ސަރުކާރުން މި އަހަރު ފެށުމަށް ތައްޔާރުވަމުންދާ "މާލެ ޓެކްސީ" ލައިނާއެކު މިހާރު ޓެކްސީގެ ހިދުމަތް ދޭ އަމިއްލަ ވިޔަފާރިތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށާއި މި ޚިދުމަތް ފެށުމުން އަމިއްލަ ޓެކްސީތަކުގެ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވާނެ ކަމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ ސަރުކާރުގެ ޓެކްސީލައިން ތައާރަފް ކުރުމަށް އެމްޓީސީސީއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޓެކްސީގެ ޚިދުމަތަކީ މިއަދު މާލޭ ސަރަހައްދުގައި އަސާސީ ޚިދުމަތަކަށް ވެފައިވާ ކަމަށާއި އެންމެންނަށް ލުއި ފަސޭހަ، އިތުބާރު ހިފޭ އަދި ރައްކާތެރި ޓެކްސީ ޙިދުމަތެއް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދޭން ޖެހިފައިވާ ކަމަށެވެ.
ޓެކްސީގެ ހިދުމަތް ހޯދުމުގައި އާންމުންނަށް މިހާރު ދިމާވާ ދަތިތަކަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭގެ ތެރޭގައި ޓެކްސީގެ ހިދުމަތުގެ ފެންވަރު ދަށްވުމާއި ރައްކާތެރިކަން ކަށަވަރު ނުވުމާއި، ބައެއް ސަރަހައްދުތަކަށް ދަތުރުތައް ނުކޮށްދީ، ޑްރައިވަރުން ބޭނުންވާ ތަންތަނަށް އެކަނި ދަތުރުތައް ކޮށްދިނުމާއި، ޑްރައިވަރުން ބޭނުން އަގެއް ނަގައިގެން ދަތުރުތައް ކުރުން އަދި މުހިންމު ގަޑިތަކުގައި ޓެކްސީގެ ހިދުމަތް ނުލިބުން ފަދަ ކަންކަން ހިމެނޭ ކަން މިނިސްޓްރީން ކުރި ބައެއް ދިރާސާތަކުން އެނގޭ ކަމަށެވެ.
އަމީން ވިދާޅުވި ގޮތުގައި ޓެކްސީ ހިދުމަތުގެ ފެންވަރު ދަށްވީ، އެ ހިދުމަތް ރެގިއުލޭޓްކުރަން ސަރުކާރުން ގަވާއިދުތައް ހެދި ނަމަވެސް، މޮނީޓަކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ޚިދުމަތް ފެށި ކަމުގައި ވީނަމަވެސް މިހާރު ޓެކްސީ ވިޔަފާރި ކުރަމުންދާ އެއްވެސް ޚިދުމަތަކަށް ހުއްޓުމެއް ނާންނާނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް ޚިދުމަތް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އޮންނާނެކަން ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ޓެކްސީ ފެންވަރު ރަނގަޅު ވުމުގެ ނަތީޖާއަކަށް ވެގެންދާނީ ޚިދުމަތްދޭ އެހެން ފަރާތްތަކުގެ ޚިދުމަތްތައްވެސް މިހާރަށް ވުރެ ފެންވަރު ރަނގަޅު ވެގެން ދިޔުން ކަމަށެވެ.
"މި ހިދުމަތް މިގޮތަށް ފެށީމަ، ރެގިއުލޭޓް ކުރެވުނީމަ، އެއާ ގުޅިގެން އަމިއްލަ ފަރާތްތަކުން ދެއްވާ ހިދުމަތްތައް ވެސް އެ ސްޓޭންޑާޑަށް ބަދަލުވެގެންދާނެ ކަން އެނގޭ، އަޅުގަނޑުމެންނަށް މިހާރު ފެންނަން އޮތް ހަގީގަތެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިފަދަ ޓެކްސީ ލައިނެއް ހެދުމުން މިއަދު ޓެކްސީގެ ހިދުމަތުގައި ތިއްބަވާ ބޭފުޅުންނަށް މީގެން ލިބޭނެ ދަތިކަމެއް ވެސް ނޯންނާނެ"، އަމީން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ޓައިމްލައިނަށް ބަލާއިރު ފުރަތަމަ ފިޔަވަހީގައި މި އަހަރު ޚިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. ދެވަނަ ފިޔަވަހީގައި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގައި 2026 އަދި 2027 ވަނަ އަހަރު ޚިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި 2028 އަދި 2029 ވަނަ އަހަރު ރަސްމާލެ، ގިރާވަރު، އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގައި ޚިދުމަތް ފެށުމަށް ހަމަޖެހިފައިވެއެވެ.
މި ޓެކްސީ ތަކުގެ ސްޕީޑް މޮނީޓާ ކުރެވޭއިރު، ސީސީޓީވީ އަދި ޑޭޝްކެމް ހަރުކޮށްފައި ހުންނާނެއެވެ. ދަތުރަށް ހޭދަވި ވަގުތާއި އެހެނިހެން ކަންކަމަށް ހޭދަވި ވަގުތު ވެސް މޮނީޓާ ކުރެވޭނެއެވެ. މި ޓެކްސީ ތަކުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެއެވެ.
މި ޚިދުމަތް ފަރުމާ ކޮށްފައި ވަނީ ގެއްލުން ނުވާނެ، ދެމެހެއްޓެނިވި ނިޒާމެއް ގޮތަށް ކަމަށާއި، މަހުން މަހަށް ނުވަތަ އަހަރުން އަހަރަށް ވިޔަސް ދައުލަތުގެ ބަޖެޓުން ސަބްސިޑީއެއް ދޭން ނުޖެހި ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
ސަރުކާރުގެ ޓެކްސީ ލައިން ފެށުމުން އަމިއްލަ ޓެކްސީތަކުގެ ޚިދުމަތުގެ ފެންވަރުވެސް ރަނގަޅުވާނެ: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ