ބޯޓަކަށް ހަމަލާދިނުމުން އެމެރިކާއިން އީރާނަށް އަނެއްކާވެސް ހަމަލާ ދީފި

ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ކޮންޓެއިނާ ބޯޓަކަށް އީރާނުން "ވަރުގަދަ ހަމަލާއެއް" ދިނުމާ ގުޅިގެން، އީރާނަށް އަމާޒުކޮށް އަސްކަރީ އާ ހަމަލާތަކެއް ދީފައިވާ ކަމަށް އެމެރިކާގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ބުނެފި އެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ނެރުނު ބަޔާނެއްގައި ބުނީ، އެމެރިކާ ގަޑިން ހޮނިހިރު ދުވަހުގެ ރޭގަނޑު 7:15 (ޖީއެމްޓީން ރޭގަނޑު 11:15) ގައި ފެށި މި ހަމަލާތައް ދޭން ޖެހުނީ، ސައިޕްރަސްގެ ދިދާގައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރަމުންދިޔަ ބޯޓަކަށް އީރާނުގެ އިންގިލާބީ ލަޝްކަރުގެ ފައުޖުތަކުން ފާޅުގައި ހަމަލާދިނުމާ ގުޅިގެން ކަމަށެވެ.
"އާންމު ދަތުރުވެރިންނަށާއި، މި ކަނޑުއޮޅިން މިނިވަންކަމާ އެކު ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް ހަމަލާދިނުމަށް އީރާނަށް ލިބިފައިވާ ގާބިލުކަން ނައްތާލުމަށްޓަކައި އެމެރިކާއިން ދަނީ އީރާނަށް ބޮޑެތި ގެއްލުންތަކެއް ދެމުން،" ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީދާ އެންގެވުމަކަށް މި ހަމަލާތައް ދެމުންދާކަން ފާހަގަކުރަމުން ސެންޓްކޮމްއިން ބުންޏެވެ.
"އީރާނުން ނިންމީ ވަރަށް ގޯސް ނިންމުމެއް. މިހާރު އެ މީހުން އެކަމުގެ އަގު އަދާކުރަންޖެހޭނެ،" ހަމަލާތަކާ ބެހޭ ގޮތުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވި އެވެ.
މި ހަމަލާތަކާ ދިމާކޮށް، "އިތުރު ގޮތަކަށް އަންގަންދެން" ހޮރްމުޒް ކަނޑުއޮޅި ބަންދުކުރާނެ ކަމަށް އީރާނުގެ އިންގިލާބީ ލަޝްކަރުން ބުނެފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން، އިންގިލާބީ ލަޝްކަރުން ވަނީ ހުއްދަ ނޫން މަގަކުން ދަތުރުކުރި އުޅަނދަކަށް އަމާޒުކޮށް އިންޒާރުގެ ބަޑީގެ ހަމަލާތަކެއް ދީފަ އެވެ. އެ އުޅަނދަށް ހަމަލާ ދިނީ ހުއްދަ ނެތް މަގަކުން ދާތީ އިންތިޒާރު ދިނުމުން ވެސް އިޖާބަ ނުދީ ދަތުރުކުރުމުން ކަމަށް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ