މިއަދަށްފަހު ދުންފަތުގެ އިސްތިއުމާލު ކުރެވޭނީ ހުއްދަ ދޭ ކެފޭ ތަކުގައި ކަމަށް ކަނޑައަޅައި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު ހެލްތު މިނިސްޓްރީ އިން އާންމުކޮށްފިއެވެ.
މި ގަވާއިދުގެ ދަށުން މީހުން އެއްވެ އުޅޭ ގިނަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން މަނާކޮށްފައިވީ ނަމަވެސް އެފަދަ ތަންތަނުގެ ތެރެއިން 5 ތަނެއްގައި ސްމޯކިން ރޫމެއް ގާއިމް ކުރެވޭނެއެވެ. އެ ފަސް ތަނަކީ:
- ވައިގެ ބަނދަރުތަކާއި ކަނޑުގެ ބަނދަރުތަކުގެ ތެރެއިން ޓްރާންސިޓް ދަތުރުގެ އިންތިޒާމު ހުންނަ ބަނދަރުތައް
- މޯލްތައް
- ސައިހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓްތައް
- ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުގައި މީހުން ބައިތިއްބާ ތަންތަން
- ސިނާއީ މަސައްކަތް ކުރާ ތަންތަނާއި، މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން ދިރިއުޅެންޖެހޭ ތަންތަން. ( މިސާލު: ރިސޯޓު)
މީގެ އިތުރުން މި 5 ތަން ހިމެނޭ ގޮތަށް ޖުމްލަ 7 ތަނެއްގައި ސްމޯކިން އޭރިއާއެއް ގާއިމުކުރުމަށް ހުއްދަ ދެވިދާނެ ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެއެވެ. އެ ފަސްތަނުގެ އިތުރުން ދެން ގަވާއިދުގައި ހުއްދަ ދެވިދާނެ ކަމަށް ބުނެފައިވަނީ ކާރިސާއެއްގެ ގެއްލުން ލިބުނު މީހުން ވަގުތީ ގޮތުން ތިބޭ ކޭމްޕް ފަދަ ތަންތަނުގައި އޮންނަ ހާމަ ބިންތަކުގެ އިތުރުން ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކާއި ސަރުކާރުގެ ރަސްމީ ޒިންމާ އަދާކުރާ ކޮންމެ އިދާރާއެއްގައި ހުންނަ ހާމަ ބިންތަކުގައެވެ.
ދުންފަތް ކޮންޓްރޯލް ކުރުމުގެ އާންމު ގަވާއިދުގައިވާ ގޮތުގައި ހުއްދަ ދެވިދާނެ ކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވާ ތަންތަނުގައި ސްމޯކިން ރޫމެއް ގާއިމް ކުރުމަށް ލިޔުމުން އެކަމަށް އެދު ހުށަހަޅަން ޖެހޭނެއެވެ. އަދި ލައިސަންސް ފީ އަކަށް 10،000 ރުފިޔާ ވެސް ދައްކަން ޖެހޭނެއެވެ. އަދި ހުއްދަ ދޫކުރުމުގެ ކުރިން އެތަނަކުން ހުއްދަ ހޯދުމަށް ހުށަހަޅާ ލިޔުންތަކާއި އެ ތަނުގެ މިންގަނޑުތައް ހެލްތު މިނިސްޓްރީ އިން ނުވަތަ އެ މިނިސްޓްރީ އިން ކަނޑައަޅާ މުއައްސަސާ އަކުން ބަލައި ފާސްކުރާނެއެވެ.
މި ގަވާއިދުގައި ވިޔަފާރިތަކުން ގަވާއިދާ ހިލާފުވާނަމަ އަޅާނެ ފިޔަވަޅުތަކަކީ:
- ގަވާއިދާ ހިލާފުވާ ފުރަތަމަ ފަހަރު 3،000ރ. އިން ޖޫރިމަނާކުރުން
- ގަވާއިދާ ހިލާފުވާ ދެވަނަ ފަހަރު 5،000ރ. އިން ޖޫރިމަނާކުރުން
- ތިންވަނަ ފަހަރުން ފެށިގެން ތަކުރާރުކުރާ ކޮންމެ ފަހަރަކު ޖޫރިމަނާ ދައްކަން ޖެހޭ އަދަދު ދެ ގުނައަށް އިތުރުވާނެ
- ތިންވަނަ ފަހަރުން ފެށިގެން، ތަކުރާރުކުރާ ކޮންމެ ދެ ފަހަރަކު ދޫކޮށްފައިވާ ލައިސެންސް ވަގުތީ ގޮތުން ހިފެހެއްޓޭނެ
- ލައިސަންސް ހިފަހައްޓާ ފަހަރުތަކުގައި ލައިސަންސް އަލުން ދޫކޮށް ވިޔަފާރިއަށް ހުޅުވޭނީ ދައްކަން ޖެހޭ ހުރިހާ ޖޫރިމަނާއެއް ދައްކާ ހަލާސްކުރުމަށް ފަހު
މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމަށް ހުއްދަ ދޭ ތަންތަން ނުވަތަ ހާއްސަކުރާ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި ޝަރުތުތައް އަދި ހުއްދަ ދޫކުރެވޭނެ މުއްދަތުތައް ހިމަނައިގެން މިނިސްޓްރީން ވަކި ގަވާއިދެއް ހަދައި އާންމު ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ދެން ސިނގިރޭޓު ބޮވޭނީ ހުއްދަ ދޭ ކެފޭ ތަކުގައި: ލައިސަންސް ފީ އަކަށް 10،000 ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ