ޑްރައިވަރުންގެ ދެކޮޅު ހެދުންތަކަށް ބެލުމެއް ނެތި، ވައުދާ ހިލާފަށް ސަރުކާރުން ޓެކްސީ ހިދުމަތް ފަށަނީ ޑްރައިވަރުންގެ ދެކޮޅު ހެދުންތަކަށް ބެލުމެއް ނެތި، ވައުދާ ހިލާފަށް ސަރުކާރުން ޓެކްސީ ހިދުމަތް ފަށަނީ

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވީ ވައުދާ ހިލާފުވެ، ޑްރައިވަރުންގެ ދެކޮޅު ހެދުންތަކަށް ވެސް ބެލުމެއް ނެތި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ޝަމީމް ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެމްޓީސީސީއާ ހަވާލުކުރީ 100 ޕަސަންޓް އިލެކްޓްރިކް ވެހިކަލް (އީވީ) ޓެކްސީ ލައިނެއްގެ ހިދުމަތް ދިނުމަށް ކަމަށެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން ޓެކްސީ ހިދުމަތް ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މި އަހަރު ފަށާނެ އެވެ.
މަޝްރޫއުގެ ދެވަނަ ފިޔަވަހި ވިލިމާލެ، ގުޅީފަޅު އާއި ތިލަފުށީގައި 2026 އަދި 2027 ގައި ފަށާއިރު، ތިންވަނަ ފިޔަވަހި ކުރިއަށް ގެންދާނީ ރަސްމާލެ އާއި ގިރާވަރުގަ އެވެ.
އެ ޓެކްސީ ލައިންގެ ތެރެއިން ދާއިމީކޮށް 60 ޕަސަންޓް ޑްރައިވަރުން މަސައްކަތް ކުރާއިރު، ޕާޓް ޓައިމްކޮށް މަސައްކަތް ކުރާނީ 40 ޕަސަންޓް ޑްރައިވަރުންނެވެ. އަދި މެކޭނިކަލް މުވައްޒަފުންނާއި އޮޕަރޭޝަނަލް މުވައްޒަފުންގެ އިތުރުން ސާފުކުރާ މުވައްޒަފުން ވެސް ނަގާނެ އެވެ.
އޭގެއިތުރުން ޓެކްސީ ލައިންގައި ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކުރަން ޖެހެ އެވެ. އެއީ ހަފްތާއަކު 28 ގަޑިއިރު ކަމަށްވާއިރު، މުސާރަ ލިބޭނީ ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާއަކު އެވެ.
ޓެކްސީ ލައިންގެ ސަބަބުން މިހާރު އަމިއްލަ ގޮތުން ޓެކްސީ ހިދުމަތް ދޭ އެހެން ބައެއްގެ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެކަން ޔަގީންކޮށްދީ ޓްރާންސްޕޯޓުން ބުނީ ދެވަނަ ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތަކަށާއި މާލޭގައި ޒަރޫރީ ބޭނުންތަކުގައި ތިބެންޖެހޭ އެހެން މީހުންނަށް ވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކޮށް ޓެކްސީގެ ހިދުމަތް ދިނުމަށް ނިންމާފައިވާކަން އެންމެ ފުރަތަމަ އިއުލާނު ކުރީ މިދިޔަ ޖުލައި 25، ގައި އޮތް ރަސްމިއްޔާތެއްގަ އެވެ. ނަމަވެސް އެކަމާ ދެކޮޅަށް ޓެކްސީ ޑްރައިވަރުން ނުކުމެ އިހުތިޖާޖު ކުރުމުން އޯގަސްޓު 4، ގައި ސަރުކާރުގެ ނިންމުން ބަދަލުކުރި އެވެ.
އެއަށްފަހު ޓެކްސީގެ ހިދުމަތް ދޭން ފަށަން އަލުން ނިންމައި ޓްރާސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިދިޔަ އޮކްޓޫބަރު 29 ގަ އެވެ.
ޓެކްސީ ހިދުމަތް ދޭން ފަށާނީ ސޮއިކޮށްފައި ހުރި ކޮންވެންޝަންތަކާ އެއްގޮތަށް އިލެކްޓްރިކަލް ވެހިކަލްތައް ވެސް ބޭނުން ކޮށްގެން ކަމަށާއި ސްޓެލްކޯގެ ޕަވާ ގްރިޑަށް އެކަށީގެންވާ ވަރަށް 20 ޕަސަންޓާއި 25 ޕަސަންޓާ ދޭތެރޭގައި އިލެކްޓްރިކް ވެެހިކަލްތައް ބޭނުން ކުރާނެ ކަމަށް ވެސް އެ ދުވަހު އަމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ