ޖާބިރުގެ ރިސޯޓްތަކަށް ކުލި ނުދައްކައިގެން އެކައުންޓްތައް ފްރީޒް ނުކުރެވޭނެކަމަށް ހުކުމްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާސްއިން ރިސޯޓް ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދެއްކުމުން އެކުންފުނީގެ އެކުންޓްތައް މީރާ އިން 2017 ވަނަ އަހަރު ފްރީޒް ކުރީ އެއްބަސްވުމާއި ހިލާފަށް ކަމަށާއި ރިސޯޓްތަކުގެ ކުލި ނުދެއްކި ނަމަވެސް މީރާއަށް އެކުންފުނީގެ އެކައުންޓްތައް ފްރީޒް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
ޖާބިރުގެ ކުންފުނީގެ އެކައުންޓްތައް މީރާ އިން ފްރީޒް ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުންނާއި ހައިކޯޓުން ކުރިން އޮތީ ނިންމާފައެވެ. ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ވަނީ ދެކޯޓުގެ ނިންމުން ބާތިލް ކޮށްފައެވެ. ޖާބިރުގެ ކުންފުންޏާއި އެއްކޮޅަށް މިއަދު ނިންމި މައްސަލަ ބެއްލެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އައިޝަތު ސުޖޫން އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އަޒްމިރަލްދާ އެވެ. ހުކުމް ކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މީރާ އިން ޔޮޓް ޓުއާސްގެ އެކައުންޓްތައް ފްރީޒް ކުރީ ހއ.އަލިދޫއާއި ހއ.ބީނާފުށްޓާއި އަދި ކަނޑާލިފިނޮޅުގެ ކުއްޔާއި ޖޫރިމަނާ ފައިސާ ނުދައްކައިގެންނެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ ޔޮޮޓް ޓުއާރޒްއިން ވަކި މުއްދަތެއްގެ ތެރޭގައި ކުލި ނުދައްކައިފިނަމަ ދެން ފިޔަވަޅު އަޅަންވާ ގޮތް އެއްބަސްވުންތަކުގައި ބަޔާންކޮށްފައި އެބައޮތް ކަމަށެވެ. ފަނޑިޔާރު އަޒްމިރަލްދާ ލިޔުއްވި ރައުޔުގައި ވިދާޅުވީ ކޮންޓްރެކްޓުގެ ބައިވެރިއަކީ ދައުލަތްކަމުގައި ވިޔަސް މަދަނީ އެއްބަސްވުންތަކުގައި ކޮންޓްރެކްޓުގެ ވަކި ބައިވެރިއަކަށް ކޮންޓްރެކްޓުގެ ބޭރުން އޭނާގެ ހައިސިއްޔަތުގެ ސަބަބުން ނުވަތަ މަޤާމުގެ ސަބަބުން އިތުރު އިސްކަމެއް ނުވަތަ އިތުރު ފައިދާއެއް ނޯންނާނެ ކަމަށެވެ. "މި މައްސަލައިގައި ހިމެނެނީ ވިޔަފާރީގެ މުޢާމަލާތެކެވެ. އިދާރީ ކޮންޓްރެކްޓް މިއީ ރާއްޖޭގައި ވުޖޫދުވެ އޮންނަ އެއްޗެއްތޯއާއި އިދާރީ ކޮންޓްރެކްޓްގެ ތަބީއަތާ ގުޅޭ ބަހުސަކަށް ދާކަށް ނެތީމެވެ. މި މައްސަލައިގައި ހިމެނެނީ ޓޫރިސްޓް ރިޒޯޓު ތަރައްޤީ ކުރުމާ ގުޅޭ ފަތުރުވެރިކަމުގެ ވިޔާފާރިއާ ގުޅޭ ވިޔަފާރީގެ ކޮންޓްރެކްޓެކެވެ. މިއީ ވިޔަފާރީގެ މުޢާމަލާތެކެވެ. ވިޔަފާރި އެއްބަސްވުމެއްގެ މައިގަނޑު އަސާސަކީ ދެފަރާތުގެ ރުހުމާއި ކޮންޓްރެކްޓުގެ މާއްދާތަކާއި ކޮންޓްރެކްޓުގެ ބައިވެރިން ޤާނޫނުގެ ކުރިމަތީގައި ހަމަހަމަވުމެވެ." ޙުކުމުގައި ވެއެވެ.
ހުކުމުގައި ބުނީ ކުލި ދެއްކުމާ ގުޅޭ ގޮތުން ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުންތައް ތަންފީޒު ކުރުމަށް ކުލި ލިބެންވާ ފަރާތްކަމުގައިވާ ދިވެހި ދައުލަތް ނުކުޅެދިފައިވޭތޯ އާއި ދެފަރާތް ދެމެދުވި އެއްބަސްވުންތަކުގައި މިކަމަށް ހައްލެއް ލިބިދެވިފައި ނުވޭތޯ ކުރާ ސުވާލަށް ޖެހިލާނަމަ އެއްބަސްވުންތަކުގެ ސާފު ސަރީހަ އިބާރާތްތަކުން ކުއްޔަށް ހިފި ފަރާތުން ކުލި ނުދައްކައިފިނަމަ ދެން ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާކަމަށެވެ. އެއްބަސްވުންތަކުގައި ކުލި ނުދެއްކުމުން ދެން ދައުލަތުން ޢަމަލުކުރަންވީ ގޮތް ސަރީޙަ މާއްދާތަކުން ބަޔާންކޮށްފައިވާ ކަމަށާއި ދެފަރާތުގެ ނިޔަތަކީ ކޮބައިކަމާއ،ި މި އެއްބަސްވުންތައް ތަންފީޒު ކުރަން ދެން ޢަމަލުކުރަންޖެހޭ ގޮތާ މެދު އެއްވެސް ސުވާލެއް އުފެދިފައިނުވާ ކަމަށް ހުކުމުގައި ވެއެވެ. އެގޮތުން ޔޮޓް ޓުއާޒްގެ ފަރާތުން ކުލި ނުދައްކައިފިނަމަ އެންމެ ފުރަތަމަ މި އަރަނީ ލިކުއިޑޭޓަޑް ޑެމެޖަސް ކަމާއި މިވެސް ވަކި މުއްދަތަކަށް އެރުމަށްފަހު ފައިސާ ނުދައްކައިފިނަމަ ދައުލަތައް އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
ހުކުމުގައި އިތުރަށް ބުނީ ގާނޫނުގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދެއްގެ ދަށުންވެސް ދައުލަތާ އެކިއެކި ފަރާތްތަކާ މެދު ވެފައިވާ އެއްބަސްވުންތަކުގައި ފިޔަވަޅު އެޅުމަށް ދައުލަތަށް ވަކި ބާރުތަކެއް ލިބިފައިވާކަމަށް ކަނޑައެޅުމަކުން ދެފަރާތް ދެމެދު ވަކި ގޮތަކަށް އެއްބަސްވެފައިވާހާ ހިނދަކު އެފަދަ އެއްބަސްވުންތަކަށް އަސަރުކުރާނެކަމުގައި ނުދެކޭ ކަމަށެވެ.
ދައުލަތް ކަމުގައިވިޔަސް ކޮންޓްރެކްޓެއްގެ ދަށުން އުފެދިދާނެ މައްސަލައެއް ހައްލު ކުރުމަށް ދެފަރާތުން ވަކި ގޮތަކަށް އެއްބަސްވެފައިވާނަމަ އަދި އެއީ ކަނޑައެޅިގެން ޤާނޫނާ ޚިލާފުކަމެއް ކަމުގައިނުވާނަމަ ކޯޓުތަކުންވެސް ދެފަރާތް ދެމެދު އޮތް މައްސަލަ ހައްލުކުރުމަށް އެންމެ ފުރަތަމަ މަސްދަރެއްގެ ގޮތުގައި ރިޢާޔަތްކުރަންޖެހޭނީ އެ އެއްބަސްވުމަށް ކަމަށް ހުކުމުގައި ވެއެވެ.
ކުުލި ނުދައްކައިފިނަމަ ޢަމަލުކުރަންޖެހޭ ގޮތް އެއްބަސްވުންތަކުގައި އެއްވެސް އޮޅުމެއްނެތި ސަރީހަކޮށް ބަޔާންކޮށްފައިވާއިރު ކޮންޓްރެކްޓުގެ އެއް ބައިވެރިއަކު ގަވާއިދަކުން ތައާރުފުކުރާ އެހެން ހައްލެއް އެއްބަސްވުންތަކުގެ މައްޗަށް ހިނގަންޖެހޭ އެއްވެސް ޤާނޫނީ ސަބަބެއްނެތް ކަމަށާއި އަދި މި ނޫންގޮތަކަށް މާނަކުރުމަކީ ވިޔަފާރީގެ ނަޒަރިއްޔާތަކުންވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ނުދެކޭ ކަމަށް ހުކުމް އިއްވަމުން ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
ދައުލަތަކީ އެއްބަސްވުމުގެ އެއް ފަރާތް ކަމުގައިވީތީ ދައުލަތަށް އެއްބަސްވުންތަކުގެ ބޭރުން ޤާނޫނާއި ގަވާއިދަށް ގެންނަ ބަދަލުތަކުގެ ސަބަބުން ދެފަރާތުން އެއްބަސްވެފައިވާ ގޮތް އަމިއްލައަށް ނުވަތަ ޔުނިލެޓަރަލީ ބަދަލުކުރެވިދާނެކަމަށް ކޯޓުތަކުން ބަލައިގަތުމަކ،ީ ކޮންޓްރެކްޓާބެހޭ މައި އުސޫލުކަމުގައިވާ ކޮންޓްރެކްޓުގެ ބައިވެރިންގެ ރުހުމުގެ މަބްދައުއާ ޚިލާފު އަދި ދެފަރާތު ދެމެދު ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ މުޅި މަޤުސަދާ ޚިލާފު ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި މައްސަލައިގައި ކުލި ނުދައްކައިފިނަމަ ޢަމަލުކުރަންޖެހޭ ގޮތް ސާފުކޮށް އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާއިރ،ު މީރާ މެދުވެރިކޮށް އެކައުންޓް ފްރީޒްކުރުމުގެ ހައްލު ދައުލަތަށް ދެން ބޭނުންކުރެވޭނީ ދެފަރާތް ދެމެދުވި އެއްބަސްވު ންތަކު ގައި ގަވާއިދުގައިވާ އެ ހައްލު ބޭނުންކުރުމަށް ދެފަރާތުން އެއްބަސްވ،ެ އެއްބަސްވުންތަކަށް އިސްލާހެއް ގެނެވުނުނަމަ ކަމަށް ވެސް ހުކުމުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ