ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތު މަގުން ކައްސާލާފައިވާ ކަމަށާއި މިހާރު ކުރަމުންދާ ހަރަދުތަކާ އެކު މި އަހަރުގެ ތެރޭގައި އަނެއްކާ ވެސް ސަރުކާރުން ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އިއްޔެ ވިދާޅުވި އެވެ.
ސަރުކާރުގެ މާލީ ސިޔާސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވަނީ ހަރަދު ކުޑަ ކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަން ނިންމައި އެ ފިޔަވަޅުތައް ތަންފީޒު ނުވާނެ ގޮތަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ. މި އަހަރަށް ހުށަހެޅި ބަޖެޓާ އެއްގޮތަށް ކަންކަން ކުރަމުންދާ ތަނެއް ނުފެންނަ ކަމަށް އަމީރު ވިދާޅުވި އެވެ.
"ބަޖެޓުގައި އެބައޮތް 7.7 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާކޮށްފައި. ނަމަވެސް މި ފެންނަނީ ޖެނުއަރީ މަސް ނިމިގެންދާއިރު ހަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ވެސް ނެތް، ސިޔާސީ މީހުންނާއި ކުންފުނިތަކަށް ނަގާ މީހުން ވެސް ދަނީ އިތުރުވަމުން. މި 7.7 ބިލިއަން ރުފިޔާ ސޭވް ކުރެވޭނެ އެއްވެސް ގޮތެއް ނެތް. މި މިސްރާބުން ސަރުކާރު ކުރިއަށްދާނަމަ މި އަހަރު އަނެއްކާ ވެސް ފައިނޭންސް ކުރެވޭނެ ގޮތެއް ނެތިގެން ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން ހުށަހަޅާނެ،" އަމީރު ވިދާޅުވި އެވެ.
މި އަހަރުގެ ބަޖެޓު ފާސްކޮށްގެން އޭގެއިން ހަރަދު ކުރަން ފެށިތާ ދެ މަސްވެސް ނުވަނީސް ރައީސް ދައްކަވަމުންދާ ވާހަކަ އެއްކޮށް ބަދަލުވެފައިވާ ކަމަށް އަމީރު ވިދާޅުވި އެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ސަބްސިޑީ ނިޒާމު ރިފޯމު ކުރަން ބަޖެޓުގައި ހިމެނުމަށް ފަހު އަނެއްކާ ވެސް އެއްވެސް ސަބްސިޑީއެއް ނުކަނޑައި އެ އިތުރުކޮށްދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވިދާޅުވުމަށެވެ.
ބަޖެޓުގައި ނެތް ކަންކަމަށް ވެސް ރައީސް ވައުދުވަމުން އަންނަ ކަމަށާއި ބޮޑެތި ވަފްދު ހަދައިގެން ކެމްޕޭން ދަތުރުތައް ވެސް ސަރުކާރުން ކުރަމުންދާ ކަމަށް އަމީރު ވިދާޅުވި އެވެ. އާމްދަނީ އިތުރުކުރުމަށް ހުށަހެޅި ކަންކަން ވެސް ބޮޑުތަނުން ފެއިލްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ގަބޫލުކުރަނީ މި އަހަރު ތެރޭގައި ފާސްކުރި ބަޖެޓުގައި އިން ޑެފިސިޓަށް ވުރެ 2025 ގެ ޑެފިސިޓް ބޮޑުވެގެންދާނެ. ކަރެކްޓިވް މެޝާސް ނެގުމަށް އަޅުގަނޑު ސަރުކާރަށް ގޮވައިލަން. އެކަމަކު އެ ގާބިލުކަން ސަރުކާރުގައި ހުރި ކަމަށް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުން ހަރަދުތައް ހަމަނުޖެހޭނެތީ ބަޖެޓު ސަޕްލިމެންޓުގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓެއް ވެސް ފާސްކުރި އެވެ. ފިނޭންސް މިނިސްޓްރީން ލަފާކުރަނީ ސަޕްލިމެންޓަރީ ބަޖެޓާއެކީ މިދިޔަ އަހަރުގެ ޑެފިސިޓު 18.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ހުލާސާކޮށް އިއްޔެ: ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ބެލެވުން ހުލާސާކޮށް އިއްޔެ: ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް ބެލެވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ