ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށް ހުރި ގޮންޖެހުންތައް ކުރިއަށް އޮތް ތަނުގައި ބޮޑުވުގެ ފުރުސަތު އެބަ އޮތް ކަމަށާއި ދަތިތަކަށް އަވަސް ނިޒާމީ ހައްލެއް ބޭނުންވާ ކަމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް އަހަރު އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަދުލުވެރި، ހަމަހަމަ އަދި އަހުލުވެރި ނިޒާމެއް ގާއިމް ކުރަން ކުރަންޖެހޭ މަސައްކަތްތައް ގިނަ ކަމަށާއި އެކަމުގައި ހުރި ގޮންޖެހުންތައް ވެސް ބޮޑު ކަމަށެވެ.
ލިބިފައިވާ މަދު ވަސީލަތްތަކަށް ބަލާފައި ފަނޑިޔާރުންނާއި ޖުޑިޝަރީގެ އެންމެހާ މުވައްޒަފުންގެ މަސައްކަތް ވަރަށް ފުރިހަމަކަން ވެސް ފާހަގަ ކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޝަރުއީ ދާއިރާ ހަރުދަނާ ކުރަން ކުރާ މަސައްކަތްތައް ކާމިޔާބު ވާނީ ވެރިކަން ހިންގުމުގެ ބާރާއި ރައްޔިތުންގެ މަޖިލީހުން އަދި މިނިވަން މުއައްސަސާތަކާއި އިދާރާތައް އަދި މަގާމުތަކުގައި ތިއްބެވި ބޭފުޅުން އެކުގައި ގާނޫނީ ވެރިކަން ދަމަހައްޓަން މަސައްކަތްކޮށްގެން ކަމަށެވެ.
"ޝަރުއީ ދާއިރާއަށް ގެންނަން ބޭނުންވާ ބަދަލުތައް އަމަލީ ސިފައެއްގައި ލިބިގެން ދިޔުން އެއީ އަޅުގަނޑުމެން އުންމީދުކުރާ ކަމެއް. އަވަސް ނިޒާމީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އަދުލުއިންސާފާއި ރައްޔިތުންގެ ބާރު ކަށަވަރު ކުރުމުގައި ފަނޑިޔާރުން ސާބިތުކަމާއެކު ތިބެން ޖެހޭ ކަމަށާއި އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތައި، ގާނޫނުއަސާސީ އާއި ގާނޫނުތައް އަދި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް ފަނޑިޔާރުން ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ.
އަލަށް ތައާރަފް ކުރަން ޖެހޭ ފަލްސަފާތަކާއި ބެސްޓް ޕްރެކްޓިސްތައް ގެންނަން ކަމާ ގުޅުން ހުރި ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ޖާގައިގެ ދަތި ކަމަށް ކޮންމެ ވެސް ހައްލެއް މި އަހަރުގެ ތެރޭގައި ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ވަނީ ފަހަރަކު ކޯޓެއްގެ މަސައްކަތް ފާހަގަ ކުރައްވައި އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ތައުރީފް ކުރައްވާފައެވެ.
ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިދާނެ، އަވަސް ނިޒާމީ ހައްލެއް ބޭނުން: އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ