މަޖިލީޙުގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށް ގަވާއިދަށް އިސްލާހެއް

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ކުރުކޮށްލުމަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ ގަވާއިދަށް މެންބަރު މިއަދު ހުށަހެޅުއްވި އިސްލާހުގައި ފުރަތަމަ ދައުރު ފެށުން ޖެނުއަރީ މަހަށް އަވަސްކޮށް އަދި އެ މަހުގެ ނިޔަލަށް އެ ދައުރު ކުރުކޮށްލުމަށް ވަނީ ހުށަހަޅާފައެވެ.
މެންބަރު ވަނީ މަޖިލީހުގެ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގައި މަޖިލީހުގެ ދައުރުތައް ބެހިގެންވާ ގޮތް އިސްލާހު ކުރުމަށް ހުށަހަޅާފައެވެ.
1. މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށެވެ.
2. މަޖިލީހުގެ ދެވަނަ ދައުރު ހިނގާނީ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށެވެ.
3. މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
އެ މާއްދާއަށް އަކުރެއް އިތުރު ކުރުމަށް ވެސް ވަނީ ހުށަހަޅުއްވާފައެވެ. އެގޮތުން ގަވާއިދަށް އަމަލު ކުރަން ފަށާއިރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ހިނގާނީ އެ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށާއި މި އަހަރުގެ މަޖިލީހުގެ ދެވަނަ ދައުރާއި ތިންވަނަ ދައުރު ހިނގާނީ އެ މާއްދާގެ 2 އަދި 3 ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ގޮތަށް ކަމަށެވެ.
މަޖިލީހުން މި އިސްލާހު ފާސްކުރަން ފަށާ ތާރީޚުން ފެށިގެން މި އިސްލާހަށް އަމަލުކުރާނެއެވެ. މި އިސްލާހު ބަލައިގަނެ ކަމާ ބެހޭ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން ފުރަތަމަ ދައުރު އޮންނަނީ ފެބްރުއަރީ މަހުން ފެށިގެން މެއި 15 ގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރު ޖޫން މަހުން ފެށިގެން އޮގަސްޓު މަހުގެ 15 ވަނަ ދުވަހަށް އޮންނައިރު، ފަހު ދައު އޮންނަނީ އޮކްޓޯބަރު މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ