ސިޓީ އާއި ދެކޮޅަށް ޕްލައިމައުތު ކުޅޭ މެޗަކީ އެއް މިލިއަން ޕައުންޑުގެ މެޗެއް

އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޕްލައިމައުތު ކުޅޭ މެޗަކީ އާމްދަނީގެ ގޮތުގައި އެ ކްލަބަށް އެއް މިލިއަން ޕައުންޑު ލިބޭނެ މެޗެއް ކަމަށް އެ ޓީމުގެ މެޖޯރިޓީ ހިއްސާ އޮންނާ ސައިމޮން ހެލެޓް ބުނެފި އެވެ.
ޕްލައިމައުތު އިން މި މުބާރާތުގެ ފަސްވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ މި ސީޒަނުގައި އެންމެ ރަގަޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލް 1-0 ގެ ނަތީޖާއަކުން ބަލި ކުރުމަށްފަހުގަ އެވެ. އަދި މި މުބާރާތުގެ ތިންވަނަ ބުރުގައި އެ ޓީމުން ވަނީ ބްރެންޓްފޯޑް ވެސް ބަލިކޮށްފަ އެވެ. އެހެންކަމުން މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޕްލައިމައުތު ކުޅޭ މެޗަކީ އެ ޓީމުން ޕްރިމިއާ ލީގުގެ ކްލަބަކާއި ދެކޮޅަށް މި ސީޒަނުގައި ނިކުންނަ ތިންވަނަ ފަހަރެވެ.
ޕްލައިމައުތު ހިންގުމުގައި އިސް ދައުރެއް އަދާ ކުރަމުންދާ ހެލެޓް އަކީ ޕްލައިމައުތުއަށް އުފަންވި ނަމަވެސް އެމެރިކާގައި ދިރިއުޅެމުންދާ ވިޔަފާރިވެރި އެކެވެ.
ހެލެޓް ބުނެފައިވާ ގޮތުގައި މީގެ 8 އަހަރު ކުރިން ލިވަޕޫލް އާއި ދެކޮޅަށް އެ ޓީމުން ކުޅުނު މެޗުގައި އާމްދަނީގެ ގޮތުގައި އެކްލަބަށް 7 ލައްކަ ޕައުންޑު ލިބިފައިވާއިރު ސިޓީ އާއި ދެކޮޅަށް ނިކުންނަ އިއްތިހާދު ސްޓޭޑިއަމަކީ ޖާގައިގެ ގޮތުން އޭރުގެ އެންފީލްޑަށްވުރެ ބޮޑު ސްޓޭޑިއަމަކަށް ވާތީ މި މެޗުގައި އެ ޓީމަށް ބޮޑު އާމްދަނީއެއް ލިބިގެންދާނެ އެވެ.
އަދި އޭރު ލިވަޕޫލް އާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު 7 ލައްކަ ޕައުންޑަކީ އޭރު އެކްލަބުގެ އަހަރެއްގެ ބަޖެޓުގެ ތިންބައިކުޅަ އެއްބައި ކަމަށާއި ނަމަވެސް މިހާރު ކަންތައްތައް ވަރަށް ބޮޑަށް ވަދަލުވެފައިވާ ކަމަށްވެސް ހެލޮޓް ވަނީ ބުނެފަ އެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެ މެޗުން ލިބޭ އާމްދަނީ އަކީ މުހިންމު ބައެއް ކަމަށާއި ނަމަވެސް އެ ކްލަބުގެ ފަނަރަވަރަކަށް ހާސް ސަޕޯޓަރުންނަށް އެ މެޗުގެ މުހިންމުކަން އެއަށްވުރެ ބޮޑު ކަމަށެވެ.
މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ޕްލައިމައުތު ކުޅޭ މެޗަށް އޭނާއަށް ދަނޑަށް ދެވޭނެކަން އަދި ބުނަން ނޭނގޭ ކަމަށާއި އެ މެޗު ކުޅެން އޮތް ދުވަހާއި ދިމާކޮށް އޭނާ އާޖެންޓީނާއަށް ދިއުމަށް ރާވާފައިވާ ކަމަށާއި މީގެ ކުރިންވެސް މިދިޔަ ޖެނުއަރީ މަހު ދާން އޮތް އެ ދަތުރު ލަސް ކުރީ އޭރު ކްލަބުގެ ކޯޗު ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށް ހެލޮޓް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ