ކުށް ސާބިތު ނުވާ މީހުންގެ މުދާ ދައުލަތަށް ނެގޭ ގޮތަށް ގޭންގު ބިލުގައި އޮތުމުން ކޯޓުތަކުގެ ބާރު ކެނޑޭ: ކުޑޫ ކުށް ސާބިތު ނުވާ މީހުންގެ މުދާ ދައުލަތަށް ނެގޭ ގޮތަށް ގޭންގު ބިލުގައި އޮތުމުން ކޯޓުތަކުގެ ބާރު ކެނޑޭ: ކުޑޫ

މަޖިލީހަށް މިހާރު ހުށަހަޅައި ބަހުސް ކުރަމުންދާ ގޭންގު ކުށް މަނާކުރުމުގެ ބިލު ފަރުމާ ކޮށްފައި އޮތް ގޮތުން ކުށް ނުކުރާ މީހުން ވެސް ގޭންގު ކުށުގެ ޒިންމާ އުފުލަންޖެހިދާނެ ހާލަތަތްތަކެއް އުފަންވާ ކަމަށާއި ކުށް ސާބިތު ނުވާ މީހެއްގެ މުދާ ދައުލަތަށް ނެގޭނެ ހަމަތަކެއް އެ ބިލުގައި ހިމަނާފައިވާ މާއްދާ އެގޮތަށް ފާސްކޮށްފި ނަމަ ޝަރުއީ ކޯޓުތަކުން ނިންމާ ނިންމުންތަކުގެ ބާރު ކެނޑިގެންދާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން މުހައްމަދު އިބްރާހިމް ވިދާޅުވީ ކުށް ސާބިތު ނުވާ މީހާ އެ ހުންނަނީ ކުށުން ބަރީއަވެފައި ކަމަށާއި ކުށް ސާބިތު ނުވާހައި ހިނދަކު ހަމަ ކޮންމެ މީހަކީ ވެސް މައުސޫމް މީހެއްކަމަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާން ކޮށްފައި އޮންނަ ކަމަށެވެ.
"އެހެންވީމާ ކުށް ސާބިތު ނުވީމާ އެ މީހާގެ މުދާ ދައުލަތަށް ނެގުމަކީ އެއްވެސް ހަމައަކުން ހަމަޖެހޭ ކަމެއް ނޫން، މިފަދަ މާއްދާއެއް ގާނޫނުގައި ހިމެނުމަކީ ކަނޑައެޅިގެން ކޯޓުތަކުގެ ނިންމުންތަކުގެ ބާރު ކަނޑުވައިލާ ކަމެއް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އެ ބިލުގެ 26 ވަނަ މާއްދާގައި ކުށް ކުރާ ގްރޫޕަކާ ގުޅިފައިވާ "އެއްވެސް މީހެއް" ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއް ކަމަށް އޮތުމުން ވަރަށް ފުޅާ މާނަ ކުރުމަށް މަގުފަހިވާ ކަމަށެވެ. އަދި ބިލު މިހާރު އޮތް ގޮތުން ޖިނާއީ ކުށްކުރާ ކަމަށް ބެލެވޭ ދެ މީހަކު ފުޓުބޯޅަ ކުލަބެއްގައި ހިމެނިއްޖެ ނަމަ އެ ކުލަބަކީ ކުށްކުރާ ގުރޫޕެއްގެ ގޮތުގައި ލޭބަލްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"[ބިލުގެ] ހަ ވަނަ މާއްދާގެ ށ. ގައި މިއޮތީ ޖިނާއީ ކުށެއްގައި ބައިވެރިވީ އެ ގުރޫޕުގެ ދެތިން މީހުން ކަމުގައި ވިޔަސް ކުށްކުރުމުގައި އެއްވެސް ވަރަކަށް ބައިވެރި ނުވާ މީހުން ވެސް ހިމަނައިގެން އެއީ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއްގެ ގޮތުގައި ބެލެވިދާނެ ކަމަށް. މިހެން އޮތުމުން ކަމާ ނުބެހޭ މީހުން ވެސް ކުށުގެ ޒިންމާ އުފުލަން ޖެހިދާނެ ގިނަ ހާލަތްތަކެއް ކުރިމަތިވާނެ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އޭގެ އިތުރުން ގޭންގު ކުށްތަކަށް އަރައިގަންނަ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ ބައެއް މީހުންނަށް 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާ ބައްދަލު ނުކުރެވޭ ގޮތަށް އޮތުމުން އަސާސީ ހައްގެއް ގެއްލިދާނެ ކަމަށާއި އެކަމާ ވިސްނައިލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި މާއްދާ މިހެން އޮތީ ކުށުގެ ތުހުމަތުގައި ހުރި މީހާއަށް ކުށް ކުރުމަށް ނުވަތަ ހެކި ނައްތައިލަން ގާނޫނީ ވަކީލު މަގުފަހި ކޮށްދީފާނެ ކަމަށް އެސިއުމް ކޮށްގެންތޯ. މި ވާހަކައަކީ އަޅުގަނޑުމެން ވިސްނައިލަންޖެހޭ ކަމެއް. ގާނޫނީ ވަކީލުގެ އެހީތެރިކަމަކީ ވަރަށް އަސާސީ ހައްގެއް،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ގޭންގު ކުށްތައް މަނާ ކުރުމުގެ ބިލުގައި ގޭންގުތައް ކަނޑައަޅާނެ ގޮތާއި އެފަދަ ގޭންގުތަކުގައި ބައިވެރިވާ މީހުންނަށް ދެވޭނެ ހަރުކަށި އަދަބުތައް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ގޭންގުތަކުގައި ބައިވެރިވާ މީހުންގެ މުދާ ދައުލަތަށް ނެގޭނެ ގޮތްތަކާއި އެފަދަ މީހުންނަށް ދޭނެ ސީދާ އަދަބުތައް ބިލުގައި ހިމަނާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ