ގޯލްޑަން ފުޓްސަލް ޗެލެންޖް: ދަރަނބޫދޫ ބަލިކޮށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ކުޑަހުވަދޫން ދިފާއުކޮށްފި ގޯލްޑަން ފުޓްސަލް ޗެލެންޖް: ދަރަނބޫދޫ ބަލިކޮށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ކުޑަހުވަދޫން ދިފާއުކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޒޯން ފަހެއްގެ ފައިނަލުގައި ފަހަތުން އަރައި، ފ. އަތޮޅު ޗެމްޕިއަން ދަރަނބޫދޫ، 5-3 އިން ބަލިކޮށް ދ. ކުޑަހުވަދޫ އިން ޒޯން ޗެމްޕިއަންކަން ތިން ވަނަ ފަހަރަށް ހޯދައިފި އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯނަށް ބަދަލު ގެނައި ފަހުން މި ޒޯނުގެ ޗެމްޕިއަންކަން ހޯދަމުން އައީ ކުޑަހުވަދޫ އިންނެވެ. އެ ގޮތުން މިދިޔަ ދެ އަހަރު ވެސް ޗެމްޕިއަނުންނަކީ ކުޑަހުވަދޫ އެވެ. އަދި، އޭގެ ކުރިން، މި ޒޯނުގެ އެންމެ ކާމިޔާބު ޓީމު ތިމަރަފުށި އަތުން 2023 ވަނަ އަހަރު މޮޅުވީ ވެސް ކުޑަހުވަދޫންނެވެ. އެހެންކަމުން، އެ ޓީމުން މި ވަނީ ޖެހިޖެހިގެން ތިން ފަހަރަށް މި ޒޯނުގެ ތަށި ހޯދައިފަ އެވެ.
ޒޯން ބުރުގައި، ދަަރަނބޫދޫ އަތުން 6-2 އިން މޮޅުވި ނަމަވެސް، ފައިނަލްގައި ކުޑަހުވަަދޫ އަށް ކާމިޔާބު ލިބުނީ އުނދަގޫ ކޮށެވެ.
މިރޭ ކުޅުނު ފައިނަލް މެޗުގެ ދެ ވަނަ މިނިޓުގައި ދަރަނބޫދޫ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މި ގޯލު އެޓީމަށް ޖަހައިދިނީ ސާޖިދު އަހުމަދު އިބްރާހީމް އެވެ. އެކަމަކު، މެޗުގެ އަށް ވަނަ މިނިޓްގައި ކުޑަހުވަދޫގެ ހާރޫން އިބްރާހީމް (ހާންޑޯ) ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. އަދި މެޗުގެ 17 ވަނަ މިނިޓްގައި ހާރުން އިތުރު ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދިނެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަރަނބޫދޫގެ ރައްޔާން ރިޔާހް ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނިޓްގައި ދަރަނބޫދޫ އިން ވަނީ އަލުން ލީޑު ނަގައިފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ މުޒްދާން ހަސަން އެވެ.
ކުޑަހުވަދޫ އިން ތަފާތު ދެއްކީ މެޗުގެ ފަހު ތިން މިނިޓްގެ ތެރޭގަ އެވެ. މެޗު ނިމެން ތިން މިނިޓަށްވެފައި ހުއްޓަ ކުޑަހުވަދޫ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުހައްމަދު އަރީޝް ޖެހި ގޯލުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން އަރީޝް ވަނީ އިތުރު ގޯލެއް ޖަހާ ޒޯން ފަހެއްގެ ޗެމްޕިއަންކަން ކުޑަހުވަދޫ އަށް ހޯދައިދީފަ އެވެ. އަދި އެ ޓީމުގެ ފަހު ގޯލު ޖެހީ، ޖުމައިލް ޖަމީލް (ޖުމްބެ) އެވެ.
މި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ޖުމްބެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ