއްލަ އެޖެންސީއެއް އެގައުމުން އުފެއްދިއެވެ. މިއެޖެންސީގެ ވެރިއަކަށް ފުރަތަމަ އައްޔަންކުރީ ނަޒީރު އަހްމަދު ޚާން އެވެ. އެއަށްފަހު 1958 ގައި ހެވީ ވޯޓާ ނިއުކްލިޔާ ރިއެކްޓަރެއް ބިނާކުރުމަށް "ޕީއޭއީސީ" ން ޕާކިސްތާން ސަރުކާރަށް ހުށަހެޅިއެވެ. ނަމަވެސް ޕާކިސްތާނުގެ އޭރުގެ އަސްކަރީ ވެރިޔާ ފީލްޑްމާޝަލް އައްޔޫބުޚާން އެހުށަހެޅުން ގަބޫލު ނުކުރެއްވިއެވެ. އެއަށްފަހު 1971 ވަނަ އަހަރު ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ހަނގުރާމެއް ހިނގިއެވެ. އަދި ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އެދުވަސްވަރު އޮތް އިރުމަތީ ޕާކިސްތާން (މިހާރުގެ ބަންގްލަދޭޝް)، އިންޑިއާގެ އެހީއާއެކު ޕާކިސްތާނާ ވަކިވެގަނެ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ވުޖޫދަށް އައެވެ. ނަތީޖާއަކަށްވ ނިއުކްލިޔާ ހަތިޔާރުގެ މުހިއްމުކަން ޕާކިސްތާނުގެ ވެރިންނަށް ވަރަށް ބޮޑަށް އިހުސާސް ކުރެވިގެން ދިޔުމެވެ. އެއަށްފަހު 1973 ވަނައަހަރު ޒުލްފިގާރު އަލީ ބުއްޓޫ، ޕާކިސްތާނުގެ ބޮޑުވަޒީރުކަމަށް އިސްވެ ވަޑައިގަތުމާއެކު ނިއުކްލިޔާ ބޮމެއް އުފެއްދުމުގެ ސިއްރު މަޝްރޫއެއް ޕާކިސްތާނުން ވަރަށް ސީރިޔަސް ގޮތެއްގައި ފެށިއެވެ. މިމަޝްރޫއަށް ދިން ނަމަކީ "ޕްރޮޖެކްޓް 706" އެވެ. 1973 ވަނަ އަހަރު ޕާކިސްތާނުގެ އޭރުގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫ، ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ޚާއްސަކޮށްގެން ޕާކިސްތާނުގައި ފެއްޓެވި "ޕްރޮޖެޓް 706 " މަޝްރޫއު އިފްތިތާހު ކޮށްދެއްވަނީ މިއީ ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ސުލްހަވެރި ޕްރޮގްރާމެއްކަން ބޭރުފުށަށް ދައްކައިގެން އެތެރެއިން ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް ޚާއްސަކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫއެކެވެ. މިމަޝްރޫއު ކުރިޔަށްގެންދިޔުމުގައި އިސްކޮށް ތިއްބެވީ ޕާކިސްތާނުގެ ނިއުކްލިޔާ ސައެންޓިސްޓުންނާއި އިންޖިނޭރުންގެ ވަރަށް "ފުންނާބު އުސް" ޓީމެކެވެ. ޓީމުގެ ވެރިއަކަށް ހުންނެވީ ނިއުކްލިޔާ ޕްރޮފެސަރު މުނީރު އަހްމަދު ޚާންއެވެ. އޭނާގެ ނައިބެއްގެ ގޮތުގައި ހުންނެވީ ޕާކިސްތާނުގެ ނިއުކްލިޔާ ބައްޕަގެ ނަމުން ފަހުން މަޝްހޫރު ވެގެންދިޔަ ކުޅަދާނަ ސެއެންސްވެރިޔާ ޑރ. އަބްދުލްގަދީރު ޚާން އެވެ. މިމަޝްރޫއު ކުރިޔަށްގެންދިޔުމަށް ޕާކިސްތާނުން ބޮޑެތި ޚަރަދުތަކެއް ކުރިއެވެ. ނިއުކްލިޔާ ރީސާޗް ގެ ދާއިރާއިންނާއި އާއި ނިއުކްލިޔާ ޓެކްނޮލޮޖީގެ ދާއިރާއިން ޕާކިސްތާނުގެ ސައެންސްވެރިން ބުރަ މަސައްކަތްތަކެއް ކުރިއެވެ. މިދާއިރާއިން މީހުންވެސް ބިނާކުރިއެވެ. މި ޕްރޮގްރާމަށް ބޭނުންވާ މާލީ އެހީވަރަށް ބޮޑުކަމުން މާލީ އެހީދިނުމުގައި ޕާކިސްތާނަށް އެންމެބޮޑަށް އެހީތެރިވާ ސައޫދީ އަރަބިޔާ އިންނެވެ. ދެން ލީބިޔާއިންނެވެ. 1974 ން 1983 އަށް މިޕްރްގާމް ވަރަށް ބާރަށް ކުރިޔަށްދިޔައެވެ. ކުރިޔަށް ގެންދިޔައީ ސުލްހަވެރި ބޭނުންތަކުގައި ނިއުކްލިޔާ ހަކަތަ ތަރައްގީކުރުމުގެ ނިވައިފަތްގަނޑުގެ ދަށުންނެވެ. ނިއުކްލިޔާ ބޮން އުފައްދަން އުޅޭކަމަށް އިންޑިއާއާއި އެމެރިކާ ކުރާ ތުހުމަތުތައް ޕާކިސްތާނުން ދޮގުކުރަމުންނެވެ. ނިއުކްލިޔާ ބޮމެއް އުފެއްދުމަށްޓަކައި ފެށި މަޝްރޫރު ވަރަށް ކާމިޔާބެވެ. ކުރު މުއްދަތެއްގެ ތެރޭގައި ނިއުކްލިޔާ ރީސާޗް ސެންޓަރުތަކާއި ޔޫރޭނިޔަމް ފައްކާކުރާ ސެންޓްރިފިއުޖް މެޝިންތަކާއި ލެބޯޓްރީތައް ޕާކިސްތާނުން ތަރައްގީކުރިއެވެ. މިހުރިހާ ކަމެއްވެސް ކުރަމުން ގެންދިޔައީ މައިގަނޑު ގޮތެއްގައި އަމިއްލަ ޓެކްނޮލޮޖީގައި ސިއްރިޔާތުގައެވެ. 1977 ވަނައަހަރު ޖެނެރަލް ޒިޔާއުލްހައްގުގެ ޒަޢާމަތުގައި ޕާކިސްތާނަށް ގެނައި އަސްކަރީ އިންގިލާބާއެކު ބުއްޓޫގެ ވެރިކަން ވެއްޓި ޕާކިސްތާނުގެ ޒަޢާމަތު އަސްކަރިއްޔާގެ އަތްމައްޗަށް ދިޔައެވެ. އަދި ޖެނެރަލް ޒިޔާގެ ސަރުކާރުން ބުއްޓޫ ހައްޔަރުކޮށް ޖަލަށްލުމުން ޕާކިސްތާންގެ ސިޔާސީ މަސްރަހު ހަލަބޮލިވިއެވެ. ޕާކިސްތާނުގެ ކުރީގެ އަސްކަރީ ވެރިއެއްކަމަށްވާ ޖެނެރަލް މުހައްމަދު ޒިޔާއުލްހައްގު ނަތީޖާއަކަށްވީ ނިއުކްލިޔާ ސިއްރު ޕްރޮގްރާމުގެ ދުވެލި މަޑުޖެހިލުމެވެ. ނަމަވެސް ކުޑަދުވަސްކޮޅަކަށްފަހު ޕާކިސްތާނުގެ އައު އަސްކަރީ ވެރިޔާ ޖެނެރަލް މުހައްމަދު ޒިއާއުލްހައްގު ނިންމެވީ ކުރީގެ ބާރު ސްޕީޑްގައި އެޕްރޮގްރާމް ކުރިޔަށް ގެންދިޔުމަށެވެ. ސިއްރިޔާތުގައެވެ. ސިފައިންގެ ހިމާޔަތުގައެވެ. މިމަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން 1983 ވަނަ އަހަރު، ނިއުކްލިޔާ ފިޝަން ހިމެނޭ ކުޑަ ޑިވައިސް އެއް ނިއުކްލިޔާ ޗެއިން ރިއެކްޝަން ގެތެރެއިން ގޮއްވާލައިގެން ނިއުކްލިޔާ ބޮމެއްގެ ތަޖުރިބާއެއް ކުރުމުގައި ޕާކިސްތާނުގެ ސައެންސްވެރިން ކާމިޔާބު ހޯދިއެވެ. މި ތަޖްރިބާއަކީ ނިއުކްލިޔާ ފިޝަން އިން ނުކުންނަ ދިރުންވާ ކޮންމެ އެއްޗެއް ފަނާކޮށްލާ ނުރައްކާތެރި ރޭޑިއޭޝަންތައް ކަމަށްވާ އަލްފާ ބީޓާ އަދި ގެމާ ރޭޑިއޭޝަންތައް ނުކުމެ ފުރިހަމަ ނިއުކްލިޔާ ބޮމެއްގެ ތަޖުރިބާއެކެވެ. މިއީ ޕާކިސްތާނުން އުފެއްދި ވަރަށް ކުޑަ ނިއުކްލިޔާ ބޮމެކެވެ. އެބޮން ކާމިޔާބުކަމާއެކު ތަޖުރިބާކުރީއެވެ. މިހިސާބުން ނިއުކްލިޔާ ހަތިޔާރު އުފެއްދުމާއި އެހަތިޔާރު ތަޖުރިބާ ކުރުމުގެ ނޮލެޖް ޕާކިސްތާން ހާސިލް ކުރީއެވެ. ނަތީޖާއަކީ ޕާކިސްތާނުގެ ސައެންސްވެރިންނަށް އެމީހުންގެ މަސައްކަތުގެ އިތުބާރު ލިބިގެން ދިޔުމެވެ. އަމިއްލަ ނަފްސަށް އިތުބާރު ލިބިގެން ދިޔުމެވެ. ކާމިޔާބީ އިހްސާސް ކުރެވި އެހެން ގައުމަކަށް ބަރޯސާނުވެ އަމިއްލަ އަށް ނިއުކްލިޔާ ހަތިޔާރު އެންމެ ޒަމާނީ ފެންވަރަށް އުފެއްދޭނެކަމުގެ ޔަގީންކަން ލިބިގެންދިޔުމެވެ. ދެން ފެށީ މީގެ ބޮޑު ޑިވައިސްއެއް ނުވަތަ ނިއުކްލިޔާ ބޮޑު ބޮމެއް އުފެއްދުމުގެ މަސައްކަތެވެ. އެމެރިކާގެ "ޓައިމް" މަޖައްލާ ބުނާގޮތުން ޕާކިސްތާނުގެ ނިއުކްލިޔާ މިހާލަތަކީ 1940 ގެ އަހަރުތަކުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް އެމެރިކާ ކުރިޔަށްގެންދިޔަ "މެންހާޓަން" ޕްރޮޖެކްޓް އެދުވަސްވަރު އޮތް ފެންވަރެކެވެ. އެ މަޖައްލާ އަންދާޒާކުރާގޮތުން އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމުވެސް 2011 އާއި 2015 އާ ދެމެދު އޮތީ ގާތްގަނޑަކަށް މިފެންވަރުގައެވެ. އެމެރިކާއާއި ކުރީގެ ސޮވިއެޓް ޔުނިޔަން އަދި އިންޑިއާ އިން ޕާކިސްތާނާ ދެކޮޅަށް ކުރި ޖާސޫސީ ހަނގުރާމަ 1980 ގެ އަހަރުތަކުގައި ޕާކިސްތާނުން ނިއުކްލިޔާ ޕްރޮގްރާމް ރޮކެޓް ސްޕީޑްގައި ތަރައްގީކުރަމުން ގެންދިޔައިރު ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެޕްރޮގްރާމުގެ ހަގީގަތް ބެލުމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭ. އާއި ކުރީގެ ރޫސީވިލާތް (ސޮވިއެޓް ޔުނިޔަން) ގެ ޖާސޫސީ އިދާރާ ކޭޖީބީ އަދި އިންޑިއާގެ ޖާސޫސީ އިދާރާ ޕާކިސްތާނަށް ލޯއަޅައިގެން ޖާސޫސުކުރުމަށް ކުރަމުންގެންދިޔަ މަސައްކަތްތަކެވެ. ޕާކިސްތާނުގެ ޖާސޫސީ އިދާރާ، އިންޓަަރ ސާވިސް އިންޓެލިޖެންސް (އައިއެސްއައި) އޮތީ މިކަމަށް ވަރަށް ފަރުވާތެރި ވެގެންނެވެ. އެެހެންކަމުން "އައިއެސްއައި" ގެ މުޅި ފޯކަސް އޮތީ ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމް "ޕްރޮޖެކްޓް 706" ހިމާޔަތް ކުރުމަށެވެ. އެޕްރޮގްރާމާ ދެކޮޅަށް ދުޝްމަނުން ހިންގާ ޖާސޫސީ ހަރަކާތްތަކަށް ފާރަލައި އެކަން ފެއިލް ކޮށްލުމަށެވެ. ދިފާއީ ގޮތުން އެޕްރޮގްރާމު އޮތީ ޕާކިސްތާން އަސްކަރިއްޔާގެ އިންޓެންސިވް ހިމާޔަތުގައެވެ. އެދުވަސްވަރުގެ ޕާކިސްތާނުގެ އިސް ޖެނެރަލެއްކަމަށް ކަމަށްވާ ބްރިގޭޑިއާ ރިޓަޔަޑް އިމްތިޔާޒް އަހްމަދު ފަދަ ބޭފުޅުން ވިދާޅުވެފައިވާގޮތުގައި 1976 އާއި 1987 އާ ދެމެދު މިޕްރޮގްރާމަށް ޖާސޫސުކުރަން އުޅުނު އެމެރިކާ، ސޮވިއެޓް ޔުނިޔަން އަދި އިންޑިއާގެ ގިނަ އަދަދެއްގެ ޖާސޫސުން ދެނެގަނެ އެމީހުން ހައްޔަރުކުރުމުގައި ޕާކިސްތާނުގެ ޖާސޫސީ އިދާރާ "އައިއެސްއައި" ބޮޑެތި ކާމިޔާބީތަކެއް ހޯދިއެވެ. އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު މެނާހިމް ބޭގިން އާއި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު މާގްރެޓް ތެޗަރ "އައިއެސްއައި" ގެ އެހީގައި އެދުވަސްވަރު ހައްޔަރުކުރި ޖާސޫސުންގެ ތެރޭގައި ޕާކިސްތާނުގެ ނިއުކްލިޔާ އިންޖިނޭރެއްކަމަށްވާ ރަފީގް ސާފީ މުންޝީ ހިމެނެއެވެ. 1979 ގައި ޕާކިސްތާނުން އޭނާ ހައްޔަރުކުރީ ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމާބެހޭ މައުލޫމާތު ފޯރުކޮށްދޭ ކަމުގެ ތުހުމަތުގައެވެ. އެމެރިކާއަށް ޖާސޫސުކޮށްދޭ ކަމުގެ ތުހުމަތުގައި ޕާކިސްތާނުގައި ހުންނަވާ ފަރަންސޭސިވިލާތުގެ ސަފީރު ޕޯލް ލޮގޯރިޔޭކް ވެސް ހައްޔަރުކުރިއެވެ. އަދި ފަރަންސޭސި އެންބަސީގެ ފަސްޓް ސެކްރެޓަރީ ޖާން ފޯލޮޓް ވެސް އެއަހަރު ހައްުޔަރު ކުރިއެވެ. ފަރަންސޭސި ދެމަސްއޫލުވެރިން އުޅުއްވި ތަންބަލައި ފާސްކުރުމަށްފަހު ކެމެރާއާއި ޖާސޫސީ އާލާތްތަކާ އަދި ސިއްރު ލިޔެކިޔުންތަކެއް ޕާކިސްތާނުގެ ފުލުހުން ހޯދިއެވެ. މިދެ ބޭފުޅުން ދުވަސްތަކެއް ވާންދެން ހައްޔަރުކޮށްފައި ބޭތިއްބުމަށްފަހު ޕާކިސްތާނަށް ނާދެވޭގޮތަށް ޑީޕޯޓްކޮށްލީއެވެ. އެދުވަސްވަރު އިސްރާއީލުގެ ބޮޑުވަޒީރަކަށް ހުރި މަނާހިމް ބޭގިން އިނގިރޭސި އޭރުގެ ބޮޑުވަޒީރު މާގްރެޓް ތެޗާ އަށް ފޮނުވި ސިޓީއެއްގައި ވާގޮތުން ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމަކީ ނިއުކްލިޔާ ސައެންސާއި ނިއުކްލިޔާ ޓެކްނޮލޮޖީ އިސްލާމީ ދުނިޔެއަށް ލިބިގެންދިޔުމަށް ހުޅުވޭ ނުރައްކާތެރި ދޮރެކެވެ. އެހެންކަމުން ކޮންމެ ގޮތެއް ހަދައިގެންވެސް އެޕްރޮގްރާމް ހުއްޓުވަން ޖެހޭނެއެވެ. އެދުވަސްވަރު ކާނަލް ގައްޒާފީގެ ވެރިކަމުގައި ލީބިޔާގައިވެސް ނިއުކްލިޔާ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔައެވެ. ޓްރިޕޮލީ ގެ ކައިރީގައިވާ ތާޖޫރާގައި ހުންނަ ލީބިޔާގެ ނިއުކްލިޔާ ރިއެކްޓަރުގައެވެ. ޕާކިސްތާނާއި ލީބިޔާގެ ގުޅުންތައް ބޮޑުވުމާއި ޕާކިސްތާނުގެ ނިއުކްލިޔާ ޕްރޮގްރާމަށް ލީބިޔާ ފައިސާގެ ގޮތުން އެހީވާތީ ޕާކިސްތާނުގެ ނިއުކްލިޔާ ޓެކްނޮލޮޖީ ލީބިޔާއަށް ނަގުލު ވެދާނެކަމުގެ ކަންބޮޑުވުން ބޭގިންއާއި ތެޗާ ފާޅުކުރިއެވެ. އިސްރާއީލެކޭ އެއްގޮތަށް އެމެރިކާއާއި އިނގިރޭސިވިލާތްވެސް ދެކޭގޮތުގައި ނިއުކްލިޔާ ޓެކްނޮލޮޖީ އަކީ މުސްލިމުންނާ އަރާ އަރަފޯދިގެން ވާވަރަށްވުރެ މާ މަތީ ޓެކްނޮލޮޖީ އެކެވެ. އެއީ ހުޅަނގުގެ މޮނޮޕޮލީގެ ދަށުގައި އޮންނަންޖެހޭ ޓެކްނޮލޮޖީ އެކެވެ. އިސްލާމީ ގައުމަކަށް އެ ޓެކްނޮލޮޖީ ލިބިއްޖެނަމަ ނިއުކްލިޔާ ބޮމުން ހަމަލާދީ އިސްރާއީލުގެ ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިންމަރައި އިސްރާއީލު ނެތިކޮށްލާނެ ކަމަށް ތެޗާ އާއި ބޭގިން އެދުވަސްވަރު ބަދަލުކުރި ސިޓީތަކުގައި ލިޔެފައިވާ ކަމަށްވެއެވެ. 2012 ވަނަ އަހަރު ޕާކިސްތާނުގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ފައިރޫޒް ހަސަން ޚާން އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމް ކާމިޔާބު ކުރުމަށް ކުރި ދިގު އަދި އުނދަނގޫ ދަތުރާބެހޭގޮތުން ފޮތެއް ނެރުއްވިއެވެ. "އީޓް ގްރާސް، މޭކް ޕާކިސްތާނީ ބޮންބް" މިނަމުގައި އޭނާ ފޮތް ލިޔުއްވާފައިވަނީ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫ ވިދާޅުވި ބަސްފުޅަކަށް ރިއާޔަތް ކުރައްވައިގެންނެވެ. ބުއްޓޫ ވިދާޅުވެފައިވަނީ "އިފް އިންޑިއާ ބިލްޑްސް ދަ ބޮންބް، ވީ ވިލް އީޓް ގްރާސް އޯ ލީވްސް އިވެން އިފް ވީއާ ހަންގްރީ، ބަޓް ވީ ވިލް ގެޓް ވަން އޮފް އަވާ އޯން" މިހެންނެވެ. ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޒުލްފިގާރު އަލީ ބުއްޓޫ އޭނާގެ އިސް މުސްތަޝާރުންނާއެކު ޖެނެރަލް ރިޓަޔަޑް ފައިރޫޒު ހަސަން ޚާން ގެ ފޮތަކީ، އިންޑިއާ ނިއުކްލިޔާ ބޮމެއް ހަދައިފިނަމަ ހައިހޫނުކަމުގައި ވިނައާއި ފަތް ކާންޖެހުނަސް އަހަރެމެންވެސް އަހަރެން އަމިއްލަ ނިއުކްލިޔާ ބޮމެއް އުފައްދާނެ ކަމަށް ބުއްޓޫ ވިދާޅުވި މަޝްހޫރު ބަސްފުޅާ ގުޅިގެން ލިޔުއްވި ފޮތެއްކަމަށް ވެއެވެ. މި ނަމުގައި ޖެނެރަލް ފައިރޫޒް ހަސަން ޚާން ލިޔުއްވާފައިވާ ފޮތުގައިވާގޮތުން އިސްރާއީލުން އިރާގުގެ ނިއުކްލިޔާ މަރުކަޒަށް ހަމަލާދީ އެތަން ހަލާކުކޮށްލުމުން އިސްރާއީލު އިންޑިއާ ގުޅިގެން އެމެރިކާގެ އެހީއާއެކު ޕާކިސްތާނަށް ޓެރަރިސްޓް ހަމާލާތަކެއްދީ ޕާކިސްތާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލަފާނެ ކަމުގެ ބިރު ޕާކިސްތާނުގެ ވެރިން ވަރަށް ބޮޑަށް އިހްސާސް ކުރެއްވިއެވެ. އެފޮތުގައިވާގޮތުން ޕާކިސްތާނުގެ ކަހޫތާ ގައި ހުންނަ ޔޫރޭނިޔަމް ފައްކާކުރާ ސެންޓްރިފިއުޖް މަރުކަޒަށާއި ނިއުކްލިޔާ ރީސާޗް މަރުކަޒަށް ކުއްލި ހަމަލާދީ އެތަންތަން ހަލާކުކޮށްލަން 1980 ގެ ކުރީކޮޅު އިންޑިއާއާ ގުޅިގެން އިސްރާއީލު ވަރަށް ބޮޑަށް ރޭވިއެވެ. ނަމަވެސް އެދުވަސްވަރު އެކަންކުރެވޭ ގޮތް ނުވީއެވެ. އެއީ ޕާކިސްތާން އިސްރާއީލާ މާބޮޑަށް ދުރުކަމުން އިންޑިއާ ގުޅިގެންވެސް އެފަދަކަމެއް ކާމިޔާބުކަމާއެކު ކުރުމުގެ އަސްކަރީ ގާބިލްކަން އިސްރާއީލުގެ ކިބާގައި އެދުވަސްވަރު ނެތުމުންނެވެ. ޕާކިސްތާނުގެ އެދުވަސްވަރުގެ ޖާސޫސީ ރިޕޯޓްތަކާ ހަވާލާދީ ޖެނެރަލް ފައިރޫޒުގެ ފޮތުގައި އޭނާ ލިޔުއްވާފައިވާ ގޮތުން ޕާކިސްތާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދެވޭނެ ގޮތެއް އޮތްތޯ ބެލުމަށް އިންޑިއާވެސް ގިނަ މަސައްކަތްކުރިއެވެ. ބޮޑެތި ރޭވުންތަކެއް ރޭވިއެވެ. ޚާއްސަކޮށް އިންޑިއާގެ ހަނގުރާމައިގެ ކޮލެޖުން މިކަމާބެހޭ ސްޓްރެޓީޖިކް ރޭވުމެއް ރޭވިއެވެ. ފަރަންސޭސިވިލާތުން އިންޑިއާއަށް ވިއްކާފައިވާ "ޖެގުއަރ" މަރުކާގެ ފައިޓާޖެޓް ބޭނުންކޮށްގެން މިރޭވުން ތަންފީޒު ކުރުމަށްޓަކައި އިންޑިއާގެ ވައިގެ ސިފައިން ސިލްސިލާ ތަމްރީންތަކެއްވެސް ކުރިޔަށް ގެންދިޔަ ކަމަށް އެފޮތް ބުނެއެވެ. މިކަމަށްޓަކައި އިސްރާއީލުގެ ލަފާވެސް ހޯދިކަމަށް ވެއެވެ. އެފޮތުގައިވާގޮތުން މިޕްލޭން ތަންފީޒުކުރަން އިންޑިއާ އެންމެފަހުން ރޭވީ އިސްރާއީލު ލައްވައެވެ. މި ރޭވުން ތަންފީޒު ކުރުމަށްޓަކައި އިސްރާއީލު ފައިޓާ ޖެޓްތައް ނައްޓާލާގޮތަށް އޮތީ ގުޖުރާތުގެ ޖަމްނާޖާރު ގައި ހުންނަ އިންޑިއާގެ ވައިގެ ސިފައިންގެ ބޭހަކުންނެވެ. އެއަށްފަހު ތެޔޮއެޅުމަށްޓަކައި ޖައްސާގޮތަށް އޮތީ އިންޑިއާ އާއި ޕާކިސްތާނުގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ސަބް އެއާޕޯޓަކަށެވެ. އެންމެފަހު މަރުހަލާގައި އޮތީ ޕާކިސްތާނުގެ ރާޑަރުތަކަށް ފިލަންވެގެން ހިމާލިޔާ ފަރުބަދަތައް މަތިން އުދުހިފައި ގޮސް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް އެޖެޓްތައް ކުއްލިއަކަށް ވަދެގަތުމަށެވެ. ޖެނެރަލް ފައިރޫޒުގެ ފޮތުގައިވާގޮތުން އޭރު އިންޑިއާގެ ބޮޑުވަޒީރަކަށް ހުންނެވި އިންދިރާ ގާންދީ މި އޮޕަރޭޝަނަށް ހުއްދަވެސް ދެއްވިއެވެ. ނަމަވެސް މިކަން ކުރަން އުޅެނިކޮށް އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ރޭގަން މިކަން ހުއްޓުވީއެވެ. އެފޮތުގައިވާ ގޮތުން އިންޑިއާ އާއި އިސްރާއީލުގެ ވެރިންނަށް ފޯނުކުރައްވައި ރޭގަން އެންގެވީ އެޕްލޭންގެ މައުލޫމާތު ޕާކިސްތާނުގެ ޖާސޫސީ އިދާރާއަށް ލިބިފައިވާ ކަމުގައެވެ. އެހެންކަމުން އިސްރާއީލުގެ ޖެޓްތަކަށް ހަމަލާދިނުމަށް ޕާކިސްތާން އޮތީ ވަރަށް ވަރުގަދައަށް ތައްޔާރު ވެގެން ކަމުގައެވެ. މީގެއިތުރުން އިސްރާއީލުގެ ޖެޓްތަކާ ވައިގެ މަގުން ކުރިމަތިލައި އެތަކެއްޗަށް ހަމަލާދީ ވައްޓާލެވޭ ވަރުގެ ވަސީލަތްތައް ޕާކިސްތާނުގައި ހުރިކަމާއި އިސްރާއީލުގެ ޖެޓްތަކާ ކުރިމަތިލުމަށް "ސްކްއާޑޮން 11 "ގެ ނަމުގައި ޕާކިސްތާނުން ގިނަ ފައިޓާޖެޓް ތަކެއް ތައްޔާރީ ހާލަތުގައި އޮތްކަމުގައެވެ. އެހެންކަމުން އިސްރާއީލާއި އިންޑިއާގެ ޕްލޭން ކާމިޔާބު ވުމުގެ ފުރުސަތު ނެތްކަމަށް ސީއައިއޭ އިން މައުލޫމާތު ދޭކަން ރައީސް ރޭގަން އިންޑިއާއާއި އިސްރާއީލުގެ ވެރިންނަށް އެންގެވުމުން މި ޕްލޭން ތަންފީޒު ކުރުމުގެ ކަންތައް އެދެގައުމުން ހުއްޓާލީ ކަމަށް އެފޮތުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ