ކެފޭތަކުގައި ދުންފަތް ބޭނުންކުރަން ވަކި ތަނެއް ހަދަން މަޖުބޫރުކޮށްފި؛ ހުއްދައަށް 10،000 ރ.ގެ ފީއެއް

ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ދުންފަތް ބޭނުން ކުރުމަށް ވަކި ހާއްސަ ތަނެއް ހެދުމަށް މަޖުބޫރުކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު މިއަދު ސަރުކާރުން ގެޒެޓުކޮށްފި އެވެ.
ވީ ކިިހިނެއް؟ - މިއަދު ނެރުނު ގަވާއިދުގައި މީހުން އެއްވެ އުޅޭ ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން މަނާކޮށްފައިވެ އެވެ. އެއިން ފަސް ތަނެއްގައި 'ސްމޯކިން ރޫމް' ނުވަތަ 'ސްމޯކިން އޭރިއާ'އެއް ގާއިމުކޮށް ދުންފަތުގެ އިސްތިއުމާލުކުރެވޭ ގޮތަށެވެ.
ތަފްސީލް - ސްމޯކިން ރޫމް ގާއިމުކުރުމުގެ ހުއްދަ ދެވޭ ފަސް ތަނެއްގެ ގޮތުގައި ގަވާއިދުގައި ބަޔާންކޮށްފައިވަނީ:
އެއާޕޯޓްތަކާއި ބަނދަރުތަކުގެ ތެރެއިން ޓްރާންސިޓް ދަތުރުގެ އިންތިޒާމު ހަމަޖައްސާފައިވާ ބަނދަރުތައް
މޯލްތައް
ސައި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓްތައް
ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުގައި ބައިތިއްބާ ތަންތަން
ރިސޯޓްތައް ހިމެނޭ ގޮތަށް ސިނާއީ މަސައްކަތްކުރާ ތަންތަން
އެ ފަސް ތަން ހިމެނޭ ގޮތަށް ޖުމުލަ ހަތް ތަނެއްގައި ސްމޯކިން އޭރިއާއެއް ގާއިމުކުރުމަށް ހުއްދަ ދެވިދާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. ދެން ހިމެނެނީ:
ކާރިސާއެއްގެ ގެއްލުން ލިބުނު މީހުން ވަގުތީ ގޮތުން ތިބޭ ކޭމްޕް ފަދަ ތަންތަނުގައި އޮންނަ ހާމަ ބިންތަކުގައި
ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ ރަސްމީ ޒިންމާ އަދާކުރާ ކޮންމެ އިދާރާއެއްގައި ހުންނަ ހާމަ ބިންތަކުގައި
މި ތަންތަނުގައި ސްމޯކިން ރޫމެއް ނުވަތަ އޭރިއާއެއް ގާއިމުކުރެވޭނީ ހެލްތު މިނިސްޓްރީއަށް ލިޔުމުން ހުއްދައަށް އެދި މިނިސްޓްރީން ދޫކުރާ ހުއްދައެއްގެ ދަށުންނެވެ. ހުއްދަ ދޫކުރާނީ ވެސް 10،000ރ.ގެ ފީއެއް މިނިސްޓްރީއަށް ދައްކައިގެނެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަށް ހާއްސަކުރާ އެ ތަންތަން ހުންނަން ޖެހޭ މިންގަނޑުތަކާއި ޝަރުތުތައް އަދި ހުއްދަ ދޫކުރެވޭނެ މުއްދަތުތައް ހިމަނައިގެން މިނިސްޓްރީން ވަކި ގަވާއިދެއް ހަދައި އާންމު ކުރަން ޖެހޭނެ ކަމަށް ވެސް މިއަދު އާންމުކުރި ގަވާއިދުގައި ބުނެ އެވެ.
ވިޔަފާރިތަކުން ގަވާއިދާ ހިލާފުވާނަމަ އަޅާނެ ފިޔަވަޅުތައް ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން:
ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 3،000ރ. އިން ޖޫރިމަނާކުރުން
ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު 5،000ރ. އިން ޖޫރިމަނާކުރުން
ތިންވަނަ ފަހަރުން ފެށިގެން ތަކުރާރުކުރާ ކޮންމެ ފަހަރަކު ޖޫރިމަނާ ދައްކަން ޖެހޭ އަދަދު ދެ ގުނައަށް އިތުރުވާނެ
ތިންވަނަ ފަހަރުން ފެށިގެން، ތަކުރާރުކުރާ ކޮންމެ ދެ ފަހަރަކު ދޫކޮށްފައިވާ ލައިސެންސް ވަގުތީ ގޮތުން ހިފެހެއްޓޭނެ
ލައިސަންސް ހިފަހައްޓާ ފަހަރުތަކުގައި ލައިސަންސް އަލުން ދޫކޮށް ވިޔަފާރިއަށް ހުޅުވޭނީ ދައްކަން ޖެހޭ ހުރިހާ ޖޫރިމަނާއެއް ދައްކާ ހަލާސްކުރުމަށް ފަހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ