ރާއްޖޭގެ މާލީ ހާލަތު ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަމުންދާ އިޞްލާހީ ފިޔަވަޅުތައް ބަލައިގަންނަކަމަށާއި، އުންމީދަކީ އެ ފިޔަވަޅުތައް އަވަހަށް ތަންފީޒުވެގެންދާތަން ފެނުންކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނެފިއެވެ.
މީގެއިތުރުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މިހާތަނަށް ރަނގަޅު ފިޔަވަޅުތަކެއް އެޅިފައިވާކަން ފާހަގަކޮށް އެ އިދާރާއިން ވަނީ ތައުރީފުކޮށްފައެވެ. އެގޮތުން ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ފާހަގަކޮށް އައިއެމްއެފުން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.
މިގޮތުން އައިއެމްއެފްއިން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ދަރަންޏާއި ބެހޭ ގާނޫނާއި، ޚަރަދަށް ޒިންމާވުމުގެ ޤާނޫނަށް ގެނައި އިސްލާހުތަކާއި އާސަންދަ ނިޒާމުގެ ތެރެއިން އިސްލާހީ ބަދަލުތަކެއް ގެނެސްފައިވުން ހިމެނެއެވެ. އަދި މިއަހަރު ބަޖެޓުގައި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ހިމެނިފައިވުމުން އެކަމަށްވެސް އައިއެމްއެފުން ވަނީ މަރުހަބާކިޔާފައެވެ.
"މިހާރު ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ ގިނަ ދުވަސްތަކުގެ މަތިން ފުނިޖެހިފައިވާ މައްސަލަތަކެއް. މިއީ އެންމެ ކަމެއް ނޫން. އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުހަބާ ކިޔަން މިއަދުގެ ސަރުކާރުން މިއީ އޮތް މައްސަލައެއްކަން ޤަބޫލުކޮށް، އެކަން ހައްލުކުރަން މަސައްކަތް ކުރާތީ. އަޅުގަނޑުގެ އުންމީދަކީ މިހިރަ މައްސަލަތައް އަވަހަށް ހައްލުވެގެން ދިއުން." އައިއެމްއެފުން ބުނެފައިވެއެވެ.
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް ބަލައިގަންނަކަމަށް އައިއެމްއެފުން ބުނެފައިވާއިރު މި ބައްދަލުވުމުގައި ވާހަކަދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ ސަރުކާރުން އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުމަގައި އައިއެމްފް ފަދަ ބައިނަލްއަޤްވާމީ އިދާރާތަކުގެ އެހީތެރިކަން ބޭނުންވާނެކަން ފާހަގަކުރައްވާފައެވެ.
އުންމީދަކީ ސަރުކާރުގެ މާލީ އިޞްލާހީ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުން: އައިއެމްއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ