ގާޒާއަށް ވެރިވެގަންނާނެ ކަމުގެ ވައުދު ޓްރަމްޕް ތަކުރާރު ކުރައްވައިފި

ގާޒާގެ ކޮންޓްރޯލް ނަންގަވާނެ ކަމުގެ ވައުދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ތަކުރާރުކުރައްވައިފި އެވެ. ޓްރަމްޕް
އެ ވައުދު ތަކުރާރު ކުރެއްވީ އުރުދުންގެ ރަސްގެފާނު އަބްދުاللهއާ އިއްޔެ ވައިޓް ހައުސްގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގަ އެވެ.
މިއީ ފަލަސްތީނުގެ ދެ މިލިއަން މީހުންގެ އާބާދީ އުރުދުން ހިމެނޭ ގޮތަށް އެ ސަރަހައްދުގެ އެހެން ގައުމުތަކަށް ބަދަލުކުރުމަށް ޓްރަމްޕް ހުށަހެޅުއްވިކަން އިއުލާން ކުރެއްވި ފަހުން، އުރުދުންގެ ރަސްގެފާނާ އެކު ބޭއްވެވި ފުރަތަމަ ބައްދަލުވުމެވެ.
މިހަފްތާގެ ކުރީކޮޅު ޓްރަމްޕް ވަނީ ގާޒާއިން ފަލަސްތީނު މީހުން ގެންދިއުމަށް އެއްބަސްނުވަނީސް އުރުދުން އާއި މިސްރަށް ދޭ އެހީ ހިފަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.
މެދުއިރުމަތީގައި އުރުދުންއަކީ އެމެރިކާގެ މުހިންމު ބައިވެރިއެކެވެ. އަދި މިހާރު ވެސް ފަލަސްތީންގެ އެތައް މިލިއަން ބަޔަކު އުރުދުންގައި ދިރިއުޅެ އެވެ. އެހެންކަމުން، އެމެރިކާގެ ހުށަހެޅުމަށް އުރުދުން އިން ވަނީ ދެކޮޅު ހަދައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ރަސްގެފާނު އަބްދުالله ވިދާޅުވީ އުރުދުންގެ ސާބިތު ސިޔާސަތަކީ ފަލަސްތީނު މީހުން ބަދަލުކުރުމާ ދެކޮޅަށް އޮތް ސިޔާސަތެއް ކަމަށެވެ.
ނަމަވެސް ރަސްގެފާނު އަބްދުﷲ އަރިހުގައި ބައިންދަވައިގެން ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ޓްރަމްޕް ވިދާޅުވީ އޭނާގެ ނިންމެވުން ބަދަލު ނުކުރައްވާ ކަމަށެވެ. ޓްރަމްޕްގެ އެ ހިޔާލަށް މުޅި ދުނިޔެ ވެސް ވަނީ އިންކާރުކޮށްފަ އެވެ.
"އަޅުގަނޑުމެން އެ ތަން ނަގާނަން. އަޅުގަނޑުމެން އެ ތަން ހިފަހައްޓާނަން،" ޓްރަމްޕް ވިދާޅުވި އެވެ.
އިޒްރޭލުން ސުންނާފަތިކޮށްފައިވާ ސަރަހައްދު އެމެރިކާއިން އަތުލައިފި ނަމަ، އެ ސަރަހައްދުގެ އެކި ކަންކޮޅުތަކުގައި ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އެ ވާހަކަ ދެއްކެވި އިރު ރަސްގެފާނު އަބްދުالله ޓްރަމްޕްގެ އަރިހުގައި އިންނެވީ މަޑުންނެވެ. ޓްރަމްޕްގެ އެ ވާހަކައަކީ ޒަމާނުއްސުރެ އެމެރިކާ އިން ހިފަހައްޓަމުން އައި ސިޔާސަތާ ފުށުއަރާ ނިންމެވުމެކެވެ. އަދި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ވެސް ފުށުއަރާނެ ނިންމެވުމަކަށްވާނެ ނިންެމެވުމެކެވެ. ގަދަކަމުން މީހުން ބަދަލު ކުރުމަކީ އދ. ގަބޫލު ކުރާ ހަމަތަކުން ބޮޑު ކުށެކެވެ.
އުރުދުން އިން އެ ވިސްނުމަށް ދެކޮޅު ހަދަނީ އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ވިސްނުމެއް ކަމަށް ބުނެ އެވެ. ނަމަވެސް އެހާ ގިނަ ބަޔަކު އެ ގައުމުގައި ގެންގުޅެވިދާނެ ކަމުގެ ކަންބޮޑުވުން އުރުދުންއިން ފާޅުކުރެ އެވެ.
ފަލަސްތީނުގެ އިތުރު މީހުން ގެންދިއުމުގެ ފުރުސަތު އޮތުމާ ބެހޭ ގޮތުން ރަސްގެފާނު އަބްދުالله ވިދާޅުވީ އެންމެންނަށް ވެސް އެންމެ ރަނގަޅު ހައްލެއް ބޭނުންވާނެ ކަމަށެވެ. އަދި އުރުދުންއިން ފަލަސްތީނުގެ 2،000 ކުއްޖަކު ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ޓްރަމްޕް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް އުރުދުން އާއި މިސްރުގެ ހިއްސާ އޮންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ގާޒާއިން ފަލަސްތީނު މީހުން ބޭރުކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް މިސްރުން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދައިފަ އެވެ. މިސުރުގެ ހާރިޖީ ވުޒާރާއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ގައުމުގެ ވިސްނުމަކީ "ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ ބިމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދޭ ގޮތަށް، ގާޒާ އާރާސްތުކުރުމުގެ ފުރިހަމަ ތަސައްވުރަކާ އެކު އޮތް ޕްލޭނެއް ހުށަހަޅަން" ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ޓްރަމްޕްގެ ސަރުކާރާ ގުޅިގެން މިސުރުގެ ޕްލޭނަށް މަސައްކަތް ކުރުމުގެ "އުންމީދެއް" މިސްރުގައި އެބައޮތް ކަމަށެވެ. ނަމަވެސް ބޭރުގެ އެއްވެސް ފަރާތަކުން ސުލްހައިގެ ހުށަހެޅުމަށް ނުރައްކާވިޔަދީގެން ނުވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ރަސްގެފާނު އަބްދުالله ވައިޓް ހައުސްގެ ބައްދަލުވުމަށް ފަހު ވިދާޅުވީ މެދުއިރުމަތީގެ ގައުމުތައް އޮތީ ގާޒާގެ ރައްޔިތުން ގާޒާގައި ވަޒަންވެރި ކުރުވުމަށް ކަމަށެވެ. އޭނާ 'އެކްސް'ގައި ލިޔުއްވާފައި ވަނީ ޓްރަމްޕާ އެކު ދެކެވުނު ވާހަކަތަކަކީ ބިނާކުރަނިވި ވާހަކަތަކެއް ކަމަށާއި ނަމަވެސް ޓްރަމްޕްގެ ހުށަހެޅުއްވުމާ މެދު އޭނާގެ ގައުމުން ކަންބޮޑުވާ ކަމަށެވެ.
އުރުދުންއަކީ 1948 ވަނަ އަހަރު އިޒްރޭލު ހެދި ފަހުން އެ ތަނުން ނުކުންނަށް މަޖުބޫރުވި ފަލަސްތީނުގެ ރެފިއުޖީންގެ ތެރެއިން އެތައް މިލިއަން ބަޔަކު މިހާރު ވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. އެ މީހުންނަކީ އުރުދުން ކޯރުގެ އިރުމަތީގައިވާ މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ