ސަރުކާރުން ޓެކްސީ ވިޔަފާރިކުރުން ދެކޮޅެއްނުޖެހޭ: އެމްޑީޕީ

ސަރުކާރުން ޓެކްސީ ހިދުމަތް މިއަދު ފެށުމުން އެއީ ދެކޮޅު ނުޖެހޭ ކަމެއް ކަމަށް ބުނެ ސަރުކާރުގެ އެ ސިޔާސަތަށް އިދިކޮޅު އެމްޑީޕީން މިއަދު ފާޑުކިޔައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުން ނިންމީ ތިމާވެއްޓާ ރަށްޓެހި، އީވީ ޓެކްސީ ލައިންއެއް ތައާރަފުކޮށް ސަރުކާރުން ހިންގުމަށެވެ. އެމްޓީސީސީއާ ރަސްމީކޮށް އެކަން ހަވާލުކޮށް އެ ކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރި އެވެ.
އެ ކަމަށް ފާޑުވިދާޅުވެ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް 'އެކްސް'ގައި ޕޯސްޓްކުރެއްވި އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީގެ ނިމުނު ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދުގެ ޕޯސްޓްގައި ވިދާޅުވީ އެއިން ސާފުވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ ވަކި މިސްރާބެއް ނެތް ކަން ކަމަށެވެ.
"ސަރުކާރު ވާން ޖެހޭނީ އާންމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް. އާންމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
"ކޮންމެ ކަމެއްގައިވެސް ފެނިގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތް ކަމާއި ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު."
ސަރުކާރުން މިއަދު ޓެކްސީ ހިދުމަތް ހިންގުން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި މި ވަނީ، ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަންނަން ނޫޅޭ ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.
ޝާހިދުގެ ޕޯސްޓްގައި ދެން އިޝާރާތްކުރައްވާފައިވަނީ އެ ކަމަށެވެ. 
"ސަރުކާރުން ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް،" ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ނިމުނު ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި ފައްޔާޒު ވިދާޅުވީ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް މި ވަނީ ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަމާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.
ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ޑްރައިވަރުންނަށް ގެއްލުން ނުލިބޭނެ ކަމަށް ސަރުކާރުން ބުނާއިރު އެއީ ވެސް އޮޅުވާލުމެއް ކަމަށް، ދެންނަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ވެސް ފާޅުކުރައްވާފައިވާ ފައްޔާޒު ވިދާޅުވި އެވެ.
"އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށް. ޓެކްސީ ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މި ގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރަށް ހަމަ ފެންނަ އިރަށް ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށް ވެސް ވަނުމަކީ އޮވެގެން ވާނެ އިހުތިޔާރެއް ނޫން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ