މަސްތުވާތަކެތީގެ ވިޔަފާރި ކުރި 20 މީހަކު އުމުރަށް ޖަލަށްލާން މިދިޔަ އަހަރު ހުކުމްކުރި

މަސްތުވާތަކެތި ވިޔަފާރި ކުރުމުގެ ކުށް ސާބިތުވި 20 މީހަކު އުމުރަށް ޖަލަށްލާން މިދިޔަ އަހަރު ހުކުމްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރު ކްރިމިނަލް ކޯޓުން މަސްތުވާތަކެތީގެ ޖުމްލް 137 މައްސަލައެއްގައި ގޮތް ނިންމާފައިވާ ކަމަށެވެ.
އޭގެތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޝަރީއަތުގައި އިއުތިރާފުވުމުން ފަރުވާގެ ފުރުސަތު ދިނުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ޑްރަގް ކޯޓަށް ހުށަހެޅުމަށްޓަކައި އަނބުރާ ގެންގޮސްފައިވާ މައްސަލަތަކާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދައުވާ މުރާޖައާކުރުމަށްފަހު އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމައި އަނބުރާ ގެންގޮސްފައިވާ މައްސަލަތައް ހިމެނޭކަން ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
ކްރިމިނަލް ކޯޓުން ބުނީ ނިމިދިޔަ އަހަރު ކޯޓުން މައުޟޫއީ ގޮތުން ބަލައި ހުކުމްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން 95 ޕަސެންޓަށްވުރެ ގިނަ މައްސަލަތަކަކީ ސާބިތުވެގެން ނިންމާފައިވާ މައްސަލަތައް ކަމަށެވެ.
އެގޮތުން ފާއިތުވި އަހަރު މަސްތުވާތަކެތި ވިޔަފާރިކުރުމުގެ ކުށް ސާބިތުވެ ޖުމްލަ 20 މީހަކު އުމުރަށް ޖަލަށްލުމަށް ކޯޓުން ހުކުމްކޮށްފައިވާއިރު، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގައި 7 މީހަކު 12 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
މި މައްސަލަތަކާއި ގުޅިގެން 10،200،000 ރުފިޔާއަށްވުރެ ގިނަ އަދަދެއްގެ ފައިސާ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދެއްކުމަށް ޝަރީއަތުން ހުކުމްކޮށްފައިވާކަން ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ