ފްރީޒޯން ކުންފުނީގެ ސީއީއޯއަކަށް ކުރީގެ މާލީ ވަޒީރު ޑރ. ޝަފީޤް

މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަޤާމަށް ކުރީގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު އައްޔަންކުރައްވައިފިއެވެ. ޑރ. ޝަފީޤް އެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. އެކަން ޑރ. ޝަފީޤު ވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުނީގެ ސީއީއޯގެ މަޤާމަށް ޑރ. ޝަފީޤް އައްޔަންކުރެއްވިއިރު ހުންނެވީ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީގެ ޗެއަރމަން ކަމުގައެވެ.
ޑރ. ޝަފީޤު ވަނީ މީގެކުރިން ވެސް އެޗްޑީއެފްސީގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން، މި ސަރުކާރުގެ ފުރަތަމަ މާލީ ވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެޗްޑީއެފްސީގެ ފައިނޭންސް ހެޑްގެ މަޤާމުގައެވެ.
މާލީ ވަޒީރުގެ މަޤާމަށް ޝަފީޤު އައްޔަން ކުރެއްވީ 17 ނޮވެމްބަރ 2023ގައެވެ. އެ މަޤާމުން އެމަނިކުފާނު އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވިޔަފާރީގެ ޙަރަކާތްތައް އިތުރުކޮށް އިޤްތިޞާދު ސިންދަފާތުކުރުމަށް ޚާއްސަ ކުންފުންޏެއް އުފައްދަވާފައެވެ. މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް ފްރީޒޯން ކުންފުނީގެ ނަމުގައި އުފެއްދި މި ކުންފުނިން އިމްޕޯޓް، އެކްސްޕޯޓް އަދި ރީއެކްސްޕޯޓްގެ ވިޔަފާރިކުރާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އެ ކުންފުނި އުފައްދާފައިވަނީ ސަރުކާރު ހިއްސާވާ 5 ކުންފުންޏެއްގެ ހިއްސާ އޮންނަ ގޮތަށެވެ. އެއީ އެސްޓީއޯއާއި، އެޗްޑީސީއާއި، އެމްޕީއެލްއާއި އެމްޓީސީސީއާއި އެމްއޭސީއެލްއެވެ. އެކުންފުނީގެ ދަށުން މިހާރު ހިންގަމުންދާ މަޝްރޫޢުތަކުގެ ތެރޭގައި އިހަވަންދިޕޮޅު ތަރައްޤީކުރުމުގެ މަޝްރޫޢުއާއި، ރާއްޖޭގެ ދަނޑުވެރިކަމުގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުގެ މަޝްރޫޢު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ