އިގުތިސޯދީ ކުރިއެރުމާއި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރަން, ހަރަދު ކުޑަކުރަން އަޅަން ރާވާފައިވާ ފިޔަވަޅުތައް ލަސްނުކޮށް ވީހާ ވެސް އަަވަހަށް އެ ފިޔަވަޅުތައް ތަންފީޒުކުރަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ގޮވާލަައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީއާއެކީ ބޭއްވި ބައްދަލުވުމުގައި އައިއެމްއެފްއިން ބުނީ, ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމާއެކީ މުޅި އިގުތިސޯދަށް ވެސް އޭގެ މަންފާ ލިބި ރަނގަޅު ދުވެއްޔެއްގައި ކުރިއަރާފައިވާ ކަމަށެެވެ. އަދި މި އަހަރުގެ ތެރޭގައި ވެލާނާ އެއާޕޯޓު ހުޅުވިއްޖެ ނަމަ އެ ކަމުގެ ފައިދާތައް ވެސް އިގުތިސޯދަށް ކުރާނެ ކަމަށް ވެސް ބުންޏެވެ.
އައިއެމްއެފްއިން އަންދާޒާ ކުރަނީ މި އަހަރުގެ ތެރޭގައި ވެސް ރާއްޖޭގެ އިގުތިސޯދު ފަސް ޕަސެންޓު ކުރިއަރާނެ ކަމަށެވެ. އަދި މިއީ އެހެން ގައުމުތަކާ އަޅައިބަލާއިރު, ރަނގަޅު ކުރިއެރުމެއް ކަމަށް ވެސް އައިއެމްއެފްއިން ފާހަގަކުރި އެވެ.
އެހެން ނަމަވެސް, މި ކުރިއެރުމަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށް އައިއެމްއެފްއިން ކޮމިޓީގައި ބުންޏެވެ. އޭގެ ތެރޭގައި ދަރަންޏާއި ހަރަދުތަކުގެ ކަންބޮޑުވުން މެންބަރުންނާ ހިއްސާކުރަމުން އައިއެމްއެފް ވަފުދުގައި އިސްކޮށް ހުންނެވި ޕިޔަޕޯން ނިކީ ސޮދްސިރީވްބޯން ވަނީ ކަންކަން ރަނގަޅު ކުރަން ވަގުތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.
އައިއެމްއެފްއިން އެންމެ ބޮޑަށް ބާރު އަޅަނީ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި ސަރުކާރުގެ މާލީ އިސްލާހީ އެޖެންޑާ ތަންފީޒުކުރުން އަވަސްކުރާށެވެ.
އެ ގޮތުން މި އަހަރުގެ ބަޖެޓުގައި ރާވާފައިވާ ގޮތަށް ސަބްސިޑީ ނިޒާމު މިހާރު އޮތް ގޮތް ބަދަލުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ލިބޭ ޑައިރެކްޓް ސަބްސިޑީ ނިޒާމަކަށް ދާން ޖެހޭ ކަމަށް ސޮދްސިރީވްބޯން ވިދާޅުވި އެވެ. އަދި އެސްއޯއީތަކާއި އާސަންދަ ނިޒާމު ރިފޯމް ކުރާ މަސައްކަތްތައް ވެސް ކުރިއަށް ގެންދަން އޭނާ ބާރުއެޅުއްވި އެވެ.
އެހެން ކަންބޮޑުވުމެއްގެ ގޮތުގައި އައިއެމްއެފްގެ ވަފުދުން ފާހަގަކުރީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން މާލީ ގޮތުން ހުރި ގޮންޖެހުންތަކެވެ. އައިއެފްއިން ބުނީ މި މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތައް ހުރިއިރު, ސަރުކާރުން ބުނެފައިވާ ގޮތަށް ޕީއެސްއައިޕީ ރީޕްރަޔޮޓޯރައިޒްކޮށް ބައެއް މަޝްރޫއުތައް ހުއްޓާލައި ނޫނީ ކުޑަކުރަން ޖެހޭ ކަމަށެވެ.
މާލީ ސިޔާސަތުތަކާ ގުޅޭ ގޮތުން އައިއެމްއެފްއިން ބުނީ ފައިސާ ޗާޕުކުރުން ހުއްޓާލުމާއި މަރުކަޒީ ބޭންކުން ގެންގުޅޭ އެކްޓިވް މަނިޓަރީ ޕޮލިސީއަކީ ރަނގަޅު ބަދަލުތަކެއް ކަމަށެވެ. ނަމަވެސް ދައުލަތުގެ ސެކިއުރިޓީތަކަށް އިންވެސްޓުކުރުން އިތުރުވުމާ ގުޅިގެން ނިޒާމީ ގޮތުން މާލީ ދާއިރާގައި ހުރި ހިރާސް ބޮޑު ކަމަށް އައިއެމްއެފްއިން ބުންޏެވެ.
ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 120 ޕަސެންޓުގައި ހުރިއިރު, މި މައްސަލަ ހައްލުކޮށް ދަރަނީގެ ދެމެހެއްޓެނިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ވެސް އައިއެމްއެފްގެ ވަފުދުގެ ބޭފުޅުން ފާހަގަކުރި އެވެ.
މިކަމަށް ފަހިކުރުމުގެ ގޮތުން, މިދިޔަ އަހަރުގެ ތެރޭގައި މާލީ ގާނޫނުތަކަށް ގެނައި ބަދަލުތައް ރަނގަޅުކަން ފާހަގަކުރަމުން މި މަގަށް ސިޔާސަތުތައް ބަައްޓަން ކުރަން އައިއެމްއެފްއިން ބާރުއަޅާ ކަަމަށް ބުނެފައިވެ އެވެ. އަދި ދުރު ރާސްތާގައި އިގުތިސޯދީ ކުރިއެރުމަށް ފަހިކުރަން މި ބަދަލުތައް ކޮންމެހެން ބޭނުންވާ ކަަމަށް ވެސް އައިއެމްއެފްއިން ކޮމިޓީގައި ބުންޏެވެ.
އައިއެމްއެފްގެ ވަފުދު މިހާރު ރާއްޖެ އައިސްގެން އުޅެނީ އެ އިދާރާއިން ކޮންމެ އަހަރަކު އެއް ފަހަރު ގައުމުތަކުގެ މާލީ ސިއްހަތު ވަޒަންކުރަން ކުރާ "އާޓިކަލް 4 މިޝަން" ގެ ދަށުންނެވެ.
ވަގުތެއް ނެތް, ހަރަދު ކުޑަކުރުން އަވަސް ކުރަން ޖެހޭ: އައިއެމްއެފް ވަގުތެއް ނެތް, ހަރަދު ކުޑަކުރުން އަވަސް ކުރަން ޖެހޭ: އައިއެމްއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ